އެންޑްރޮއިޑް އެޕްލިކޭޝަންތަކުގެ އުސޫލުތަކަށް ގޫގުލް އިން ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައި، ޕްލޭ ސްޓޯރު މެދުވެރިކޮށް އެޕްތަކަށް ސައިން-އިން ވުމަށާއި ޑިވައިސްތަކުގެ ރޭމް ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިފިއެވެ.
މި އައު އުސޫލުތަކަށް އަމަލުނުކުރާ އެޕްތަކާއި ގޭމްތައް ޕްލޭ ސްޓޯރުގައި ފެންނަ މިންވަރު ދަށްކުރުމާއި، އެޕް ޕަބްލިޝް ކުރުމުގެ ފުރުސަތު ހަނިކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ "ޒީރޯ-ޓެޕް ސައިން-އިން" ގެ ނަމުގައި ތައާރަފުކުރާ އުސޫލެވެ. މިއީ ޔޫޒަރުން އައު އެންޑްރޮއިޑް ފޯނަކަށް ބަދަލުވާ ވަގުތު، ކުރީގެ ފޯނުގައި ހުރި އެޕްތަކުގެ ލޮގިން މައުލޫމާތު އޮޓޮމެޓިކުން އައު ފޯނަށް އަނބުރާ ގެނެސްދިނުމަށް ޑިވެލޮޕަރުން ހަމަޖައްސަން ޖެހޭ ފީޗާއެކެވެ. މިކަމަށްޓަކައި އެޕްތަކުގައި އެންޑްރޮއިޑް ރީސްޓޯ ކްރެޑެންޝަލްސް އޭޕީއައި ބޭނުންކުރަން ޖެހޭނެ ކަމަށާއި، މި އުސޫލަށް އަމަލުނުކުރާ އެޕްތަކަށް އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ގޫގުލް އިން ބުނެއެވެ. ނަމަވެސް ގޭމްތައް މިވަގުތަށް މި ޝަރުތުން އިސްތިސްނާވާނެއެވެ.

މި އުސޫލުތަކަށް ފެބްރުއަރީ 2027 އިން ފެށިގެން އަމަލުކުރަން ފަށާނެ ---
މީގެ އިތުރުން ސްމާޓްފޯނުތަކުގެ ހާޑްވެއާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށާއި، މެމޮރީ މާބޮޑަށް ހިފެހެއްޓުމުގެ ސަބަބުން ފޯނު ލަސްވުމާއި އެޕްތައް ކުއްލިއަކަށް ކްރޭޝްވެ ހުއްޓުން ހުއްޓުވުމަށް ޚާއްސަ މެމޮރީ ލިމިޓްތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އެޕްތަކުން ޑައިނަމިކް މެމޮރީ ބޭނުންކުރާ މިންވަރާއި، ފޯނުގެ ބެކްގްރައުންޑުގައި ނުވަތަ ކޭޝްގައި މަސައްކަތްކުރާއިރު ބިޓްމެޕްސް އިން ހިފަހައްޓާ މެމޮރީގެ މިންވަރު ވަކި މިންގަނޑުތަކެއްގައި ހިފަހައްޓަން ޖެހޭނެއެވެ.
ހަމައެއާއެކު އެޕްތަކުގެ ކޯޑް އޮޕްޓިމައިޒް ކުރުމަށްޓަކައި އާރް8 ފަދަ ޓޫލްތައް ބޭނުންކޮށްގެން ޑެކްސް ކޯޑް އޮޕްޓިމައިޒޭޝަނާއި، ކޯޑް ކުޑަކުރުމާއި އޮބްފަސްކޭޝަންގެ ފަންސަވީސް އިންސައްތަ ކަވަރޭޖެއް ހުންނަންޖެހޭ ގޮތަށް ގޫގުލް އިން ވަނީ ޝަރުތުކޮށްފައެވެ.
މެމޮރީއާއި ކޯޑް އޮޕްޓިމައިޒޭޝަނާ ގުޅޭ މި ހަރުކަށި އުސޫލުތަކަށް ފެބްރުއަރީ 2027 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ގޫގުލް އިން ހާމަކޮށްފައިވެއެވެ.
މި މުއްދަތާ ހަމައަށް އެޕްތައް އިސްލާހުކޮށް އޮޕްޓިމައިޒް ކުރުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ދީފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ.