ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ލެބޯޓްރީ، ގޫގުލް ޑީޕްމައިންޑްގެ އިސް ވެރިންގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ވެރިންނަށް ދީފައިވާ ބޮޑެތި ބާރުތައް ނަގައިފިއެވެ.
މި ބަދަލުތަކާއެކު ޑީޕްމައިންޑްގެ ވެރިޔާގެ މަގާމުގައި ހުރި ޑެމިސް ހަސާބިސް ވަނީ އެ މަގާމުން އެއްފަރާތްވެ، އިދާރީ މަސްއޫލިއްޔަތުތައް މަދު ޗެއާމަންގެ މަގާމަށް ބަދަލުވެފައެވެ. އަދި އޭނާގެ ބަދަލުގައި ޑީޕްމައިންޑްގެ އިސްވެރިޔާގެ މަގާމާ ހަވާލުވެފައިވަނީ އޭނާގެ ނައިބު އަދި ގޫގުލްގެ ޗީފް އޭއައި އާކިޓެކްޓް ކޮރައި ކަވުކްޗިއޯގްލޫއެވެ.
މިއާއެކު ޖެމިނައިގެ އޮރިޖިނަލް ޓެކްނިކަލް ކޯ-ލީޑުން ކަމަށްވާ ޖެފް ޑީން އަދި އޮރިއޯލް ވިންޔާލްސް ވަނީ ކުންފުނި ދޫކޮށް އަމިއްލަ ސްޓާޓްއަޕެއް އުފެއްދުމަށް ގޮސްފައެވެ.
މި ބަދަލުތައް ގެނެސްފައިވަނީ އޭއައިގެ ވާދަވެރިކަމުގައި ގޫގުލްގެ 'ޖެމިނައި' މޮޑެލް، އެންތްރޯޕިކްގެ "ކްލޯޑް މައިތޯސް" އަދި އޯޕަންއޭއައި ފަދަ ވާދަވެރިންގެ އުފެއްދުންތަކަށްވުރެ ފަހަތަށް ޖެހެމުންދާކަމުގެ ކަންބޮޑުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ގޫގުލްގެ ކޯ-ފައުންޑަރު ސާގޭ ބްރިން ---
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖެމިނައި 3 އާއެކު ގޫގުލް ކުރިއަރައިގެން ދިޔަ ނަމަވެސް، ފަހުން އަނެއްކާވެސް ވަނީ ފަހަތަށް ޖެހިފައެވެ. އަދި އޮގަސްޓް މަހާ ހަމައަށް އައިއިރު، ކޯޑިން ފަދަ މުހިންމު ދާއިރާތަކުން ޖެމިނައިގެ އާ ފްލެގްޝިޕް ވާޝަންގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ މޮޑެލް ނެރުން ދެ މަސްދުވަހަށް ފަސްކުރަންޖެހުނެވެ.
ކުންފުނީގެ ހިއްސާދާރުންނާއި މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ގޫގުލްގެ ކޯ-ފައުންޑަރު ސާގޭ ބްރިން ވަނީ މި ފަހުން މުވައްޒަފުންނާ ބައްދަލުކޮށް، ޖެމިނައި މޮޑެލް ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާފައެވެ.
އެގްޒެކެޓިވް މަގާމެއް ނެތް ނަމަވެސް، 52 އަހަރުގެ ބްރިން ވަނީ ކުންފުނީގެ ވަސީލަތްތައް އޭއައި އަމިއްލައަށް އިސްލާހުވެ ކުރިއަރާ ނިޒާމުތައް (ރިކާސިވް ސެލްފް-އިމްޕްރޫވްމަންޓް) ތަރައްގީކުރުމަށް އިސްކަންދިނުމަށް ބާރުއަޅާފައެވެ.
އޯގަސްޓް 5 ގައި އިއުލާނުކުރި މި ބަދަލުތަކާ ގުޅިގެން ގޫގުލްގެ ހިއްސާގެ އަގު 4 އިންސައްތައަށް ދަށަށް ދިޔައެވެ. އޭގެ ފަހުން އޮގަސްޓް 6 ގައި ބޭއްވި މުވައްޒަފުންގެ ބައްދަލުވުމެއްގައި، ޑީޕްމައިންޑްގެ ބައެއް ޓެކްނިކަލް ނޫން ޓީމުތައް ގޫގުލްގެ މައި ކޯޕަރޭޓް އޮގަނައިޒޭޝަންގެ ދަށަށް ބަދަލުކުރާކަން ވަނީ ހާމަކޮށްފައެވެ. މިއީ 2014 ވަނަ އަހަރު ގޫގުލްއިން ޑީޕްމައިންޑް ގަތީއްސުރެ، އެ ލެބުގެ މިނިވަންކަން ކުޑަކޮށް، ވިޔަފާރި އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
އާ އިސްވެރިޔާ ކަވުކްޗިއޯގްލޫގެ ދަށުން ޑީޕްމައިންޑްގެ މުހިންމު ނިންމުންތައް ނިންމުމުގެ އާރާއި ބާރު އޭނާއަށް ލިބިގެންދާނެއެވެ. 2025 ގައި ގޫގުލްގެ ސީއީއޯ ސުންދާރު ޕިޗާއި ކަވުކްޗިއޯގްލޫއަށް ދިން މަގާމާއެކު، އޭނާ ވަނީ ލަންޑަނުން ކެލިފޯނިއާގެ މައުންޓެން ވިއުއަށް ބަދަލުވެ، ގޫގުލް ކްލައުޑް އާއި ޑީޕްމައިންޑްގެ މެދުގައި އޮތް ގުޅުން ބަދަހިކޮށްފައެވެ.
މިއާއެކު އޭއައި ޗިޕްސް (ޓެންސާ ޕްރޮސެސިން ޔުނިޓްސް / ޓީޕީޔޫ) ބަހާނެ ގޮތާމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ލިބޭނެކަމަށް ބެލެވެއެވެ.
ނަމަވެސް، ޑީޕްމައިންޑްގެ ބައެއް އިސް ލީޑަރުން ވަކިވުމާއި، ކުންފުނީގެ ބިއުރޯކްރެސީގެ ސަބަބުން މޮޑެލްތައް ނެރުން ލަސްވުމާއި، ކޮމްޕިއުޓިން ކެޕޭސިޓީގެ ދަތިކަމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. އަދި ޑީޕްމައިންޑްގެ އަސާސީ ރިސާޗްތަކަށްވުރެ ކުންފުނީގެ ވިޔަފާރި މަސްލަހަތަށް އިސްކަންދެމުންދާތީ، އެކަމުގެ ބަހުސްތައް ވަނީ ބޮޑުވެފައެވެ.