އައްޑޫ ސިޓީ ހިތަދޫން ވިޔަފާރީގެ ބޭނުންތަކަށް 19 ބިމެއް, 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި، އެ ފުރުސަތު ހުޅުވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބިންތައް ދޫކުރަނީ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުންފުނި، ޕާޓްނަޝިޕް އަދި ލޯކަލް އިންވެސްޓްމަންޓްތަކަށް ކަމަށެވެ.
ކައުންސިލުން ދޫކުރާ ބިންތަކުގެ ތެރޭގައި ޢާންމު ވިޔަފާރިއަށާއި، ހޯލްސޭލް އަދި ވެއަ ހައުސްގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްސަ ބިންތައް ހިމެނެއެވެ.
މީގެ ތެރޭގައި ހިތަދޫ ބަނދަރު ސަރަޙައްދުންނާއި، އިންޑަސްޓްރިއަލް ޒޯނުން އަދި ޕޯޓް ސަރަޙައްދުގެ ހިއްކި ބިމުން އެކި ބޮޑުމިނުގެ ބިންތައް ހިމެނެއެވެ. އެންމެ ބޮޑު ބިމެއްގެ ގޮތުގައި ހިމެނެނީ ހިތަދޫ ޕޯޓް ސަރަޙައްދުން ދޫކުރާ 66,384 އަކަފޫޓުގެ ބިމެކެވެ.
މީގެ އިތުރުން، އެޅެދީދީ މަގުގައި އުރީދޫ އެންޓަނާ ކައިރިން 1,500 އަކަފޫޓުގެ ދެ ބިމަކާއި، މެދެއާއިމަގުން 462 އަކަފޫޓުގެ ބިމެއް ޢާންމު ވިޔަފާރިއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގާ އެޅުމުގެ މަސައްކަތަށާއި ހެވީ/ލައިޓް އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްސަ ބޮޑެތި ބިންތަކެއް ވެސް މި ލިސްޓުގައި ހިމެނެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 300 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު މި މާދަމާއިން 31 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ވަނީ ހުޅުވާލާފައެވެ.
ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ފައިނޭންސް އީމެއިލް މެދުވެރިކޮށް ފައިސާ ދެއްކި ސްލިޕާއި މަޢުލޫމާތު ފޮނުވަން ޖެހޭނެކަމަށް ކައުންސިލް އިދާރާގެ އިއުލާނުގައި ބުނެފައިވެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 15 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައިކަމަށް ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
ބީލަންތައް އިވެލުއޭޓްކޮށް ޕޮއިންޓް ދޭނެ ގޮތުގެ ތަފްސީލު ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރާ މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްގެ ނަންބަރު 6885003 އަށް ގުޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އަދި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫގައި ފަތުރުވެރިކަމާއި، އެއާ ގުޅުން ހުރި ވިޔަފާރީގެ ފުރުސަތުތައް ވެސް އެކަށީގެންވާ މިންވަރަކަށް ކުރިނޭރުވޭ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އެހެންކަމުން ފަތުރުވެރިކަން ފުޅާކޮށް، އެހެނިހެން އިންވެސްޓްމެންޓުތައް ވެސް އައްޑުއަށް ގެންދިޔުމަށް މަސައްކަތްތައް ކޮށްފައިވެއެވެ.