ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ބިލު ކޯޓުން ހުއްޓުވައިފި

މި ބިލުގައިވާ ގޮތުން ސެޕްޓެމްބަރު އެކަކުން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓްތައް ހުޅުވުން މަނާވާނެ ---

ފަރަންސޭސިވިލާތުގެ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ބިލަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ބިލެއްކަމަށް ކަނޑައަޅައި، އެ ގައުމުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޮންސްޓިޓިއުޝަނަލް ކައުންސިލުން އެ ބިލަށް އަމަލުކުރުން ހުއްޓުވައިފިއެވެ.

މިއީ އެ ބިލު އަލުން އިސްލާހުކުރުމަށް ސަރުކާރަށް އަންގަވާފައިވާ ރައީސް އެމަނުއެލް މެކްރޯންއަށް ލިބިވަޑައިގަތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި ބިލުގައިވާ ގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓްތައް ހުޅުވުން މަނާވާނެއެވެ. އަދި މިހާރު ހުޅުވާފައިވާ އެކައުންޓްތައްވެސް ހަތަރު މަސްދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބަންދުކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

https://sun.mv/225398

މީގެ އިތުރުން، އުމުރު ކަށަވަރުކުރުމަށް އެ ޕްލެޓްފޯމްތަކުން ބޭނުންކުރަންވާނީ ފަރަންސޭސިވިލާތުގެ ޕްރައިވެސީ ރެގިއުލޭޓަރުން ހުއްދަދީފައިވާ ނިޒާމެއްކަމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ނަމަވެސް، ފަރަންސޭސިވިލާތުގެ ކޮންސްޓިޓިއުޝަނަލް ކައުންސިލުން ނިންމާފައިވަނީ، އުމުރު ސާބިތުކޮށްދިނުމަށް ކޮންމެ މީހަކަށް ލާޒިމުކުރި ނަމަވެސް، އެކަން ކުރަންޖެހޭ ހާލަތްތަކާއި އޭގެ ހުދޫދެއް ބިލުގައި ސާފުކޮށްދީފައި ނުވާކަމަށެވެ. އަދި މި ބިލުގައިވާ މާއްދާތަކަކީ ޚިޔާލުފާޅުކުރުމާއި މުވާސަލާތުކުރުމުގެ މިނިވަންކަމަށް އިންތިހާއަށް ހުރަސްއެޅޭ، އަދި އަމިއްލަ ދިރިއުޅުމުގެ ހައްގު ރައްކާތެރިކުރުމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްނުދޭ މާއްދާތަކެއްކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ޖުލައި މަހު މި ބިލު ފާސްކުރުމާއެކު، އެ ގައުމު ވެފައިވަނީ އޮސްޓްރޭލިއާއަށްފަހު މިފަދަ ފިޔަވަޅެއް އެޅި ޔޫރަޕްގެ ފުރަތަމަ ގައުމަށެވެ.

އޮސްޓްރޭލިއާއިން ވަނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް (މިދިޔަ ޑިސެމްބަރު މަހު) 16 އަހަރުން ދަށުގެ ކުދިންނަށް ފޭސްބުކް، ސްނެޕްޗެޓް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކޮށްފައެވެ. ނަމަވެސް އެކަމުން އެކަށީގެންވާ ނަތީޖާއެއް ނުނުކުންނަކަމަށް ޑޭޓާތަކުން ދެއްކުމާ ގުޅިގެން، އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މިއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންނެވެ.

ޗައިނާ، ޔޫއޭއީ އަދި ތުރުކީ ފަދަ ގައުމުތައް ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލްކުރުމަށް ނުވަތަ މަނާކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. ނުވަތަ އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ރާވަމުންދާކަން ހާމަކޮށްފައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންވެސް ވަނީ ސޯޝަލް މީޑިއާގައި ހުންނަ ނުރައްކާތެރި ކަންކަމުން ކުޑަކުދިން ސަލާމަތްކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްކުރަމުންދާކަން ހާމަކޮށްފައެވެ.

ސޯޝަލް މީޑިއާ ކުންފުނިތަކުން އާންމުގޮތެއްގައި މިފަދަ ބިލުތަކާ ދެކޮޅު ހަދަމުން ބުނެފައިވަނީ، ކުޑަކުދިން ރައްކާތެރިކުރުމަށް އުމުރު ކަށަވަރުކުރުން ފަދަ ފިޔަވަޅުތައް މިހާރުވެސް އެމީހުން އަޅާފައިވާނެ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުތަކުން ފާސްކުރާ ގާނޫނުތަކަށް އަމަލުކުރާނެކަމަށްވެސް އެ ކުންފުނިތަކުން ބުނެފައިވެއެވެ. މި މައްސަލައިގައި ގޫގަލް، މެޓާ، ސްނެޕް އަދި ޓިކްޓޮކް އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރަނގަޅު ރައްޔިތުންނަށް ވުމަށްޓަކައި ޑިވައިސްތައް ނިއްވާލުމަށްފަހު ފޮތްކިޔުމަށް ފުރާވަރުގެ ކުދިންނަށް މިދިޔަ އޭޕްރީލް މަހު، އިލްތިމާސްކުރައްވާފައިވާ ރައީސް މެކްރޯން ވަނީ، ކޯޓުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބިލު އަލުން ފަރުމާކުރުމަށް ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ އަށް އަންގަވާފައެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2027 ވަނަ އަހަރުގެ ބަހާރު މޫސުމުގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން މި އިސްލާހުތަކަށް އަމަލުކުރަން ފެށުމަށް މެކްރޯން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.

ގާނޫނު އޮންނަ ގޮތުން މެކްރޯން އަށް ރިޔާސީ ތިންވަނަ ދައުރަކަށް ކުރިމައްޗެއް ނުލެއްވޭނެއެވެ.

comment ކޮމެންޓް