ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށް، އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިއާއަށް ލީކުކޮށްލައިފިއެވެ.
މި ޚިދުމަތުގައި މަސައްކަތްކުރާ ބައެއް ޑްރައިވަރުންނާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި އެޕްލިކޭޝަން ހެކުކޮށްފައިވާކަން ފުރަތަމަ ފާހަގަކުރެވުނީ ޓެކްސީ ހިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަންތައް އެޕްގެ ތެރެއިން އަމިއްލައަށް ބަދަލުވާން ފެށި ހިސާބުންނެވެ. އަދި އޭގެ ފަހުން އެޕްލިކޭޝަންގެ ޚިދުމަތް މުޅިން މެދުކެނޑި، އެއްގޮތަކަށް ވެސް ހިދުމަތް ނުލިބޭ މައްސަލައެއް ރޭގެ ވަގުތެއްގައި ވަނީ ފެންމަތިވެފައެވެ.
ސޯޝަލް މީޑިއާއަށް ލީކުކޮށްލި މައުލޫމާތުތަކުގެ ތެރޭގައި އެޕްލިކޭޝަން ބޭނުންކުރި އާންމު ރައްޔިތުންގެ ޒާތީ ސިއްރު މައުލޫމާތުތަކާއި، ނަން، ފޯނު ނަންބަރު، ވޮލެޓު އައިޑީ އަދި އީމެއިލް އެޑްރެސް ހިމެނެއެވެ.
މީގެ އިތުރުން ކަސްޓަމަރުން ކޮށްފައިވާ މެސެޖުތަކާއި އެ މީހުން ކުރި ދަތުރުތަކުގެ ތަފްސީލުތައް ވެސް ވަނީ އާންމުކޮށްފައެވެ. މިކަމުގެ ސަބަބުން މި ޚިދުމަތް ބޭނުންކުރާ ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ގްރޭޓާ މާލެ ސަރަހައްދު ކަމަށްވާ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ކަމަށް ބުނެ މި ސަރުކާރުން "މާލެ ޓެކްސީ ލައިން" ލޯންޗުކުރީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރެއެވެ.
ނަމަވެސް، ޚިދުމަތް ތައާރަފްކުރިތާ ދެ މަސް ދުވަސް ވީއިރު ވެސް އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ނުލިބި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ ދުވަސްތަކެއް ފަހުން އެޕްލިކޭޝަން ރަސްމީކޮށް ލޯންޗުކުރީ ޖޫން މަހުގެ ދެވަނަ ދުވަހެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ތިމާވެއްޓާ ރައްޓެހި 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދާއެކު ފެށި މި ޚިދުމަތުގެ ފުރަތަމަ މަހު އެކަނި ވެސް 13،000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވެއެވެ.
ޓެކްސީ ޚިދުމަތް އެޕްލިކޭޝަން އަދި 1655 ހޮޓްލައިން މެދުވެރިކޮށް ދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ބޮޑު ޚަރަދެއް ކޮށްގެން ހެދި މި އެޕްލިކޭޝަންގެ ސެކިއުރިޓީ ފޫއަޅުވާލައި މައުލޫމާތުތައް ލީކުވި މައްސަލަ ފެންމަތިވެފައިވާއިރު، މި އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް މީގެ ކުރިން ހުށަހަޅުއްވާފައެވެ.