ޔޫޓިއުބްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބަލާފައިވާ 'ބޭބީ ޝާކް' ލަވައިން ބޮޑު މަޝްހޫރުކަމެއް ހޯދި ޕާކް ގިއޮން-ރޫން، އޭގެ 10 އަހަރު ފަހުން 'ބޭބީ ޝާކް ބޯއި'ގެ ނަމުގައި ކޭ-ޕޮޕް ދުނިޔެއަށް ނުކުތުމަށް މިވަނީ ތައްޔާރުވެފައެވެ.
އޭރު އެންމެންގެ ތެރޭގައި މަގުބޫލުވި 'ބޭބީ ޝާކް' ލަވައިގެ ރީތި ރާގާއި، އެ ލަވައިގައި ފެނުނު ކުޑަ ފިރިހެން ކުއްޖާގެ ހިތްގައިމު ނަށާލުން ގިނަ ބައެއްގެ ހަނދާނުގައި އަދިވެސް ހުންނާނެއެވެ.
އެ ވީޑިއޯ އާންމުވިތާ 10 އަހަރު ފަހުން، އުމުރުން މިހާރު 17 އަހަރުގެ ޕާކް ގިއޮން-ރޫން އޭނާގެ ފަންނީ ހަޔާތުގެ އާ ސަފުހާއެއް މިވަނީ ފަށާފައެވެ.
ޕިންކްފޮންގް ކުންފުނީގެ އެހީތެރިކަމާއެކު ނެރޭ އޭނާގެ ފުރަތަމަ ޑިޖިޓަލް ސިންގަލް "ވޭވް" މި އަންނަ ބުދަ ދުވަހު އެމެރިކާގައި އަދި ބުރާސްފަތި ދުވަހު ދެކުނު ކޮރެއާގައި ރިލީޒްކުރާނެއެވެ. މި ލަވައިގައި މަޝްހޫރު ބޭންޑް 'މޮންސްޓާ އެކްސް'ގެ ރެޕާ ޖޫ-ހަނީ ވެސް ބައިވެރިވެއެވެ.
ދެކުނު ކޮރެއާގެ ކުޑަކުދިންގެ ފަންނާނެއްގެ ގޮތުގައި މަސައްކަތް ފެށި ޕާކް ގިއޮން-ރޫން އަކީ 2016 ވަނަ އަހަރު ޕިންކްފޮންގް އިން ނެރުނު 'ބޭބީ ޝާކް' ލަވަ ކިޔުމުގައި ބައިވެރިވި ކުއްޖެއް ނޫނެވެ. އޭނާ ބައިވެރިވީ ލަވައިގެ ހަރަކާތްތައް ދައްކުވައިދޭ ނެށުންތެރިއެއްގެ ގޮތުގައެވެ.

ޕާކް ގިއޮން-ރޫން--ފޮޓޯ/ޑެއިލީމެއިލް
އެހެންނަމަވެސް 'ބޭބީ ޝާކް' ވެފައިވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދި ވީޑިއޯއަކަށެވެ. ދެހާސްބާވީސް ވަނަ އަހަރު މި ވީޑިއޯ ބެލި މީހުންގެ އަދަދު 10 ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު، މިހާރު މި އަދަދު ވަނީ 17 ބިލިއަނަށް ވުރެ އިތުރުވެފައެވެ.
އޭގެ ފަހުން ޕާކް ގިއޮން-ރޫން ވަނީ 2020 ވަނަ އަހަރު "ޕްލެއި ވިތު މީ ކްލަބް" ނަމަކަށް ކިޔާ ކުޑަކުދިންގެ ގްރޫޕަކާ ގުޅި، "ލެޓްސް ޕްލޭ" ލަވައާ އެކު މިއުޒިކީ ދާއިރާގައި ކުރިއަށް ގޮސްފައެވެ.
ޕާކް ގިއޮން-ރޫންގެ މި ދަތުރަކީ ތަފާތު ދަތުރެކެވެ. ސަބަބަކީ މުޅި ދުނިޔެ އޭނާ ބަލައިގަނެފައިވާ ކުޑައިރުގެ އެ މަޝްހޫރު 'ނިކްނޭމް' އާއެކު، އަމިއްލަ ވަކި ފަންނީ މަގަކުން ކުރިއަށްދާން އޭނާ ކުރާ މަސައްކަތަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމަކަށް ވާތީއެވެ.