ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށްފައިނުވާ ކަމަށާއި އާންމުންގެ ޒާތީ މައުލޫމާތުތައް ލީކުކުރީ، އެ ކުންފުނީގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
ޓެކްސީ ލައިން އެޕްލިކޭޝަންގައި ޓެކްސީ ޚިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަންތައް ބަދަލުވެ، އޭގެ ފަހުން އެޕްލިކޭޝަންގެ ޚިދުމަތް މުޅިން މެދުކެނޑި، އެއްގޮތަކަށް ވެސް ޚިދުމަތް ނުލިބޭ މައްސަލައެއް ރޭގެ ވަގުތެއްގައި ވަނީ ފެންމަތިވެފައެވެ.
އެއަށްފަހު، ސޯޝަލް މީޑިއާއަށް ލީކުކޮށްލި މައުލޫމާތުތަކުގެ ތެރޭގައި އެޕްލިކޭޝަން ބޭނުންކުރި އާންމު ރައްޔިތުންގެ ޒާތީ ސިއްރު މައުލޫމާތުތަކާއި ނަމާއި ފޯނު ނަންބަރާއި ވޮލެޓު އައިޑީ އަދި އީމެއިލް އެޑްރެސް ހިމެނެއެވެ.
މި ކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނުގައި ވަނީ، ޓެކްސީ އެޕު ހެކު ކުރިކަން ދޮގުކޮށްފައެވެ.

މާލެ ޓެކްސީ ލައިންގެ ޚިދުމަތްދޭ ކާރުތަކެއް: ޓެކްސީ އެޕު ހެކެއް ނުކުރޭ، ޒާތީ މައުލޫމާތުތައް ލީކުކުރީ ކުންފުނީގެ މުވައްޒަފެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައި ---- ފޮޓޯ/ ރައީސް އޮފީސް
މިގޮތުން، ޓެކްސީ އެޕުގެ ބެކްގްރައުންޑުގައި ހުރި ޒާތީ މައުލޫމާތުތަކަށް ބަދަލު ގެނެސް، ލީކުކޮށްލީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގަކުން އެނގިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މުވައްޒަފުގެ ނަން ހާމަނުކޮށް، އެމްޓީސީސީން ބުނީ، އެ މުވައްޒަފު އެ މައުލޫމާތުތައް ލީކުކޮށްލާފައި ވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ، ސިޔާސީ މަގުސަދެއް ހާސުލުކުރުމުގެ ނިޔަތުގައި ކަމަށެވެ.
އޭނާ މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށް ބުނެ، އެމްޓީސީސީން ވަނީ، ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާ މެދު އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.
މީގެއިތުރުން، މާލެ ޓެކްސީ އެޕުގެ ބެކްގްރައުންޑު ޑޭޓާ ބޭސް ސިސްޓަމަށް ބަދަލު ގެނައިކަން އެ ކުންފުނީގެ އައިސީޓީ ނެޓުވޯކް ސެކިއުރިޓީ ސިސްޓަމަށް ފާހަގަވުމާއެކު، ވަގުތުން އެ ސިސްޓަމް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް ބަޔާނުގައި ބުންޏެވެ.
ކުންފުނީގެ ސާވާއާއި މާލެ ޓެކްސީ ލައިންގެ ބެކްގްރައުންޑް ސިސްޓަމް ރޭ 23:30ގައި ރައްކާތެރި ކުރެވިފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި، ކަސްޓަމަރުންނަށް ޓެކްސީ އެޕުން ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

ޓެކްސީ ލައިންގެ ކާރެއް މަގުމަތީގައި --- ފޮޓޯ/ އެމްޓީސީސީ
މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ކަމަށް ބުނެ މި ސަރުކާރުން "މާލެ ޓެކްސީ ލައިން" ލޯންޗުކުރީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރެއެވެ.
ނަމަވެސް، ޚިދުމަތް ތައާރަފުކުރިތާ ދެ މަސް ދުވަސް ވީއިރު ވެސް އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ނުލިބި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ ދުވަސްތަކެއް ފަހުން އެޕްލިކޭޝަން ރަސްމީކޮށް ލޯންޗުކުރީ ޖޫން މަހުގެ ދެވަނަ ދުވަހެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ތިމާވެއްޓާ ރައްޓެހި 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދާއެކު ފެށި، މި ޚިދުމަތުގެ ފުރަތަމަ މަހު އެކަނި ވެސް 13،000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޓެކްސީ އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް މީގެ ކުރިން ހުށަހަޅުއްވާފައެވެ.