އިންސާނާގެ ލެޔާއި، މުދަލާއި، އަބުރާއި ހަށިތައް ވަނީ މައްކާ އާއި ޙައްޖު ދުވަހުގެ އިތުރުން ޛުލް ޙިއްޖާ މަސް ޙުރުމަތްތެރިކުރެއްވި ފަދައިން ޙުރުމަތްތެރި ކުރައްވާފައި ކަމަށާއި، އޭގެ ޙުރުމަތް ކެނޑުމަކީ ނަހީކުރައްވާފައިވާ ކަމެއް ކަމަށް، މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢުއަށް މިއަދު އިއްވި ޚުޠުބާގައި ބުނެފައިވަނީ، މާތްﷲ ވަނީ އިންސާނާ މާތްކުރައްވާފައި ކަމަށާއި އޭނާގެ އަބުރާއި ޢިއްޒަތް ގެއްލިދާ ކޮންމެ ކަމެއް ވަނީ ނަހީކުރައްވާފައި ކަމަށެވެ. އެހެންކަމުން އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށާއި އެކަމަކީ އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަގުސަދުގެ ތެރެއިން އެއް މަގުސަދުކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އެއަށްފަހު ޚުޠުބާގައިވަނީ، ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި މާތް ނަބިއްޔާ ޙަދީޘްކުރެއްވި ބަސްފުޅެއް ގެންނަވާފައެވެ. އޭގައި ވަނީ، އިންސާނާގެ ލެޔާއި، މުދަލާއި، އަބުރާއި ހަށިތައް ވަނީ މައްކާ އާއި ޙައްޖު ދުވަހުގެ އިތުރުން ޛުލް ޙިއްޖާ މަސް ޙުރުމަތްތެރިކުރެއްވި ފަދައިން ޙުރުމަތްތެރި ކުރައްވާފައި ކަމަށެވެ.
އިސްލާމްދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށް މިހައި ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައިވަނީ އަބުރު ގެއްލުވާލުމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކާއި ފަސާދައަށް މަގުފަހިވާތީ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އެއީ ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރުން މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދޭނެ ކަމަކަށް ވާތީ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ހުކުރު ދުވަހު ބަޔަކު ހުކުރު ނަމާދުކުރަން މިސްކިތަށް އަރަނީ -- ސަން ފޮޓޯ: މާނިއު މުހައްމަދުމީހަކަށް ޖިސްމާނީ ގޮތުން ދެވޭ ގެއްލުމަކީ ބޮޑު އަނިޔާއެއް ނަމަވެސް، އޭނާގެ އަބުރު ކަތިލުމުން އެލިބޭ ހިތާމައަކީ އެއަށްވުރެވެސް ބޮޑު އަނިޔާއެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެހެނީ އެކަމަކީ އަބުރު ކަތިލެވޭ މީހާއާނެދު މުޖުތަމަޢު ދެކޭ ގޮތް ބަދަލުވެ، އެމީހަކު އެކަހެރިކޮށްވޭ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ވަނީ، އިސްލާމްދީނުގައި ނަޖިހެއްކަމަށް ލައްވާފައިވާ ކުއްތާއާ މެދު ހެޔޮކޮށް ހިތައިގެން ސުވަރުގެ ވަތް މީހާގެ ވާހަކަ ގެނައުމަށްފަހު، ކުއްތާއަކަށް ހެޔޮކޮށް ހިތުމުގެ ދަރުމަ އެހައި މަތިވާނަމަ، ﷲ ތަޢާލާ ޝަރަފުވެރިކުރައްވާފައިވާ އިންސާނަކަށް ހެޔޮކޮށް ހިތުމުގެ އަޖުރާމެދު ފިކުރުކޮށްލަން ގޮވާލާފައެވެ.
އިންސާނާގެ އަބުރު ރައްކާތެރިކުރުމަށްޓަކައި އިސްލާމްދީނުގައި ލައްވާފައިވާ ކަންކަމުގެ ތެރެއިން މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަށްފަހު އެކަމުގެ މައްޗަށް ހަތަރު ފިރިހެނުންގެ ހެކިބަސް ނުގެނައިނަމަ، އެވާހަކަ ދެއްކި މީހުން ގައިގައި 80 އެތިފަހަރުން ޙައްދު ޖަހައި، އެމީހުންނަކީ ފާސިގުން ކަމުގައި ބެލުމަށް، އަދި ދުވަހަކުވެސް އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް ﷲ ތަޢާލާ އަންގަވާފައިވާ ބަސްފުޅު، ޚުޠުބާގައި ގެނެސްފައިވެއެވެ. އަދި އެއީ ﷲ ތަޢާލާގެ ލަޢުނަތް ލިބިގެންވާ ބޮޑު ފާފައެއް ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ބަވަނަވެފައިވާ ދުނިޔޭގައި މިފަދަ ކަންކަން ކޮށް އުޅެނީ އެކަމުގެ ފާފައިގެ ބޮޑުކަމަށް އެއްވެސް ވަރަކަށް ވިސްނާލުމެއްވެސް ނެތިކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ކަންކަން އާންމުވެ، އަހަރުމެންގެ ޅަދަރީން ތަރުބިއްޔަތު ކުރެވެނީ މިފަދަ ކަންކަމުގެ މަތީގައި ނަމަ، މާދަމާ މި ޤައުމު އޮންނާނެ ހާލަތާމެދު ވިސްނާލުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.
އެންމެ ފަހު ކަމަކަށް، ޚުޠުބާގައި ވަނީ އެހެން މީހުންގެ އަބުރު ކަތިލުމަކީ ނަހީކުރައްވާފައިވާ ކަމަކަށް ވާ ފަދައިން، އަމިއްލަ ނަފްސުގެ އަބުރު ރައްކާތެރިކުރުމަކީވެސް ކުރަންޖެހޭ ކަމެއްކަން ހަނދައިންކޮށްދީފައެވެ.