ދުނިޔޭގެ ކުލަބް ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑުން މި ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓުގައި ފެންނަނީ ވަރަށް ހަރަކާތްތެރިކޮށެވެ.
ޓްރާންސްފަރ ވިންޑޯ ހުޅުވުނު ހިސާބުން ފެށިގެން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ސްކައުޓުކޮށް، ރެއާލުން އަންނަނީ ފަހަރަކު ކުޅުންތެރިއެއްގެ ސޮއި، ކާމިޔާބުކަމާއެކު ހޯދަމުންނެވެ.
ކުޅުންތެރިންގެ އިތުރުން، މިދިޔަ ސީޒަންގެ ފަހުކޮޅު އެޓީމަށް އިރުޝާދުދިން އަލްވާރޯ އާބެލޮއާ ޓީމު ދޫކޮށްލުމާއެކު، އަންނަ ސީޒަނުގައި ޓީމަށް އިރުޝާދުދިނުމަށް، ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯވެސް ވަނީ ޓީމަށް ގެނެސްފައެވެ. މި ކާމިޔާބު ޓްރާންސްފާތަކުގެ ތެރެއަށް އެންމެ ފަހުން އިތުރުވި ބޮޅަކީ ޖަރުމަނުގެ އާރުބީ ލިޕްޒިގުގައި މޮޅު ކުޅުމެއް ދެއްކި އައިވަރީ ކޯސްޓުގެ ވިންގަރ، ޔޭން ޑިއޮމަންޑޭ އެވެ.
ރެއާލުގެ ކޯޗަކަށް މޮރީނިއޯ އަދި އަލަށް ގުޅުނު ކުޅުންތެރިންނަށް ނަޒަރު ހިންގާލާނަމެވެ.
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ"ދަ ސްޕެޝަލް ވަން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ޕޯޗުގަލްއަށް އުފަން، 63 އަހަރުގެ ހޯސޭ މޮރީނިއޯއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު، މޮޅު ކޯޗެކެވެ. ކެރިއަރަށް މިއަހަރަށް 20 އަހަރު ފުރޭއިރު، މޮރީނިއޯ ވަނީ ގިނަ ކުލަބުތަކަކާއެކު، ތަފާތު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2004 ވަނަ އަހަރު ޕޯޓޯއާއެކު އޭނާ ހޯދީ ޗެމްޕިއަންސް ލީގު ތައްޓެވެ.
މޮރީނިއޯގެ ކެރިއަރަށް ބަލާއިރު، އޭނާ ވަނީ ތަފާތު 10 ކުލަބެއްގެ މެނޭޖަރެއްގެ ދައުރު އަދާކޮށްފައެވެ. 2000 ވަނަ އަހަރު އޭނާގެ ކެރިއަރު ފަށާފައިވަނީ ޕޯޗުގަލްގެ އެންމެ ނަން މަޝްހޫރު އެއް ކުލަބް ކަމަށްވާ ބެންފީކާއިންނެވެ. އަދި މި ފެށޭ ސީޒަނަށް ރެއާލަށް ބަދަލުވުމުގެ ކުރިން އެންމެ ފަހުންވެސް އޭނާ ހުރީ ބެންފީކާގެ ކޯޗުގެ ގޮތުގައެވެ.
މޮރީނިއޯ މެނޭޖުކޮށްދީފައިވާ ކުލަބުތަކުގައި ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ 4 ފަހަރަށް އެންމެ މޮޅު ކޯޗުގެ އެވޯޑު ހޯދާފައެވެ. އެއީ؛ 2003 ވަނަ އަހަރު ޕޯޓޯގައި، 2004 ވަނަ އަހަރު ޗެލްސީގައި، 2009 ވަނަ އަހަރު އިންޓަރ މިލާންގައި އަދި 2011 ވަނަ އަހަރު ރެއާލް މެޑްރިޑުގައެވެ. މީގެ އިތުރުން މޮރީނިއޯ ވަނީ ޗެމްޕިއަންސް ލީގާއި ޕްރެމިއަރ ލީގު އަދި ލަލީގާ ހިމެނޭހެން ޖުމްލަ 26 ތަށި ހާސިލުކޮށްފައެވެ.
މާކް ކުކުރެއާ
މާކް ކުކުރެއާ--މިއަހަރުގެ ވޯލްޑް ކަޕަށް ސްޕެއިންގެ ހެޑް ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ އިއުލާނުކުރި ސްކޮޑާއެކު، ގިނަ ބަޔަކު ހައިރާން ކުރުވި ކަމަކަށްވީ، ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއެއް ހިމަނާފައި ނުވުމުންނެވެ. ކްލަބް ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައިވާ ޑީން ހައުސެން ފަދަ ކުޅުންތެރިން ސްކޮޑުން އުނިކުރުމުންނެވެ. ނަމަވެސް، ވޯލްޑް ކަޕް ނިމެން ހަތަރު ވަރަކަށް ދުވަހަށް ވެފައި އޮއްވައި އިވުނީ، ސްޕެއިން ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރަމުންދިޔަ މާކް ކުކުރެއާ، ރެއާލް މެޑްރިޑަށް ސޮއިކުރި ޚަބަރެވެ.
އިނގިރޭސި ޕްރެމިއަރ ލީގުގެ ޗެލްސީ އާއި ބްރައިޓަންއަށްވެސް ކުޅެފައިވާ ކުކުރެއާ އެންމެ ފުރަތަމަ ފެންނަންފެށީ އެސްޕަންޔޯލްގެ ޔޫތު ޓީމުންނެވެ. އެއަށްފަހު، ބާސާގެ ޔޫތު ޓީމުތަކަށް ކުޅުމަށްފަހު، ބާސާގެ ސީނިއަރ ޓީމަށްވެސް ކުކުރެއާ ކުޅުނެވެ. އެއަށްފަހު، ސްޕެއިންގެ އެއިބާގެ އިތުރުން ހެޓާފޭއަށްވެސް އޭނާ ކުޅެފައިވެއެވެ.
އުމުރުން 28 އަހަރުގެ ކުކުރެއާގެ ކެރިއަރުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ސްޕެއިން، ޗެލްސީ އަދި ބާސާ އާއެކު ތަފާތު 5 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އެއީ، ސްޕެއިން އާއެކު 2026 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އިތުރުން 2024 ވަނަ އަހަރުގެ ޔޫރޯ، ޗެލްސީ އާއެކު 25/2024 ސީޒަންގެ ޔުއެފާ ކޮންފަރެންސް ލީގުގެ އިތުރުން 2025 ވަނަ އަހަރުގެ ކްލަބް ވޯލްޑްކަޕް އަދި ބާސާ އާއެކު 18/2017 ސީޒަންގެ ސްޕެނިޝް ކަޕެވެ.
ބެނާޑޯ ސިލްވާ
ބެނާޑޯ ސިލްވާ--ފާއިތުވި ދެ ސީޒަނުގައިވެސް ރެއާލް މެޑްރިޑަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ މެދުތެރެއިން ލިބޭ ބޯޅަތައް، އެންމެ "އެފިޝެންޓް" ގޮތުގައި ކުރިއަށް ފޯރުކޮށްދޭނެ ކުޅުންތެރިއަކު ނެތުމެވެ. "ޖަރމަން ސްނައިޕަރ" ގެ ގޮތުގައި ސަޕޯޓަރުންގެ މެދުގައި މަޝްހޫރުވި ޓޮނީ ކްރޫސް ކުޅުން ހުއްޓާލުމާއި ލޫކާ މޮޑްރިޗް ކްލަބު ދޫކޮށްލުމާއެކު ޓީމުގެ މެދުތެރެއަށް ލިބުނު ހުސްކަން ފޫބެއްދޭނެ ކުޅުންތެރިއެއް ޓީމުގައި ނެތުމުގެ އުނިކަން އަދިވެސް ފެނެއެވެ.
ނަމަވެސް، މެންޗެސްޓަރ ސިޓީގައި ކާމިޔާބު ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ރެއާލަށް ސޮއިކުރުމާއެކު މިކަން ހައްލުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
2013 ވަނަ އަހަރު ބެންފީކާގެ ބީ ޓީމުން ކެރިއަރު ފެށި ބެނާޑޯ ސިލްވާ ވަނީ އޭނާ މިހާތަނަށް ކުޅެފައިވާ ތިން ކްލަބާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، އޭނާ ވަނީ ބެންފީކާގެ ސީނިއަރ ޓީމާއެކު 14/2013 ސީޒަންގެ ޕޯޗުގީޒް ކަޕުގެ އިތުރުން 2014 ވަނަ އަހަރުގެ ޕޯޗުގީޒް ލީގް ކަޕް ކާމިޔާބުކޮށްފައެވެ. މޮނާކޯގައި ސިލްވާ ހޭދަކުރި 4 ވަރަކަށް އަހަރުގެ ތެރޭގައި އޭނާ ވަނީ ފްރެންޗް ލީގު އެއްފަހަރު ކާމިޔާބުކޮށްފައެވެ. އެއީ، 17/2016 ސީޒަންގައެވެ.
ބެނާޑޯ ސިލްވާގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރުތައް ހޭދަކޮށްފައި ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީގައެވެ. އެގޮތުން، އެކްލަބުގައި ސިލްވާ ހޭދަކުރި ނުވަ ވަރަކަށް އަހަރުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އިނގިރޭސި އެފްއޭ ކަޕް 3 ފަހަރު، އިނގިރޭސި ލީގު ކަޕް 5 އަހަރު، އިނގިރޭސި ކޮމިއުނިޓީ ޝީލްޑް 3 ފަހަރު، އިނގިރޭސި ޕްރެމިއަރ ލީގު 6 ފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް އެއްފަހަރު ކާމިޔާބުކޮށްފައިވެއެވެ.
އިބްރާހީމާ ކޮނާޓޭ
އިބްރާހީމާ ކޮނާޓޭ--ލިވަޕޫލް އާއެކު ހަދާފާއިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު ފްރީ އޭޖެންޓެއް ގޮތަށް ރެއާލަށް ބަދަލުވި ކޮނާޓޭއަކީ އެންމެ ފަހު ޑިފެންޑަރަކަށް ހުންނަ ހާލަތްތަކުގައި އިތުބާރާއެކު ކުޅޭ، ތަޖުރުބާކާރު ޑިފެންޑަރެކެވެ. ސްޕެއިންގެ ޑީން ހައުސެން އާއެކު ޑިފެންސްލައިންގެ "ހިތުގައި" މޮޅު ކުޅުމެއް ދައްކާނެ ކުޅުންތެރިއެއްގެ އިތުރުން ސެޓްޕީސްތަކުން ގޯލު ޖެހުމަށްވެސް ފައްކާ ކުޅުންތެރިއެކެވެ.
ކޮނާޓޭ، ލިވަޕޫލްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ އިތުރުން ކޮމިއުނިޓީ ޝީލްޑް އަދި އެފްއޭ ކަޕް، އެއް ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، އޭނާ ވަނީ އިނގިރޭސި ލީގު ކަޕް، ދެ ފަހަރު ކާމިޔާބުކޮށްފައެވެ. ލިވަޕޫލްގައި ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އިތުރުން ކޮނާޓޭ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ރިހި މެޑަލްވެސް ހޯދާފައެވެ.
ކޮނާޓޭގެ ކެރިއަރ ފަށާފައިވަނީ ޕެރިސް އެފްސީގެ ޒުވާން ޓީމުތަކުންނެވެ. އޭގެފަހުން ފްރެންޗް ލީގު 2 ގެ ޓީމަކަށް ކުޅުމަށްފަހު ޖަރުމަނުގެ އާރުބީ ލެއިޕްޒިގަށް ބަދަލުވިއެވެ. އެޓީމުގައި ކުޅުނު 95 މެޗުގައި ދެއްކި މޮޅު ކުޅުމާއެކު، ލިވަޕޫލްގެ ސްކައުޓުންގެ ލޮލުގައި އޭނާ އަޅައިގަތުން ވެގެންދިޔައީ 2021 ވަނަ އަހަރު އޭނާ ލިވަރޕޫލަށް ބަދަލުވާން ފަހިވި ފުރުސަތަށެވެ. އެޓީމުގައި ފަސް އަހަރު ހޭދަކުރުމަށްފަހު ކޮނާޓޭ ރެއާލަށް ބަދަލުވެފައިވަނީ 17 މިލިއަން ޕައުންޑުގެ މުސާރައަކަށެވެ.
ޑެންޒެލް ޑަމްފްރީޒް
ޑެންޒެލް ޑަމްފްރީޒް--ރެއާލްގެ ޑިފެންސަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމަކީ، އެޓީމުގެ ޖޫނިއަރ ލެވަލްތަކުން ފެށިގެން ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އައި ޑެނީ ކާވަހަލް، އޭނާގެ ކޮންޓްރެކްޓު އައު ނުކުރަން ނިންމުމާއެކު ލިބުނު ހުސްކަން ފޫބައްދަން ގެނައި ޑެންޒެލް ޑަމްފްރީޒް އެވެ. 17 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައި އިޓަލީގެ އިންޓަރ މިލާނުން ސޮއިކުރި، އުމުރުން 30 އަހަރުގެ ޑަމްފްރީޒް އަކީ ކަނާތް ފަޅީގައި އިތުބާރާއެކު ކުޅޭ، ކޯޗު މޮރީނިއޯ ބޭނުންވާފަދަ ނަތީޖާތަކެއް ނެރެދެވޭނެ ފެންވަރުގެ ހުނަރުވެރި އަދި ތަޖުރިބާކާރު ކުޅުންތެރިއެކެވެ.
ޑަމްފްރީޒްގެ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ އިންޓަރ މިލާން އާއެކު އިޓަލީ ލީގު އަދި ކޮޕާ އިޓާލިއާ ދެފަހަރު އަދި ސުޕަރ ކޮޕާ އިޓާލިއާ ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެކުލަބާއެކު ޗެމްޕިއަންސް ލީގު ރިހި މެޑަލްވެސް ހޯދާފައެވެ.
ކާލޯސް އެސްޕީ
ކާލޯސް އެސްޕީ..ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހޯސޭ މޮރީނިއޯ ހަވާލުވިފަހުން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ މާ ގިނައިން ޒުވާން ކުޅުންތެރިން ގެންނަން އޭނާ ބޭނުން ނުވާކަމުގެ ވާހަކައެވެ. ބަދަލުގައި، "ވަގުތުން ވަގުތަށް" ނަތީޖާ ނެރޭނެ، ތަޖުރިބާކާރު ކުޅުންތެރިން ގެންނަން ބޭނުންވާ ވާހަކައެވެ. 30 އަހަރުގެ ޑަމްފްރީޒްގެ އިތުރުން 32 އަހަރުގެ ބެނާޑޯ ސިލްވާއަކީ މިގޮތުން ގެނެވުނު ދެ ކުޅުންތެރިންނެވެ. ނަމަވެސް، މި ވިންޑޯގައި ރެއާލުން ސޮއިހޯދި އެންމެ ހައިރާންކުރުވަނިވި ކުޅުންތެރިއަކަށް ވާނީ ހަމަގައިމުވެސް އުމުރުން އެންމެ 21 އަހަރުގެ ކާލޯސް އެސްޕީއެވެ.
ގިނަ ބަޔަކަށް ނުވެސް އެނގޭ، ޒުވާން ކުޅުންތެރިއެއް ކުލަބަށް ގެނައުން ވެގެންދިޔައީ ހާއްސަކޮށް ރެއާލްގެ ސަޕޯޓަރުންނަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. ނަމަވެސް އެސްޕީއަކީ ނިމުނު ލަލީގާ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ، "އަންޑަރ އެސްޓިމޭޓް" ނުކުރެވޭނެ ކުޅުންތެރިއެކެވެ. ލެވާންޓޭއަށް 23 މެޗުގައި ޖަހައިދިން 11 ލަނޑާއެކު އެސްޕީ ވަނީ މިދިޔަ ސީޒަންގެ 23 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ސްޕެއިންގެ ޒުވާން ޓީމަށްވެސް ކުޅެފައެވެ.
ޔެން ޑިއޮމަންޑޭ
ޔެން ޑިއޮމަންޑޭ--މި ޓްރާންސްފަރ ވިންޑޯގައި މިހާތަނަށް އައި އިރު އެންމެ ފަހުން ރެއާލަށް ސޮއިކޮށްފައިވަނީ އައިވަރީ ކޯސްޓުގެ ވިންގަރ، ޔެން ޑިއޮމަންޑޭ އެވެ. ނިމުނު ސީޒަނަށް ބަލާއިރު، 33 މެޗުން 12 ލަނޑު ޖަހައި، 8 ލަނޑު ޖަހަން އެހީވެފައިވާ ޑިއޮމަންޑޭ ވަނީ މިއަހަރުގެ ވޯލްޑްކަޕުގައިވެސް ކުޅެފައެވެ. އެހެންކަމުން އުމުރުން އެންމެ 19 އަހަރުގައިވެސް ޑިއަމޮންޑޭއަކީ ބޮޑެތި މުބާރާތްތަކުގައި ކުޅުމުގެ ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ.
މިދިޔަ ސީޒަނުގައި ޑިއަމޮންޑޭގެ ޑްރިބްލް ސްޓެޓްތަކަށް ބަލާއިރު، 281 ޑްރިބްލް އެޓެމްޓުކޮށް، އޭނާ ވަނީ 164 (%58) ކާމިޔާބުކޮށްފައެވެ. މިކަމުންވެސް އޭނާއަކީ ޑިފެންސްތައް ފޫއަޅުވާލުމުގެ ހުނަރު ހުރި، ނުރައްކާތެރި ކުޅުންތެރިއެއްކަން އެނގެއެވެ.
ރެއާލުން މި ހުރިހާ ކުޅުންތެރިން ގެނައުމުގެ މައިގަނޑު ބޭނުމަކަށް ވެފައިވަނީ މިދިޔަ ދެ ސީޒަނުގައިވެސް އެޓީމަށް މުބާރާތެއް ކާމިޔާބުކުރެވިފައި ނުވާތީ އެކަން ބަދަލުކޮށްލުމެވެ. ޓީމުގައި "ފޫގޮއްސަ" ހުރި ޑިޕާޓްމަންޓުތައް ފޫބެއްދުމެވެ. މަލަމަތި ދައްކަނީ ވަރަށްވެސް ރީއްޗަށެވެ. ނަމަވެސް، ދަތުރު އަމާންވާނެބާއެވެ؟ ނުވަތަ އަނެއްކާވެސް ކުރިމަތިލާން ޖެހޭނީ ރާޅު ބިޔަ، މާ ކަނޑަކާ ބާއެވެ؟