ރަސްމާލޭގެ ދެބައި ކުޅަ އެއްބައި ހިއްކައި ނިމިއްޖެ: މިނިސްޓްރީ

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: އެ މަޝްރޫއުގެ ދެބައި ކުޅަ އެއްބައި ވަނީ ހިއްކާ ނިމިފައި --- ފޮޓޯ/ އެމްއޭސީއެލް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލޭގެ ދެބައި ކުޅަ އެއްބައި ހިއްކައި ނިމިއްޖެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީއާ ހަވާލާދީ، ދައުލަތުގެ މީޑިއާއިން ވަނީ، ރަސްމާލޭގެ 55 އިންސައްތަ ހިއްކާ ނިމިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

މިގޮތުން، މިހާތަނަށް 556.54 ހެކްޓަރުގެ ބިން، ރަސްމާލޭން ހިއްކާފައިވާ ކަމަށް އެ މިނިސްޓްރީއާ ހަވާލާދީ ޕީއެސްއެމްގައިވެއެވެ.

އެގާރަ ސައިޓަކަށް ބަހާލައިގެން ހިއްކާ ރަސްމާލޭން ޖުމުލަ 1،009 ހެކްޓަރު ހިއްކާނެއެވެ. ސަރުކާރުން ބުނާ ގޮތުގައި، އެ މަޝްރޫއުގެ ދަށުން 65،000 މީހުންނަށް ގެދޮރު ޔަގީންވާނެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: އެ މަޝްރޫއުގެ ދެބައި ކުޅަ އެއްބައި ވަނީ ހިއްކާ ނިމިފައި --- ފޮޓޯ/ އެމްއޭސީއެލް

ރަސްމާލޭގެ ދެބައި ކުޅަ އެއްބައި ހިއްކާ ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި މި ވަނީ، އެ މަޝްރޫއު ކުރިއަށް ނުދާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން އަންނަނިކޮށެވެ.

ރަސްމާލެ ތަރައްގީކުރަން ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިފުތިތާހުކޮށްދެއްވީ ޑިސެންބަރު 18، 2023ގައެވެ.

އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަށް މަހުން ނިންމާނެ ކަމަށެވެ. ނަމަވެސް އެ މަަސައްކަތް ލަސްވަމުން ގޮސް، ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު ވެސް ބިން ހިއްކުމުގެ މަސައްކަތް ނުނިމެއެވެ.

ރަސްމާލެ ހިއްކަން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ވަނީ ގެނެސްފައެވެ. އެ ތަން ހިއްކުމުގެ މަސައްކަތް ކުރަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކޮށްގެންނެވެ.

ޖަނަވަރީ 22، 2024ގައި ރައީސް ވަނީ، ރަސްމާލެއާއި މާލެ ގުޅުވާލާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ޓަނަލަކުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެފަދަ ޓަނަލެއް އެޅުމުގެ ޓެކްނޮލޮޖީއެއް ދުނިޔޭގައި މި ވަގުތު ފެންނަން ނެތް ކަމަށެވެ.

https://sun.mv/219884

މިނިސްޓަރު ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް، ރައީސް އެ ތަސައްވުރު ދެކެވަޑައިގަތީމާ ދެން އޮންނާނީ އެ ކަމަށް މަސައްކަތްކުރުން ކަމަށެވެ. އެހެންވެ، އެ ކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

މިދިޔަ މާރިޗު 30ގައި ރައީސް ވަނީ އެ މަޝްރޫއުގެ އަދާހަމައެއް ދެއްވާފައެވެ. މިގޮތުން، ބިއްލޫރި ޓަނަލުގެ ފަންނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެކަމަކު މިވަގުތު ސަރުކާރުން އިސްކަންދެނީ ރަސްމާލެ ހިއްކައި ނިންމަން ކަމަށް އެ ދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް