އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ހުއްޓުވަން މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މި މައްސަލަ މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)އެވެ.
ޒާޔާ އެދިވަޑައިގަތީ ވަނީ އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކާ މެދު ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެންގުމަށެވެ.

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
އެ މައްސަލަ ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ، މާލޭގައި އާންމުން އެއްވާ އެކި ތަންތަނާއި ޚާއްސަކޮށް ޕާކުތަކަށް ކުޑަކުދިން ގޮވައިގެން ހިތްފަސޭހަކޮށްލަން ގޮސް އުޅޭއިރު، ކައިރީގައި ތިބޭ މީހުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ އުނދަގޫ ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާތައް ލިބޭ ކަމަށެވެ.
މިއީ، ސިއްހީގޮތުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާނެ ފަދަ ކަމެއްކަންވެސް ޒާޔާ ފާހަގަކުރެއްވިއެވެ.
ކައުންސިލްގެ ޖަލްސާގައި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހުއްޓުވުމަށް ނިންމާފައި ވަނީ، އެ ޖަލްސާގައި ބައިވެރިވެވަޑައިގަތް 16 ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރާ ކަމުގެ ކަންބޮޑުވުން އޮވެއެވެ. އެކަމަކު، އެ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ ކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ.

މީހަކު ސިނގިރޭޓެއް ބޮނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު
މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.
މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ.
މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ތައުރީފުކޮށްފައެވެ.
މުޅި ދުނިޔޭގައި ވެސް އީ-ސިނގިރޭޓް މަނާކޮށްފައިވަނީ އެންމެ 37 ގައުމަކުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.