ދިވެހިރާއްޖޭގައި އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް ގާއިމްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހާ ގުޅުވައިގެން މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް ނުހެދޭނެ ކަމަށް ބުނެފައިވީ ނަމަވެސް، އެކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމީ ބަދަހި އޮނިގަނޑެއް އަދި ނެތް ކަމަށެވެ.
އެހެންވެ، އެކަމަށް ނިމުމެއް ގެނެސް، އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން، ދީނާ ފުށުއަރާ އެއްވެސް ގާނޫނެއް ނުހެދޭނެ ގޮތެއް ކަށަވަރު ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެފަދަ ނިޒާމެއް ގާއިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ: އިސްލާމްދީނާ ފުށުއަރާ އެއްވެސް ގާނޫނެއް ނުހެދޭނެ ނިޒާމެއް ގާއިމްކުރަން، މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާކަން ފާހަގަކުރައްވައި، މީގެ ކުރިން ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮންނަން ޖެހުނީ އެންމެ މީހަކު ދީން ދޫކޮށްލުމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
"އިސްލާމް ދީނާ ބީރައްޓެހި، ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި. ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ވެއްޓިފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، އިސްލާމްދީން ހިމާޔަތްކުރެވޭނެ ނިޒާމެއް މުޅި ގައުމުގައި ފުރިހަމައަށް ގާއިމުވެފައި އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ގައުމީ ދުވަހުގެ ބަޠަލްގެ ޙަޔާތްޕުޅުންނާއި އިސްލާމްދީނުގެ އަސާސްތަކުން ފެންނަން އޮތް އެންމެ ހަރުދަނާ ބިންގަލަކީ އަޚްލާގު ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، އެކަކު އަނެކަކަށް ގަދަރުކުރާ، އިޙްތިރާމްކުރާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.