ރާއްޖޭން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުން ނަގާ ޓެރިފް އެ ގައުމުން ކަނޑައިލުމުގެ ސަބަބުން މަސް ގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ ކަމަށް، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުން ނަގާ ޓެރިފް ކަނޑާލިކަން އިނގިރޭސިވިލާތުން ހާމަކުރީ މިދިޔަ މެއި މަހުގެ 20ވަނަ ދުވަހެވެ. ރާއްޖޭގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ޓެރިފް ވެސް 2028ވަނަ އަހަރުގެ ނިޔަލަށް ވަނީ ކަނޑައިލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝިޔާމް ވަޑައިގަތީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުޙައްމަދު ޢައްބާސް ކުރެއްވި ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އެކަމަކު އެ ސުވާލުގެ މުއާލާތް ކެނޑުމުން، ރިޔާސަތުން ވަނީ ޝިޔާމް އެދިވަޑައިގަންނަވާ ވާހަކައެއް ދެއްކެވުމަށް ފުރުސަތު ދެއްވައިފައެވެ.
ޝިޔާމް ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވަނީ، އިނގިރޭސިވިލާތުގެ ބާޒާރުން ނަގާ ޓެރިފް ކަނޑައިލުމުގެ ސަބަބުން މަސް ބޭރުކުރާ ދިވެހި ކުންފުނިތަކަށް 20 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިތަކުން ދިވެހި މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ރާއްޖޭން ކޮންމެ އަހަރަކު ވެސް އިނގިރޭސިވިލާތަށް 18 މިލިއަން ޕައުންޑުގެ މަސް ބޭރުކުރާ ކަމަށެވެ.
"އެހެންވީމާ މިހާރު ހޮރައިޒަން ފިޝަރީޒް [ފަދަ] ތަންތަނުން، އެންސިސް ފިޝަރީޒް [ފަދަ] ތަންތަނުން، އަދި މިފްކޯއިން ވެސް ރަނގަޅު އަގުގައި މަސްވެރިން އަތުން މަސް ގަންނަމުން މި ދަނީ،" ޝިޔާމް ވިދާޅުވިއެވެ.
ވުމާއެކު ރާއްޖޭގައި މަސް ގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ ކަމަށް މިހާރު އެ ފަރާތްތަކުން ގަބޫލުކުރާ ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވިގޮތުގައި މިއީ ގިނަ ދުވަސްވަންދެން އިންތިޒާމުތަކާއެކީ ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ.
މީގެ އިތުރުން ވެސް ޝިޔާމް ވަނީ، މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރައްވައި ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވައިފައެވެ.
މީގެ ކުރިން ރާއްޖޭން އިނގިރޭސިވިލާތަށާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް ބޭރުކުރާ މަހުން 20 އިންސައްތައިގެ ޑިއުޓީއެއް ނަގައެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަސް ވިއްކުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ޚާއްސަކޮށް، އަވައްޓެރި އެހެން ގައުމުތަކަށް ލިބިފައިވާ ޖީއެސްޕީ ޕްލަސްގެ ދަށުން ޑިއުޓީ ފްރީކޮށް މަސް އެކްސްޕޯޓުކުރެވޭއިރު، ރާއްޖެއަށް އެ ފުރުސަތު ގެއްލިފައި އޮތުމަކީ މަސްވެރިކަމުގެ ސިނާއަތަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ރާއްޖޭން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް އެކްސްޕޯޓް ކުރެއެވެ. ރާއްޖެއަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަވަނަ ގައުމެވެ.
މިދިޔަ އަހަރުތަކުގެ ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ހަތަރު ބައިކުޅަ އެއްބައި ހިއްސާކުރަނީ އިނގިރޭސި މާކެޓެވެ. އަދި، ރާއްޖެއިން ބޭރު ޕްރޮސެސްކޮށްފައިވާ ނުވަތަ އަގު ބޮޑު މަހުގެ އުފެއްދުންތަކުގެ ދެ ބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް އިނގިރޭސި ބާޒާރު ހިއްސާކުރެވެ.
މަހުގެ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން، ފާއިތުވި އަހަރުތަކުގައި އެކި ފެންވަރުގައި އިނގިރޭސި ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މިދިޔަ ސަރުކާރުން ވެސް ވަނީ އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުން ޓެރިފް ކަނޑާލާނެކަމުގެ އުންމީދު ބޮޑުކަމަށް ބުނެފައެވެ. އެކަމަކު، އެ ވެރިކަން ނިމުނުއިރު ވެސް އެ މަޝްވަރާތައް މުޅިން ކާމިޔާބެއް ނުވެއެވެ.