ގެލެކްސީ ބަޑްސްގެ އަޑުއިވުމަށް އެހީތެރިވެދޭ ފީޗާއަށް އެފްޑީއޭގެ ހުއްދަ ލިބިއްޖެ

ސެމްސަންގުން ވަނީ ކަންފަތުގެ އަޑުއިވުން ހުރި މިންވަރު އަމިއްލައަށް ދެނެގަނެވޭނެ "ހިއަރިން ޓެސްޓް" ފީޗާއެއްވެސް ތައާރަފުކޮށްފައި ---

ސެމްސަންގް ގެލެކްސީ ބަޑްސްގެ އަޑުއިވުމަށް އެހީތެރިވެދޭ ހާއްސަ ފީޗާއަށް އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ހުއްދަ ލިބިއްޖެއެވެ.

މި ފީޗާގެ ސަބަބުން ކަންފަތަށް އަޑުއިވުމުގައި ކުޑަކޮށް ނުވަތަ މެދު މިންވަރަކަށް އުނދަގޫ ހުންނަ ފަރާތްތަކަށް، ހާއްސަ ޑޮކްޓަރީ ބޭސްސިޓީއަކާ ނުލައި އޯވާ-ދަ-ކައުންޓަރު ހިއަރިން އެއިޑެއްގެ ގޮތުގައި މި އިއާބަޑްސް ބޭނުންކުރެވޭނެއެވެ.

މިއާއެކު ސެމްސަންގުން ވަނީ ކަންފަތުގެ އަޑުއިވުން ހުރި މިންވަރު އަމިއްލައަށް ދެނެގަނެވޭނެ "ހިއަރިން ޓެސްޓް" ފީޗާއެއްވެސް ތައާރަފުކޮށްފައެވެ.

ސެޓިންގްސްގެ ތެރެއިން ފަސް މިނެޓު ތެރޭގައި ހެދޭ މި ޓެސްޓުގެ ނަތީޖާއަށް ބިނާކޮށް، ކޮންމެ މީހަކަށްވެސް އެމީހެއްގެ އަޑުއިވުމުގެ ހާލަތާ ގުޅޭގޮތުން އަޑު ގަދަކޮށްދީ ސާފުކޮށްދިނުމުގެ ގާބިލުކަން މި ސިސްޓަމަށް ލިބިގެންވެއެވެ.

މި ނިޒާމު ފަރުމާކޮށްފައިވަނީ ދުރުން އަންނަ މަޑު އަޑުތަކާއި ވައިއަޑުން ދައްކާ ވާހަކަތައް ސާފުކޮށްދީ، ވަށައިގެންވާ ބޭކާރު އަޑުތައް މަޑުކޮށްދީގެން ކުރިމަތިން އަންނަ އަޑުތަކަށް އިސްކަންދެވޭ ގޮތަށެވެ.

ގެލެކްސީ ބަޑްސް 4 ޕްރޯ ---

މި ޓެކްނޮލޮޖީ ތަރައްގީކޮށްފައިވަނީ ނެޝަނަލް އެކުއަސްޓިކް ލެބޯޓްރީސްއާއި ސެމްސަންގް މެޑިކަލް ސެންޓަރުގެ އިތުރުން އެމެރިކާގެ އެކި ޔުނިވާސިޓީތަކާ ގުޅިގެން ހެދި ކްލިނިކަލް ދިރާސާތަކަށް ފަހުގައެވެ.

މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އެމެރިކާއާއި ބައެއް އެހެން ގައުމުތަކުގައި ގެލެކްސީ ބަޑްސް 3 ޕްރޯ އަދި ގެލެކްސީ ބަޑްސް 4 ޕްރޯ ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ ލިބެން ފަށާއިއިރު، މިއަށް ސެމްސަންގްގެ ވަން ޔޫއައި 8 ނުވަތަ އޭގެ ފަހުގެ އޮޕަރޭޓިން ސިސްޓަމެއް ބޭނުންވާނެއެވެ.

އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން 2022 ވަނަ އަހަރު ވަނީ، ހާއްސަ ޑޮކްޓަރީ ބޭސްސިޓީއަކާ ނުލައި އާންމުންނަށް ގަންނަން ލިބޭ "އޯވާ-ދަ-ކައުންޓަރު" ހިއަރިން އެއިޑްސް ވިއްކުމުގެ ގަވާއިދުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

މިއާއެކު، ޓެކްނޮލޮޖީ އުފައްދާ ބޮޑެތި ކުންފުނިތަކުން ވަނީ އެކުންފުނިތަކުގެ އާންމު އިއާބަޑްސްތަކުގައި އަޑުއިވުމުގެ އެހީތެރިކަން ފޯރުކޮށްދޭ ސިއްހީ ފީޗާތައް ހިމަނައި، އަޑުއިވުމުގައި ކުދިކުދި އުނދަގޫތައް ހުންނަ މީހުންނަށް އަގުހެޔޮކޮށް އަދި ފަސޭހައިން ބޭނުންކުރެވޭނެ ނިޒާމުތައް ތަރައްގީކުރަން ފަށާފައެވެ.

comment ކޮމެންޓް