އެކި އެޕްލިކޭޝަންތަކުން ކުރާ މެސެޖުތައް އެއް ތްރެޑަކަށް ބަދަލުކުރެވޭ އާ ފީޗާއެއް ބީޕާއިން ތަޢާރަފުކޮށްފިއެވެ.
މަޝްހޫރު "ބީޕާ" މެސެޖިން އެޕްލިކޭޝަނުން ތައާރަފުކުރި މުޅިން އާ އަދި މުހިންމު މި ފީޗާއިން، ތަފާތު އެކި އެޕްތަކުން އެކަކަށް ކުރެވޭ މެސެޖުތައް އެއް ތްރެޑަކަށް އެއްކޮށްލުމުގެ ފުރުޞަތު ބޭނުންކުރާފަރާތްތަކަށް ހުޅުވާލަދެއެވެ.
މި އާ އަޕްޑޭޓާއެކު، ވަކިވަކި އެޕްލިކޭޝަންތައް ކަމަށްވާ ވަޓްސްއެޕް، އިންސްޓަގްރާމް އަދި ޓީމްސް ފަދަ ތަފާތު މަންސަތަކުން އެކަކަށް ފޮނުވާ މެސެޖުތައް ވަކިވަކިން ބެލުމުގެ ބަދަލުގައި، އެއް މެސެޖު ތްރެޑަކުން އެ ހުރިހާ ވާހަކައެއް ފެންނާނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.

މިއީ ގިނަބަޔަކު ބޭނުންވެފައި ތިބި އާ ފީޗާއެއް ---
މީގެއިތުރުން، މެސެޖުތައް އިންތިޒާމުކުރުމަށްޓަކައި "ލޭބަލްސް" ގެ ނަމުގައި ފީޗާއެއް ވަނީ ހިމަނާފައެވެ. މި ފީޗާގެ ސަބަބުން އޮފީހުގެ މަސައްކަތްތަކާއި، އާއިލީ އަދި ރައްޓެހިންގެ މެސެޖުތައް ވަކިވަކި ގުރޫޕުތަކަށް ބަހާލައިގެން ބެލެހެއްޓުމުގެ ފުރުޞަތު ލިބިގެންދެއެވެ.
އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން، އެމީހުން އެންމެ ގިނައިން ބޭނުންކުރާ ޗެޓުތައް ފަސޭހައިން ފެންނާނެހެން ޕިންކޮށްފައި ބެހެއްޓޭނެ "ސްޕޭސްބާ" އެއްވެސް ވަނީ މުޅިން އަލަށް ފަރުމާކޮށްފައެވެ.
މި އަޕްޑޭޓްގެ އިތުރު ފީޗާ ތަކެއްވެސް ވަނީ ހިމަނާފައެވެ. އެގޮތުން ޗެޓުތަކުގެ ތެރޭގައި ޕޯލް އުފެއްދުމާއި ވޯޓުލުމުގެ ފުރުޞަތު ދިނުމުގެ އިތުރުން، ޑެސްކްޓޮޕް އެޕްލިކޭޝަނަށް ސްޕެނިޝް، ފްރެންޗް، ޖަޕަނީޒް އަދި ޕޯޗުގީޒް ބަސް ވަނީ އިތުރުކޮށްފައެވެ.
ކުރިން ހަމައެކަނި ޕްލަސް ޔޫޒަރުންނަށް އެކަނި ބޭނުންކުރެވުނު އިންކޮގްނިޓޯ މޯޑާއި، މެސެޖު ތާވަލުކޮށްފައި ފޮނުވުމާއި، ވޮއިސް މެސެޖުތައް ޓެކްސްޓަށް ބަދަލުކުރުން ފަދަ ޚިދުމަތްތައް މިހާރު ހުރިހާ ޔޫޒަރުންނަށް މުޅިން ހިލޭ ލިބޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.

އިންސްޓަގްރާމް، ޓެލެގްރާމް އަދި ވެސް ތަފާތު ޕްލެޓްފޯމްތައ ގުޅާލެވޭނެ ---
މީގެ އިތުރުން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ޗެޓުތަކުގެ ކުލައާއި ބެކްގްރައުންޑް ބަދަލުކުރެވޭނެ ގޮތް ހަދައިދީފައިވާއިރު، އައިފޯން ބޭނުންކުރާ ފަރާތްތަކަށް ކާރު ދުއްވާގަޑީގައި ރައްކާތެރިކަމާއެކު މެސެޖު ބެލޭނެހެން ކާރުޕްލޭއާ ގުޅާލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.
އެޕްލިކޭޝަންތައް އެއްތަނަކުން ގުޅުވާލަދޭ މެސެޖިން އެޕްލިކޭޝަން "ބީޕާ" އަކީ 2021 ވަނަ އަހަރު ތަޢާރަފުކުރި އެޕެކެވެ. މި އެޕްލިކޭޝަނަކީ ވަކިވަކި އެކި އެޕްތަކުން އަންނަ މެސެޖުތައް އެއް އިންބޮކްސްއަކުން ބެލޭގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ.
މީގެ ކުރިން ބީޕާ އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ އެޕަލްގެ އައިމެސެޖު އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކުރި މަސައްކަތްތަކުންނެވެ. ނަމަވެސް އެޕަލްއިން އެކަމަށް ހުރަސްއެޅުމާ ގުޅިގެން، ބީޕާއިން މިހާރު ވަނީ އެޕްލިކޭޝަންގެ މައިގަނޑު ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އެކި މަންސަތަކުގެ މެސެޖުތައް އެއްތަނަކުން ފަސޭހަކަމާއެކު މެނޭޖުކުރެވޭނެ އިތުރު ފީޗާތައް ތަރައްޤީކުރުމަށް އިސްކަންދީފައެވެ.