ޕިކްސެލް 11 އާއެކު އިޝާރާތުގެ ބަސް ތަރުޖަމާކޮށްދޭ އާ ފީޗާއެއް ތަޢާރަފުކޮށްފި

މި ފީޗާ މަސައްކަތްކުރަނީ ގޫގުލް ޑީޕްމައިންޑުން އުފައްދާފައިވާ އޭއައި މޮޑެލެއްގެ އެހީގައި ---

ގޫގުލްގެ އެންމެ ފަހުގެ ޕިކްސެލް 11 ސީރީޒްގެ ފޯނުތަކާއެކު، ވާހަކަދެއްކުމާއި އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނާއި އިޝާރާތުގެ ބަސް ނޭނގޭ މީހުންނާ ދެމެދު މުޢާމަލާތުކުރުން ފަސޭހަކޮށްދޭ އާ ފީޗާއެއް ތަޢާރަފުކޮށްފިއެވެ.

ކެމެރާ ބޭނުންކޮށްގެން އިޝާރާތުގެ ބަސް ލިޔުމަށް ބަދަލުކޮށްދޭ (ސައިން-ޓު-ޓެކްސްޓް) މި ފީޗާގެ ސަބަބުން، އިޝާރާތުން ވާހަކަދައްކާ މީހުން ޓައިޕްކުރުމަށް ހުއްޓާލުމުގެ ބަދަލުގައި އާދައިގެ މަތިން އިޝާރާތުން ދައްކާ ވާހަކަތައް ވަގުތުން ލިޔުމަށް ބަދަލުވެގެންދާނެއެވެ. މިއީ މޫނުބަލައިގެން ކުރެވޭ މުޢާމަލާތްތައް އިތުރަށް ފުރިހަމަކޮށް، ދެފަރާތަށް ފަސޭހަކަމާއެކު ވާހަކަދެއްކޭނެ މަގުފަހިކޮށްދިނުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ.

މި ފީޗާ މަސައްކަތްކުރަނީ ގޫގުލް ޑީޕްމައިންޑުން އުފައްދާފައިވާ "ސައިން-ލޭންގުއޭޖް-ޓު-ޓެކްސްޓް" (އެސްއެލް2ޓީ) ކިޔާ އާ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއެއްގެ އެހީގައެވެ. ފޯނުގެ ކެމެރާއިން އިޝާރާތްތައް ރެކޯޑްކުރުމުން، މި މޮޑެލްއިން އެ އިޝާރާތްތައް ތަރުޖަމާކޮށް ޖީބޯޑް މެދުވެރިކޮށް މެސެޖުތަކާއި، ލިޔުންތަކާއި، ސާޗް އިންޖީންތަކުގެ އިތުރުން ޖެމިނައި ކުއެރީތަކުގައިވެސް ޓެކްސްޓްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

ފެށުމުގެ ގޮތުން މި ފީޗާގައި ބޭނުންކުރެވެނީ އެމެރިކަން ސައިން ލޭންގުއޭޖް (އޭއެސްއެލް) އިނގިރޭސި ބަހަށް ތަރުޖަމާކުރުމުގެ ޚިދުމަތެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ބަސްބަހާއި އެހެނިހެން ޑިވައިސްތަކަށްވެސް މި ފީޗާ ފުޅާކުރުމަށް ގޫގުލްއިން ވަނީ ރާވާފައެވެ.

ރައްކާތެރިކަމާއި ޕްރައިވެސީ ކަށަވަރުކުރުމުގެ ގޮތުން، މި ނިޒާމުން، ބޭނުންކުރާ މީހާގެ އޮރިޖިނަލް ވީޑިއޯ ސާވާއަށް ފޮނުވުމުގެ ބަދަލުގައި، އިޝާރާތުގެ ހަރަކާތްތަކުގެ ކޯޑިނޭޓްތައް އެކަނި ބޭނުންކޮށްގެން ތަރުޖަމާކުރުމަށްފަހު އޮރިޖިނަލް ވީޑިއޯ ފީޑް ވަގުތުން ނައްތާލައެވެ.

މި މޮޑެލް ތަމްރީނުކުރުމަށްޓަކައި 50 އަށްވުރެ ގިނަ އިޝާރާތުގެ ބަހުރުވައިގެ 100,000 އަށްވުރެ ގިނަ ގަޑިއިރުގެ ޑޭޓާ ބޭނުންކޮށްފައިވެއެވެ. އަދި އާންމުކޮށް ބޭނުންކުރާ މީހުންގެ %10 ހިއްސާކުރާ ވާތްބޭނުންކުރާ މީހުންނާއި، ފޯނު އަނެއް އަތުން ހިފަހައްޓައިގެން އެއް އަތުން އިޝާރާތްކުރާ މީހުންނަށްވެސް މައްސަލައެއް ނެތި މި ފީޗާ ބޭނުންކުރެވޭނެހެން ޚާއްޞަކޮށް ޓެސްޓްކޮށް ފަރުމާކޮށްފައިވެއެވެ.

ދުނިޔޭގެ ނިސްބަތުން ވާހަކަދެއްކުމާއި އަޑުއިވުމުން މަހްރޫމްވެފައިވާ 70 މިލިއަނެއްހާ މީހުން އިޝާރާތުގެ ބަސް ބޭނުންކުރާއިރު، މިއީ މިފަދަ ބޮޑު މިންވަރަކަށް އިޝާރާތުގެ ބަސް ތަރުޖަމާކޮށްދޭ އޭއައި މޮޑެލްއެއް އާންމު ކަސްޓަމަރުންގެ އުފެއްދުމެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް