ދުނިޔޭގެ ހިއްސާގެ ބާޒާރު މައްޗަށް، ތެލުގެ އަގު ދަށަށް

ދުނިޔޭގެ ހިއްސާގެ ބާޒާރުގެ މައިގަނޑު އިންޑެކްސްތައް މައްޗަށް ޖެހިލައި، ސާފުނުކުރާ ތެލުގެ އަގު ފީފާއެއް 90 ޑޮލަރަށް ވުރެ ދަށަށް މިއަދު ހިނގައްޖެއެވެ.

މިއާއެކު، އެމެރިކާގެ ޑޮލަރުގެ އަގު ވަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ނުދާހާ މައްޗަށް އުފުލިފައެވެ. އިންވެސްޓަރުންގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލަތަކަށާއި، ކުރިއަށް އޮތް ތަނުގައި މަރުކަޒީ ބޭންކުތަކުން އިންޓަރެސްޓް ރޭޓަށް ގެންނާނެ ބަދަލުތަކަށެވެ.

އެމެރިކާގެ އިގުތިސާދީ ތަފާސްހިސާބުތައް ދައްކާ ގޮތުން، އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރު ދަނީ ފެންނަމުންނެވެ.

https://www.sun.mv/225941

އެމެރިކާގެ ހިއްސާގެ ބާޒާރަށް ބަލާއިރު، ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެސްއެންޑްޕީ 500 އިންޑެކްސް ވަނީ 0.17 ޕަސެންޓް އުފުލި، 7،445.72 އަށް އަރާފައެވެ. މިއީ ފާއިތުވި ހަފުތާގައި 7،517.12 އަށް އެރުމަށްފަހު އައި ކުރިއެރުމެކެވެ. މީގެ އިތުރުން ނަސްޑެކް ފިއުޗާސް ވެސް ވަނީ 0.03 ޕަސެންޓް މައްޗަށް ގޮސްފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބުނު ފައިދާގެ ސަބަބުން، ސެމިކޮންޑަކްޓާ އިންޑެކްސް ވަނީ 2.5 ޕަސެންޓް ކުރިއަރާފައެވެ.

އޭޝިއާގެ ބާޒާރުތަކުގައި ޖަޕާން ފިޔަވައި އެހެން ގައުމުތަކުގެ ހިއްސާ ހިމެނޭ އެމްއެސްސީއައި އިންޑެކްސް 1.08 ޕަސެންޓް އުފުލުނުއިރު، ދެކުނު ކޮރެއާގެ ހިއްސާގެ ބާޒާރު ވަނީ 3.78 ޕަސެންޓް މައްޗަށް ގޮސްފައެވެ. އަދި ޖަޕާނުގެ ނިކެއި އިންޑެކްސް ވެސް ވަނީ 1.67 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހިއްސާ ހިމެނޭ އެމްއެސްސީއައި ވޯލްޑް ސްޓޮކްސް އިންޑެކްސް ވަނީ 0.10 ޕަސެންޓް އުފުލިފައެވެ. ޔޫރަޕުގެ ސްޓޮކްސް 600 އިންޑެކްސް 0.11 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، އެ ސަރަހައްދުގެ ޓެކްނޮލޮޖީ ހިއްސާތައް ވަނީ 0.13 ޕަސެންޓް ކުރިއަރާފައެވެ.

ތެލުގެ ބާޒާރަށް ބަލާއިރު، ސާފުނުކުރާ ތެލުގެ އަގު ވަނީ ފީފާއެއް 88 ޑޮލަރަށް ދަށަށް ގޮސްފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތެލުގެ އަގު ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑް ދަށްވާނެ ކަމަށް ލަފާކުރެވުމާ ގުޅިގެންނެވެ. ތެޔޯ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް) އިން ވަނީ މި އަހަރު ދުނިޔޭގެ ތެލުގެ ޑިމާންޑް އިތުރުވާނެ ކަމަށް ލަފާކުރި މިންވަރު ދުވާލަކު 580،000 ފީފާއަށް ދަށްކޮށްފައެވެ. މިއީ ވިދިވިދިގެން މި އަންދާޒާ ދަށްކުރި ހަތަރުވަނަ ފަހަރެވެ.

ތެޔޮ އުފެއްދުން --- ފޮޓޯ/ އެސޯސިއޭޓް ޕްރެސް

މީގެ އިތުރުން، އެމެރިކާގެ ކޮމާޝަލް ތެލުގެ ރިޒާވް ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު ނުދާހާ މައްޗަށް އިތުރުވެފައެވެ. ތެލުގެ ޑިމާންޑް ދަށްވި ނަމަވެސް، ހޮރުމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ބާޒާރަށް ވަނީ އަސަރުކޮށްފައެވެ. ހޮރުމުޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން ދެ ގައުމުން އެއްބަސްވުމަކަށް ނާދެވި، އެއް ގައުމުން އަނެއް ގައުމަށް ދަނީ ތުހުމަތުތައް ކުރަމުންނެވެ. އެމެރިކާއިން ބުނާ ގޮތުގައި އީރާނުން ވަނީ އެއްބަސްވުމާ ހިލާފުވެފައެވެ. ނަމަވެސް އީރާނުން ބުނަނީ އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައި ނުވާ ކަމަށެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާގެ ޑޮލަރުގެ އިންޑެކްސް ވަނީ 0.32 ޕަސެންޓް އުފުލި، 100.01 އަށް އަރާފައެވެ. މިއީ ޖުލައި 31ގެ ފަހުން ޑޮލަރުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ހަކަތައިގެ އަގުތައް މަތީގައި ހުރުމުގެ ސަބަބުން، ހަކަތަ އިމްޕޯޓުކުރާ ޔޫރަޕާއި ޖަޕާނުގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް މާލީ އިދާރާތަކުން ލަފާކުރެއެވެ. ނަމަވެސް، އެމެރިކާއަކީ އަމިއްލައަށް ތެޔޯ އުފައްދާ ގައުމަކަށް ވުމުން، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު އެ ގައުމަށް ކުރާ މިންވަރު ކުޑައެވެ. ޖަޕާނުގެ ޔެންއާ އަޅައިބަލާއިރު ޑޮލަރުގެ އަގު ވަނީ 0.03 ޕަސެންޓް ދަށަށް ގޮސް، 159.38 ގައި ހުރެފައެވެ. ޖަޕާނުގެ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް ޖުލައި މަހު 7.2 ޕަސެންޓް އުފުލިފައިވުމާއެކު، ބޭންކް އޮފް ޖަޕާނުން ކުރިއަށް އޮތް މަހު އިންޓަރެސްޓް ރޭޓް މައްޗަށް ޖައްސާނެ ކަމަށް ވަނީ ބެލެވިފައެވެ. ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަޕާނުގެ ބޮޑުވަޒީރު ސަނާއެ ޓަކައިޗީގެ ސަރުކާރުން ވެސް އިންޓަރެސްޓް ރޭޓް މައްޗަށް ޖެއްސުމަށް ތާއީދުކުރެއެވެ.

އެމެރިކާގެ މަރުކަޒީ ބޭންކް، ފެޑެރަލް ރިޒާވްއިން އިންޓަރެސްޓް ރޭޓަށް ގެންނާނެ ބަދަލަކާ މެދު އިންވެސްޓަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައެވެ. އެމެރިކާގެ އިގުތިސާދީ ތަފާސްހިސާބުތައް ލަފާކުރި ވަރަށް ވުރެ ދަށްކޮށް ދެއްކުމާ ގުޅިގެން، ކުރިއަށް އޮތް ސެޕްޓެންބަރު މަހު ފެޑެރަލް ރިޒާވްއިން އިންޓަރެސްޓް ރޭޓް ބަދަލުނުކޮށް ހިފަހައްޓާނެ ކަމުގެ ފުރުސަތު 65 ޕަސެންޓަށް ވަނީ އިތުރުވެފައެވެ. މީގެ ކުރިން މި ފުރުސަތު އޮތީ 50 ޕަސެންޓުގައެވެ.

ޖެފަރީސްގެ އިކޮނޮމިސްޓް މޯހިތު ކުމާރު ބުނި ގޮތުގައި، އޭއައި ދާއިރާގެ ކުންފުނިތަކަށް ލިބެމުންދާ ފައިދާ ރަނގަޅު ކަމަށާއި، ފެޑެރަލް ރިޒާވްއިން އިންޓަރެސްޓް ރޭޓް މައްޗަށް ނުޖައްސާނަމަ ހިއްސާގެ ބާޒާރަށް އޭގެ ފައިދާ ކުރާނެއެވެ.

އަނެއްކޮޅުން، އޮސްޓްރޭލިއާގެ މަރުކަޒީ ބޭންކް (ރިޒާވް ބޭންކް އޮފް އޮސްޓްރޭލިއާ) ގެ އެސިސްޓަންޓް ގަވަރުނަރު ކްރިސްޓޮފާ ކެންޓް ވިދާޅުވި ގޮތުގައި، އިންފްލޭޝަން މައްޗަށް ދިއުމުގެ ނުރައްކާ އަދިވެސް އެބައޮތެވެ. އެހެންކަމުން، އިންޓަރެސްޓް ރޭޓް އިތުރަށް މައްޗަށް ޖައްސަން ނުޖެހޭނެ ފަދަ ހާލަތަކަށް ދިއުމަށްޓަކައި ގިނަ ކަންތައްތަކެއް ރަނގަޅުވާން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރަން ގަންނަ އަގު ވަނީ 0.74 ޕަސެންޓް ދަށަށް ގޮސް، އައުންސެއް 4،375.88 ޑޮލަރަށް ވެއްޓިފައެވެ.

comment ކޮމެންޓް