އެޕްތައް ކޮންޓްރޯލްކޮށް، ވެބް ބްރައުޒްކޮށް، ކޯޑު ލިޔެވޭ ފަދަ އޭއައި އޭޖެންޓެއް އެޕަލްއިން ތަރައްޤީކުރަނީ

އެޕަލްއިން ބުނާ ގޮތުގައި މި ބަދަލުތައް ގެނެސްފައިވަނީ ބޭނުންކުރާ މީހުންގެ ޕްރައިވެސީއާއި ސެކިއުރިޓީ ރައްކާތެރިކުރުމަށް ---

އެޕްތަކާއި ބްރައުޒަރުތަކުގެ އިތުރުން ޑިވައިސްތަކުން ކުރާ މަސައްކަތްތައް އަމިއްލައަށް ފުރިހަމަކޮށްދޭ ފަދަ ޚާއްޞަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޭޖެންޓެއް އެޕަލްއިން ތަރައްޤީކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބްލޫމްބާގްގެ ރިޕޯޓަކާ ހަވާލާދީ ގެޖެޓްސް 360 އިން ބުނެފައިވާ ގޮތުގައި، އެޕަލްއިން މިހާރު އުފައްދަމުންދާ މި އައު އެސިސްޓެންޓަކީ މިހާރު ބޭނުންކުރާ ސިރީއާ ޚިލާފަށް، ބޭނުންކުރާ މީހާގެ މާ ބޮޑު އެހީތެރިކަމަކާ ނުލައި ގިނަ މަރުހަލާތަކެއް ހިމެނޭ ބޮޑެތި މަސައްކަތްތައް އަމިއްލައަށް ކޮށްލެވޭނެ ނިޒާމެކެވެ.

މި އައު އޭއައި އޭޖެންޓަށް ވެބް ބްރައުޒް ކުރުމާއި، އެޕްލިކޭޝަންތައް ކޮންޓްރޯލް ކުރުމާއި، ޑިވައިސްތައް ނެވިގޭޓް ކުރުމުގެ އިތުރުން ކޯޑު ލިޔެ، ކޯޑުގައި ހުންނަ މައްސަލަތައް ހައްލުކުރުމުގެ (ޑީބަގް ކުރުމުގެ) ޤާބިލުކަން ލިބިގެންދާނެއެވެ.

އެޕަލްއިން ދާދި ފަހުން އާންމުކުރި ވަޒީފާގެ އިޢުލާނުތަކުން އެނގޭ ގޮތުގައި، އެ ކުންފުނިން ދަނީ މިފަދަ އޭޖެންޓިކް އޭއައި އެސިސްޓެންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ބަލަހައްޓާނެ ސީނިއާ އިންޖިނިއަރިންގ މެނޭޖަރެއް ހޯދަމުންނެވެ.

އެޕަލްގެ މި އުފެއްދުން އަންނަ އަހަރުގެ ފަހުކޮޅު ނެރުމަށް ވިސްނާފައިވީ ނަމަވެސް، އެކަން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވޭ ---

މި ނިޒާމު ފަރުމާކުރެވިފައިވަނީ އެކި މަސައްކަތްތަކަށް ބޭނުންވާ ޓޫލްތައް އަމިއްލައަށް އިޚްތިޔާރުކޮށް، އެކި ބައިތައް ފުރިހަމަކުރުމަށް ޚާއްޞަ އެހެން އޭއައި އޭޖެންޓުންގެ އެހީތެރިކަންވެސް ހޯދޭނެ ގޮތަށެވެ.

މީގެ އިތުރުން، ބޭނުންކުރާ މީހާގެ ޒާތީ މަޢުލޫމާތާއި ޕާސްވޯޑް ފަދަ މުހިންމު ޑޭޓާތައް ރައްކާތެރިކުރުމަށްޓަކައި، މި އޭޖެންޓަށް ހުއްދަ ދިނުމުގެ ހަރުދަނާ އުސޫލުތަކަކާއި ސޭންޑްބޮކްސިންގ ނިޒާމެއް ޤާއިމުކުރުމަށް އެޕަލްއިން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.

އޯޕަންއޭއައި، އެންތްރޯޕިކް، ގޫގުލް އަދި މެޓާ ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުންވެސް މިފަދަ އޭއައި އޭޖެންޓުން ތަރައްޤީކުރަމުންދާއިރު، އެޕަލްގެ މި އުފެއްދުން އަންނަ އަހަރުގެ ފަހުކޮޅު ނެރުމަށް ވިސްނާފައިވީ ނަމަވެސް، އެކަން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަމިއްލަ އޭއައި އޭޖެންޓެއް ތަރައްޤީކުރަމުންދާއިރު، މެކް ކޮމްޕިއުޓަރުތައް ކޮންޓްރޯލް ކުރުމަށް ތާޑް-ޕާޓީ ނުވަތަ އެހެން ކުންފުނިތަކުގެ އޭއައި ޓޫލްތަކަށް ދެވޭ ހުއްދަތައް އެޕަލްއިން ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ.

އެގޮތުން މެކްއޯއެސް 27.3 ގެ ބީޓާ ވާޝަންގައި، ޗެޓްޖީޕީޓީ ފަދަ ޓޫލްތަކަށް ކޮމްޕިއުޓަރު ކޮންޓްރޯލް ކުރުމުގެ ހުއްދަ ދިނުމަށް ކުރިން ހަތަރު މަރުހަލާއެއް ފުރިހަމަކުރަން ޖެހުނު ނަމަވެސް، މިހާރު 14 މަރުހަލާއެއް ފުރިހަމަކޮށް ރައްކާތެރިކަމުގެ އިންޒާރުގެ ސްކްރީންތަކެއް ހުރަސްކުރަން ޖެހެއެވެ.

އެޕަލްއިން ބުނާ ގޮތުގައި މި ބަދަލުތައް ގެނެސްފައިވަނީ ބޭނުންކުރާ މީހުންގެ ޕްރައިވެސީއާއި ސެކިއުރިޓީ ރައްކާތެރިކުރުމަށެވެ. ނަމަވެސް، މިއީ ވާދަވެރި އޭއައި ކުންފުނިތަކަށް މެކްގައި މަސައްކަތްކުރުމަށް އެޅޭ ހުރަހެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހަމައެއާއެކު، އައިއޯއެސް 27.3 ގައި ތާޑް-ޕާޓީ އެޕްތަކާ ގުޅިގެން ސިރީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކާރު ބުކްކުރުމާއި ރެސްޓޯރެންޓްތަކުން ޖާގަ ހޯދުން ފަދަ ކަންކަން ސިރީ މެދުވެރިކޮށް ކުރެވޭނެ ގޮތް ހެދުމަށްވެސް އެޕަލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް