މުޅި ރާއްޖޭގައި މަޝްރޫއުތައް ދަނީ ކުރިއަށް، އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫއު ނިންމޭނެ އަހަރު: ރައީސް

ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު ސައީދު: ރައީސް ވިދާޅުވީ، މުޅި ރާއްޖޭގައި މަޝްރޫއުތައް ދަނީ ކުރިއަށް، އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫއު ނިންމޭނެ އަހަރު ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫއުތައް ނިންމައިލެވޭނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

'ދަ ޕްލަސް'ގެ ހަ ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ، މިހާރު ކުރިއަށްދާ މުހިންމު މަޝްރޫއުތަކުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރުމަށް ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމައި، އަންނަ އަހަރުގެ މެދު ތެރޭގައި އެ އިދާރާތަކުގެ ބޭނުން ހިފޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކަމުގެ އިތުރަށް، ކައުންސިލް އިދާރާތަކުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިންގާނީ އާ އިމާރާތްތަކެއްގައި ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ އެޕިސޯޑުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމަކީ ތަރައްގީގެ އެންމެ މުހިންމު އެއް ވަސީލަތްކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއާޕޯޓް ތަރައްގީކުރުމަކީ ވެސް އިގްތިޞާދީ އަދި އިޖުތިމާޢީ ފައިދާތައް އެކުލެވޭ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި، ރަނގަޅު ގޮތެއްގައި ކުރެވިއްޖެނަމަ، މިއީވެސް ދެކޮޅުޖެހޭނެ މަޝްރޫޢުތަކެއްކަމުގައި އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

މިހާރު ތަރައްގީ ކުރާ ތިލަމާލޭ ބްރިޖުގެ މަސައްކަތުގެ އަދާހަމަ ވެސް މިއަދުގެ އެޕިސޯޑުގައި ރައީސް ހިއްސާކުރެއްވިއެވެ. މިގޮތުން، ހަލުވި ދުވެލީގައި މި މަޝްރޫޢު މިހާރު ކުރިއަށް ދާކަމަށާއި ލަސްތަކެއްނުވެ، ބުރިޖުގެ މަޝްރޫޢު ނިމޭނެކަމަށް ގަބޫލު ކުރައްވާ އެ މަނިކުފާނު ވިދާޅުވިއެވެ.

މި އެޕިސޯޑު ނިންމަވާލައްވަމުން ރައީސް ވަނީ، އެ މަނިކުފާނުގެ ސަރުކާރުން މިހާރު ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢަކަށް ވާނީ، މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލުކުރުމުގެ މަޝްރޫޢުކަން ފާހަގަކުރައްވާފައެވެ. އަދި، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް މިކަން ފުރިހަމަ ވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކެއް ކުރިއަށް ނުދާ ކަމުގެ ޝަކުވާ އާންމުން ކުރެއެވެ. އަދި، އެކި ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި މެންބަރުން ވެސް އެ ކަން ފާހަކުރައްވައެވެ.

comment ކޮމެންޓް