އެޕަލްގެ "އެއާޑްރޮޕް" އާ ވާދަކުރަން ގޫގަލްގެ "ޓެޕް ޓު ސެންޑް" ފީޗާ ޕިކްސެލް ފޯނުތަކަށް

"ޓެޕް ޓު ސެންޑް" ފީޗާ މެދުވެރިކޮށް ކޮންޓެކްޓް މައުލޫމާތާއި، ފޮޓޯ، ވީޑިއޯ އަދި އެހެނިހެން މީޑިއާ ފައިލްތައް ފޮނުވޭ ---

ގޫގަލް އިން އަލަށް ތައާރަފުކުރި "ޓެޕް ޓު ސެންޑް" ފީޗާ ޕިކްސެލް 6 އަދި އޭގެ ފަހުގެ ސްމާޓްފޯނުތަކަށް ދޫކުރަން ފަށައިފިއެވެ.

މި ފީޗާ އަކީ އެޕަލްގެ އެއާޑްރޮޕް ފަދައިން ފޯނުތައް ކައިރިކޮށްލައިގެން ފަސޭހަކަމާއެކު މައުލޫމާތާއި ފައިލް ބަދަލުކުރުމަށް އެހީތެރިވެދޭ ޒަމާނީ ޓެކްނޮލޮޖީއެކެވެ.

މި އާ ޚިދުމަތް އާންމުކޮށްފައިވަނީ އޮގަސްޓް 12 ގައި ބޭއްވި "މޭޑް ބައި ގޫގަލް" އިވެންޓުގައި ގޫގުލް ޕިކްސެލް 11 ސީރީޒްގެ ފޯނުތަކާއި ސްމާޓްވޮޗް އަދި ކުންފުނީގެ ފުރަތަމަ ބްލޫޓޫތު ޓްރެކާ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ހަވާސާގައެވެ.

"ޓެޕް ޓު ސެންޑް" ފީޗާ މެދުވެރިކޮށް ކޮންޓެކްޓް މައުލޫމާތާއި، ފޮޓޯ، ވީޑިއޯ އަދި އެހެނިހެން މީޑިއާ ފައިލްތައް އެއް ޕިކްސެލް ފޯނުން އަނެއް ފޯނަށް ވަގުތުން ފޮނުވާލެވެއެވެ. މި ނިޒާމު މަސައްކަތް ކުރަނީ ގޫގަލްގެ ކުއިކް ޝެއާ އިންފްރާސްޓްރަކްޗާ އަދި ނިއާ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

ކޮންޓެކްޓް މައުލޫމާތު ބަދަލުކުރުމަށްޓަކައި ދެ ފޯނުގެ ހޯމް ސްކްރީން ހުޅުވާފައި ބެހެއްޓުމަށްފަހު ފޯނުތައް ކައިރިކޮށްލުމުން ދެކޮޅަށް މައުލޫމާތު ބަދަލުވެގެންދެއެވެ. އަދި ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް ޝެއާ ޝީޓް ހުޅުވުމަށްފަހު ދެ ފޯނު ޖައްސާލުމުން މީޑިއާ ފައިލްތައް އޮޓޮމެޓިކުން ޓްރާންސްފާ ވާން ފަށައެވެ.

ޕިކްސެލް ފޯނުތަކުގެ އިތުރުން ސެމްސަންގް ގެލެކްސީ ޒީ ސީރީޒަށްވެސް މިފީޗާ ދަނީ ފުޅާކުރަމުން ----

ޕިކްސެލް ފޯނުތަކުގެ އިތުރުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 8، ޒީ ފޯލްޑް 8 އަލްޓްރާ، އަދި ޒީ ފްލިޕް 8 ފޯނުތަކަށް ވެސް ވަރަށް އަވަހަށް މި ފީޗާ ލިބޭނެ ކަމަށް ގޫގަލް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި މިއަހަރުގެ ފަހުކޮޅު އެހެން އެންޑްރޮއިޑް ސްމާޓްފޯނުތަކަށް ވެސް މި އަޕްޑޭޓް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޕަލް އިން އެންމެ ފުރަތަމަ އެއާޑްރޮޕް ތައާރަފުކުރީ 2011 ވަނަ އަހަރު ނަމަވެސް، ފޯނުތައް ކައިރިކޮށްލައިގެން ނަންބަރާއި މީޑިއާ ފަސޭހައިން ބަދަލުކުރެވޭ "ނޭމްޑްރޮޕް" ފަދަ ޓެޕް ފީޗާތައް އައިއޯއެސް 17 އާއެކު އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.

ގޫގަލް އިން މީގެ ކުރިން "އެންޑްރޮއިޑް ބީމް" އަދި "ނިއާބައި ޝެއާ" (ފަހުން "ކުއިކް ޝެއާ") މެދުވެރިކޮށް ފައިލް ބަދަލުކުރުމުގެ ޚިދުމަތް ދިން ނަމަވެސް، އައިފޯނުތަކެކޭ އެއްގޮތަށް ފޯނު ކައިރިކޮށްލުމުން ވަގުތުން ޝެއާވާ ފަދަ ފަސޭހަ ނިޒާމެއް އެންޑްރޮއިޑްގައި ނެތުމުގެ ޝަކުވާ އަބަދުވެސް ބޭނުންކުރާ ފަރާތްތަކުން ކުރެއެވެ.

އެހެންކަމުން، މި އައު "ޓެޕް ޓު ސެންޑް" ފީޗާއަކީ އެޕަލްގެ އީކޯސިސްޓަމާ ވާދަކޮށް، އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކަށް ވެސް އެއްވެސް އިތުރު ސެޓިންގްސްއެއް ހެދުމަކާ ނުލައި ފަސޭހައިން ފައިލް ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޫގަލް އިން އެޅި މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް