އިތުރު ފީޗާތަކާއެކު ޖެމިނައި އޮމްނީ 1.1 ފްލެޝް ނެރެފި

ޖުމްލަ 40 ސިކުންތާ ހަމައަށް ވީޑިއޯ ދިގުކުރުމުގެ ފުރުސަތު މި މޮޑެލުން ލިބޭ ---

ވީޑިއޯ އުފެއްދުމާއި އެޑިޓްކުރުމުގެ އައު ފީޗާތަކާއެކު ޖެނެރޭޓިވް އޭއައި މޮޑެލް "ޖެމިނައި އޮމްނީ 1.1 ފްލެޝް" ގޫގުލް އިން ތައާރަފުކޮށްފިއެވެ.

ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި ބުނީ މި އައު އަޕްޑޭޓާއެކު ކުރިން ހުންނަ ވީޑިއޯ މަންޒަރުތައް ދިގުކުރުމާއި، ކަނޑައެޅޭ ދެ ފްރޭމެއްގެ ދެމެދުގައި އައު މަންޒަރު އުފެއްދުމާއި، ރެފަރެންސް ވީޑިއޯ ބޭނުންކުރުމުގެ އިތުރުން 4ކޭ ރިޒޮލިއުޝަނާ ހަމައަށް ވީޑިއޯ އުފެއްދުމުގެ ފުރުސަތު ލިބިގެންދެއެވެ.

މި މޮޑެލް މެދުވެރިކޮށް ވީޑިއޯއެއް ދިގުކުރާއިރު ކުރީގެ 10 ސިކުންތުގެ މަންޒަރު ދެނެގަނެ، އެ މަންޒަރާ ގުޅުވައިގެން ކުރިއަށް ގެންދިއުމުގެ ގާބިލުކަން ވަނީ އިތުރުކޮށްފައެވެ.

ކުރީގެ ވާޝަންތަކުގައި މިކަމަށް ބޭނުންކުރެވެނީ އެންމެ ފަހު 1 ސިކުންތުގެ މަންޒަރެވެ. ޑިވެލޮޕަރުންނަށް ކޮންމެ ފަހަރަކު 10 ސިކުންތުގެ މިންވަރު އިތުރުކުރެވޭއިރު، އެއްކޮށް ޖުމްލަ 40 ސިކުންތާ ހަމައަށް ވީޑިއޯ ދިގުކުރުމުގެ ފުރުސަތު ލިބެއެވެ. މީގެ ސަބަބުން ވީޑިއޯގެ އަސްލު ކޮލިޓީއާއި ވާހަކައިގެ ތަރުތީބު އެއްގޮތެއްގައި ދެމެހެއްޓުމަށް ބޮޑު އެހީއަކަށް ވެއެވެ.

މިޚިދުމަތް މިހާރު ދުނިޔޭގެ ހުރިހާ ހިސާބަކަށް ލިބޭނެ ---

މީގެ އިތުރުން، ވީޑިއޯ ފެށޭ ފްރޭމާއި ނިމޭ ފްރޭމް ކަނޑައެޅުމުން އެ ދެމެދުގައި ހިމެނޭ ހުރިހާ މަންޒަރެއް އަމިއްލައަށް އުފައްދައި ގުޅުވާލަދިނުމުގެ ގާބިލުކަންވެސް މި މޮޑެލްގައި ހިމެނެއެވެ. މި ފީޗާގެ އެހީގައި ކެމެރާ އެނބުރުވުމާއި، ޒޫމްކުރުން ފަދަ އުނދަގޫ ހަރަކާތްތަކުގެ އިތުރުން މެދުކެނޑުމެއްނެތި ތަކުރާރުވާ (ލޫޕިން) މަންޒަރުތައްވެސް ފަސޭހަކަމާއެކު އުފެއްދެއެވެ.

އައު އުފެއްދުންތަކަށް ރެފަރެންސެއްގެ ގޮތުގައި ތިން ސިކުންތާ ހަމައަށް ވީޑިއޯ ކްލިޕް ހުށަހެޅުމުގެ ފުރުސަތުވެސް މި މޮޑެލް މެދުވެރިކޮށް ލިބެއެވެ. މީގެ ސަބަބުން ވީޑިއޯގައި ހިމެނޭ ކެރެކްޓަރުންގެ ސިފައާއި، މަންޒަރުގެ މާހައުލު އެއްގޮތަކަށް ހިފެހެއްޓުމަށް މަގުފަހިވެއެވެ. އަދި އެކި ރެފަރެންސް ކްލިޕްތައް އެއްކޮށްލައިގެން ތަފާތު ހަރަކާތްތައް ހިމެނޭ އެއް ވީޑިއޯއެއް އުފެއްދުމުގެ ގާބިލުކަންވެސް ދައްކާލާފައިވެއެވެ.

މޮޑެލްގެ އަޖުމަބެލުމަށާއި އަވަހަށް ޑްރާފްޓް ހެދުމަށްޓަކައި 360p ރިޒޮލިއުޝަންގެ އޮޕްޝަނެއްވެސް ވަނީ އަލަށް ހިމަނާފައެވެ. މިއީ 720p އާ އަޅާބަލާއިރު 60 އިންސައްތަ އަވަހަށް އަދި ތިންގުނަ އަގުހެޔޮކޮށް މަސައްކަތްކުރާ މޯޑެކެވެ. މަންޒަރުތައް ފައިނަލް ކުރުމަށްފަހު އެންމެ މަތީ ފެންވަރުގެ އައުޓްޕުޓެއް ބޭނުންނަމަ 1080p ނުވަތަ 4ކޭ ރިޒޮލިއުޝަނަށް ބަދަލުކުރެވޭނެއެވެ.

ޑިވެލޮޕަރުންނަށް ގޫގުލް އޭއައި ސްޓޫޑިއޯގެ ޖެމިނައި އޭޕީއައި މެދުވެރިކޮށް އަދި ވިޔަފާރިތަކަށް އޭޖެންޓް ޕްލެޓްފޯމް އޭޕީއައި މެދުވެރިކޮށް މި މޮޑެލް ބޭނުންކުރެވޭނެއެވެ. އަދި އޭއައި ޕްލަސް، ޕްރޯ އަދި އަލްޓްރާ ސަބްސްކްރައިބަރުންނަށް ގޫގުލް ފްލޯ މެދުވެރިކޮށް މުޅި ދުނިޔެއަށް މި މޮޑެލް ލިބޭއިރު، ޖެމިނައި އެޕް މެދުވެރިކޮށް މަންޒަރު ދިގުކުރުމުގެ ފީޗާވެސް ބޭނުންކުރެވޭނެއެވެ.

އެޑޯބީ، ފިގްމާ ވީވް، ޖީއެމްއައި ކްލައުޑް އަދި ރަންވޭ ފަދަ މަޝްހޫރު ޕްލެޓްފޯމްތަކުގެ ވީޑިއޯ މަސައްކަތްތަކުގައި މިހާރުވެސް ޖެމިނައި އޮމްނީ ފްލެޝް އަންނަނީ އިންޓެގްރޭޓްކޮށް ބޭނުންކުރަމުންނެވެ.

comment ކޮމެންޓް