މިއަދު އިއްވި ހުކުރު ޚުޠުބާގައި، އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާގެ ސުންނަތްކަން ބަޔާންކޮށް، ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ސާބިތުވެ ތިބެގެން ނޫނީ ދީނަށް ޢަމަލުނުކުރެވޭނެކަން ހަނދާންކޮށްދީފިއެވެ.
ޚުޠުބާގައި ބުނި ގޮތުގައި، އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތެވެ. އަދި މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ނުލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ. ރަސޫލާގެ ޙަދީޘްފުޅެއް ޚުޠުބާގައި ގެނެސްދީފައިވެއެވެ.
"ތިމަންކަލޭގެފާނު މި ވަޑައިގަންނަވަނީ ތިޔަބައިމީހުންގެތެރެއަށް ދެ އެއްޗެއް ދޫކުރައްވައިފައެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހައި ހިނދަކު، ތިޔަބައިމީހުން މަގު ފުރެދިގެންނެއް ނުދާނެއެވެ. އެއީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުއްނަތެވެ."
ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުންކަމަށާއި، އެ ދެކަލިމަ ވަކިނުކުރެވޭނޭ ފަދައިން ޤުރްއާނާއި ސުންނަތް ވެސް ވަކިނުކުރެވޭނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން، ކީރިތި ﷲ އަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާއަށް ކިޔަމަންވުމަށް ޤުރްއާނުގެ އެތައް އާޔަތެއްގައި އަމުރުކުރައްވައިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ރަސޫލާގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިން ބައެއްކަން ވެސް ވަނީ ބަޔާންކޮށްފައެވެ.
ސުންނަތަކީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ އޮތުމަކީ ވަރަށް ބޮޑު އޮޅުމެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމަކީ މުސްތަޙީލުކަމެއްކަން ފާހަގަކޮށްފައިވެއެވެ. މިސާލެއްގެ ގޮތުން، ނަމާދަކީ ދީނުގެ ތަނބުކަމަށް ވާއިރު، ނަމާދު އަދާކުރާންވީ ގޮތް ޤުރްއާނުގައި އައިސްފައިނުވާކަމަށާއި، އެކަންކަން އެނގެނީ ރަސޫލާގެ ސުންނަތުންކަން ވަނީ ހަނދާންކޮށްދީފައެވެ. ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް ވެސް ދަސްކޮށްދެއްވީ އެކަލޭގެފާނުކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޤުރްއާނުން ފެންނާން ނެތް ޙަދީޘްތަކެއްކަމަށް ބުނެ މީހަކު ދެކޮޅުހެދުމުން، ޢިމްރާން ބިން ޙުޞައިން ދެއްވި ރައްދު ޚުޠުބާގައި ގެނެސްދީފައިވެއެވެ. ޢިމްރާން ވިދާޅުވި ގޮތުގައި، ފަސްވަގުތު ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި، ޒަކާތް ނެރެންޖެހޭ ވަކި މިންވަރުތަކާއި، ގެފުޅުވަށައިގެން ހަތް ބުރު ޠަވާފުކުރުން ފަދަ ކަންކަމަކީ ޤުރްއާނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ކަންކަމެއް ނޫނެވެ. އެ ކަންކަން އުނގެނުނީ ރަސޫލާގެ އަރިއަހުންކަން ޢިމްރާން ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، އުންމަތުގެ މީހުންގެ ތެރެއިން ރަސޫލާގެ ބަސްފުޅު ދޮގުކުރާ ބަޔަކު އަންނާނޭ ދުވަސް އައުން ގާތްވެފައިވާކަމަށް އެކަލޭގެފާނު އިންޒާރުދެއްވައިފައިވާކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އެފަދަ މީހުން ބޮޑާކަމާ އެކު ދާންމަތީ ލެނގިލައިގެން ތިބެ، ހަމައެކަނި ޤުރްއާނުގައިވާ ކަންކަން ޤަބޫލުކުރާނެކަމަށް ބުނާނެކަމަށް ޙަދީޘްކުރައްވައިފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަސޫލާ ޙަރާމްކުރައްވައިފައިވާ ކަންކަމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންތައް ފަދަ ކަންކަމެވެ. ޚުޠުބާ ނިންމާލަމުން ގެނެސްދީފައިވަނީ، ރަސޫލާއަށް ކިޔަމަންވެއްޖެ މީހާ ސުވަރުގެ ވަންނާނެކަމަށާއި، ނުކިޔަމަންތެރިވެއްޖެ މީހާ ދެކޮޅުހަދައިފިކަމަށް ބަޔާންކުރައްވައިފައިވާ ޙަދީޘްފުޅެވެ. އެ ޙަދީޘްގައިވެއެވެ.
"ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ދެކޮޅުހަދައިފި މީހަކު މެނުވީ އެއްމެން ވެސް ސުވަރުގެ ވަންނަ ހުއްޓެވެ."