އަހަރު ދެބައިވިއިރު ކްރިމިނަލް ކޯޓުގައި ނުނިމި 1،600އަށް ވުރެ ގިނަ މައްސަލަ އެބައޮތް: ޙުސްނީ

ޖޭއެސްސީގެ ރައީސް ޙުސްނީ މުބާރިކް: ވިދާޅުވީ އަހަރު ދެބައިވިއިރު ކްރިމިނަލް ކޯޓުގައި އަދިވެސް 1،626 މައްސަލައެއް ނުނިމި އެބައޮތް ކަމަށް ---

މި އަހަރު ދެބައިވިއިރު ކްރިމިނަލް ކޯޓުގައި އަދިވެސް 1،626 މައްސަލައެއް ނުނިމި އެބައޮތް ކަމަށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ޙުސްނީ މުބާރިކް މިއަދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ތިން ގާޟީންނާއި ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ދެ ގާޟީން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޙުސްނީ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބަށް ބަލައިލާއިރު ކްރިމިނަލް ކޯޓުގައި 1،626 މައްސަލައެއް ނުނިމި އެބައޮތް ކަމަށެވެ.

މި އަހަރު އަލަށް އެ ކޯޓަށް 1،098 މައްސަލައެއް ހުށަހެޅުނު ކަމަށް ޙުސްނީ ވިދާޅުވިއެވެ. މިއަދު ހުވާކުރެއްވި ތިން ގާޟީންނާ ނުލައި އިއްޔެގެ ނިޔަލަށް ތިބި ގާޟީންގެ ނިސްބަތުން ކޮންމެ ގާޟީއެއް 84 މައްސަލައެއް ބައްލަވަމުން އަންނަ ކަމަށާއި، މަހަކު 15 މައްސަލަ އަލަށް ހަވާލުކުރެވިގެން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އިތުރުކުރަން ޖޭއެސްސީން ނިންމި މައިގަނޑު ސަބަބަކީ ޙުސްނީ ވިދާޅުވިގޮތުގައި، ސިވިލް ކޯޓެކޭ އެއްގޮތަށް ކްރިމިނަލް ކޯޓުގައި ވެސް މައްސަލަތައް ނިންމުން ލަސްވެ ބެކްލޮގު ވަނީ ހުށަހެޅޭ މައްސަލަތަކުގެ އަދަދުން ބަލާއިރު ކޮންމެ ފަނޑިޔާރަކު ބަލަންޖެހޭ މައްސަލަތައް ގިނަވުމުން ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭތީއެވެ.

ޙުސްނީ ވިދާޅުވީ، ސިވިލް ކޯޓުން މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭ 2،000އެއްހާ މައްސަލަ ބަލައި ނިންމައިފައިވާ ކަމަށެވެ.

ކޯޓުތަކުގައި ހިންގަމުން އަންނަ މައްސަލަތައް ލަސްވެ، ދިގުލައިގެން ދިއުމަކީ އާންމުންގެ ކަންބޮޑުވުން އޮންނަ ކަމެކެވެ. އެގޮތުން ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބައެއް މައްސަލަތައް އަދިވެސް ނުނިމޭއިރު، އާންމުންގެ ޝަކުވާ ބޮޑެވެ.

comment ކޮމެންޓް