ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން, ދުނިޔޭގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު ސްޓޭޓް ޕާމާސްއިން ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ.
އެ ކުންފުނިން ބުނީ މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ހަރުދަނާވެގެންދާނެ ކަމަށް ސްޓޭޓް ފާމާސްއިން ވަނީ ބުނެފައެވެ.
އަދި އެއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ސްޓޭޓް ފާމާސްއިން ބުނެއެވެ.

ސްޓޭޓް ޕާމާސްއިން އެޗްޕީއެލްއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން --- ފޮޓޯ: ސްޓޭޓްފާމާ
އެޗްޕީއެލް އަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް މިހާރުވެސް ދުނިޔޭގެ އެކި ބައްރުތައް ކަމަށްވާ ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން 32 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދާ ކަމަށް ސްޓޭޓް ފާމާސްއިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ކުންފުނިން ދާދިފަހުން ވަނީ ވިލާތުގައި ބޭސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓްރާޒެނެކާ އާ އެކުވެސް އެއްބަސްވުމެއް ހަދާފައެވެ.
މިހާރުވެސް އާންމުން އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ބޭސް ނުލިބުމުގެ ޝަކުވާއެވެ. އެގޮތުން އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ އާންމުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެެއެވެ.
ސްޓޭޓްފާމާ އުފެއްދީ އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައެވެ. އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.