ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު, ސައިބަ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށް، ދިވެހި ފުލުހުންގެ ސައިބަ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވަފުދަކާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު، ޔޫއޭއީގެ ސައިބަ ސެކިއުރިޓީގެ ހެޑް، ޑރ. މުޙައްމަދު އަލް ކުވެއިތީ އާއި އެ ގައުމުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދަކާއެކު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ޔޫއޭއީގެ ވަފުދުން މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔޫއޭއީއިން ދިވެހި ފުލުހުންނަށް ދެމުންދާ އެހީތެރިކަމަށްޓަކައި ޕޮލިސް ކޮމިޝަނަރު ޝުކުރު އަދާކުރެއްވިއެވެ.
ޔޫއޭއީ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ ތަހުގީގީ އަދި ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު އެ ބޭފުޅުން ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، ދިވެހި ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.
ރާއްޖޭގައި ޑިޖިޓަލް ދާއިރާއިން ދިމާވެދާނެ ނުރައްކާތައް ދެނެގަނެ އެފަދަ ކުށްތައް މަދުކުރުމަށް ޚާއްސަ ސެންޓަރެއް، ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ)ގެ ނަމުގައި އިފުތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގައިއެވެ.
ސީއެސްއޯސީ ހުޅުވުން: ކުރީގެ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޔޫއޭއީގެ ސައިބަ ސެކިއުރިޓީގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީ -- ފޮޓޯ/ ފުލުހުންޔޫއޭއީގެ އެހީގައި ގާއިމުކުރި ސައިބާ ސެކިއުރިޓީ ސެންޓަރު އިފުތިތާހުކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ޑރ. އަލްކުވައިތީއާއި އޭރު ހުންނެވި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނާއި ހޯމް މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ނަވީން ވިދާޅުވީ ސައިބާސެކިއުރިޓީ ސެންޓަރެއް ހުޅުވުމަކީ ދިވެހި ފުލުހުންނަށް ވަރަށް ތާރީޚީ ކަމެއް ކަމަށެވެ.
ޑިޖިޓަލް ދާއިރާއިން ކުރާ ކުށްތަކުގެ ތެރޭގައި ޝަޚުސު އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމާއި އެހެނިހެން ގޮތްގޮތަށް ވެސް ސްކޭމް ކުރުމާއި އެޕްތައް ހެކް ކުރުން ހިމެނެއެވެ. ރާއްޖޭގައި ފާއިތުވި އަހަރުތަކުގައި އެފަދަ ކުށްތައް އިތުރުވެ، މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.