ރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އާ ދެމެދު ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކުން ގުޅިގެން ކުރާ މަސައްކަތް ވަރުގަދަކުރުމާ ގުޅޭ ގޮތުންނާއި ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ރައީސުން މަޝްވަރާކުރައްވައިފިއެވެ.
މާލޭގައި ހުންނަ ޔޫއޭއީގެ އެމްބަސީން 'އެކްސް'ގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އައްނަޙްޔާނާ ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށެވެ.
އެގޮތުން ދެ ގައުމުގެ ދޭދޭ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުންނާއި، އެއްބަސްވާ ކަންތައްތަކާ އެކީ ބައެއް ދާއިރާތަކުން ގުޅިގެން ކުރާ މަސައްކަތްތައް ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް، ޔޫއޭއީގެ އެމްބަސީން ކުރި ޕޯސްޓުގައިވެއެވެ. ޚާއްސަކޮށް ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކުން ގުޅިގެން ކުރާ މަސައްކަތް ވަރުގަދަކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެމްބަސީން ބުންޏެވެ.
އެމްބަސީގެ ފަރާތުން ބުނީ، ދެ ގައުމުގެ ވެސް ތަރައްގީއަށް އިސްކަންދޭ ގޮތަށް ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެ ގައުމުގެ ރައީސުން ވެސް ދެއްވި ކަމަށެވެ.
އަދި ސަރަހައްދީ ސަލާމަތްތެރިކަން ވަރުގަދަކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް އެމްބަސީން ބުންޏެވެ.
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ދޭދޭ ގުޅުން ގާއިމުކުރީ މާރިޗު 15، 1978ގައެވެ.