ސެންޓާ އެންޓަޕްރައިސަސްއިން ސިޓީ ކައުންސިލާ ދެކޮޅަށް ކުރި 168 މިލިއަން ރުފިޔާގެ ދައުވާ ނާކާމިޔާބުވެއްޖެ

ސިވިލް ކޯޓު: ސެންޓަ އެންޓަޕްރައިސަސްއިން ސިޓީ ކައުންސިލާ ދެކޮޅަށް ކުރި 168 މިލިއަން ރުފިޔާގެ ދައުވާވަނީ ނާކާމިޔާބުވެފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ މާލޭ މުނިސިޕަލްޓީ ހިންގި ދުވަސްވަރު ފޯރުކޮށްދިން ކަމަށް ބުނާ މުދާތަކަކާ ގުޅިގެން 168 މިލިއަން ރުފިޔާ ހޯދުމަށް ސެންޓާ އެންޓަޕްރައިސަސްއިން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓުގައި އިއްޔެ ނާކާމިޔާބުވެއްޖެއެވެ.

މި މައްސަލައަކީ 2007 ވަނަ އަހަރު މާލޭ މުނިސިޕަލްޓީއަށް ފޯރުކޮށްދިން ކަމަށް ބުނާ ވެހިކަލްތަކެއްގެ އަގަށްވާ 65.9 މިލިއަން ރުފިޔާއާއި، އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 102 މިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ 168 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ޓެންޑާ ބޯޑުގެ އިއުލާނަކާ ގުޅިގެން ކަމަށް ބުނި ނަމަވެސް، އެ އެއްބަސްވުމުގައިވާ ނަންބަރަކީ 2007 ވަނަ އަހަރު އެންމެ ފަހުން ދޫކުރި ޓެންޑަރު ނަންބަރަށްވުރެ މަތީ ނަންބަރެއް ކަމަށް ފިނޭންސް މިނިސްޓްރީން ކޯޓަށް އަންގާފައިވާ ކަމަށެވެ.

މީގެއިތުރުން، އެއްބަސްވުމުގައި ސޮއިކުރި ކަމަށް ބުނާ ތާރީޚަކީ ބިޑު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚު ކަމަށްވާތީ، އެ ދުވަހުން އެ ދުވަހަށް ބިޑު ކާމިޔާބުވިކަން އަންގައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.

އެހެންކަމުން، އެފަދަ މުއާމަލާތެއް އޭރު ހިންގާފައިވާކަން މަދަނީ މިންގަނޑުން ސާބިތުނުވާތީއާއި، 2007ގައި އިންވޮއިސް ފޮނުވުމަށްފަހު މައްސަލަ ކޯޓަށް ހުށަހެޅީ 15 އަހަރު ފަހުން 2022 ގައި ކަމަށްވާތީ، އެ ފައިސާ ދައްކަން އަމުރު ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.

https://sun.mv/225004

މީގެ އިތުރުން، ސެންޓާ އެންޓަޕްރައިސަސްއިން ހެލްތު މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މިފަދަ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލައިގައި ވެސް ހެލްތު މިނިސްޓްރީއާއެކު އެފަދަ މުއާމަލާތެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޚާއްސަ އޮޑިޓުން ވަނީ ނިންމާފައެވެ.

ސެންޓާ އެންޓަޕްރައިޒަސްއިންވަނީ 2006އާއި 2009އާ ދެމެދު ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ބައެއް މުދަލަށް ލިބެން ޖެހޭ ފައިސާ އާއި، އެ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ފައިސާ ނަގައިދިނުމަށް އެދި ކޯޓަށް މައްސަލަތަކެއް ހުށަހަޅައިފައެވެ.

އެ ކުންފުންޏާ ގުޅޭ ގޮތުން މިދިޔަ މަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓެއްގައި ވަނީ، ސަރުކާރުގެ އެކި އިދާރާތަކަށާއި ކުންފުނިތަކަށް ސެންޓާ އެންޓަޕްރައިޒަސް ކުންފުނިން ފޯރުކޮށްދީފައިވާ ކަމަށް ބުނާ ބައެއް މުދަލާއި ތަކެތީގެ އަގަށްވާ ފައިސާ ދައްކައިފައި ނުވާ ކަމަށް ބުނެ, އެ ކުންފުނިން ހުށަހަޅައިފައިވާ މައްސަލަތަކުގައި ސައްހަ ނޫން ކަމަށް ބެލެވޭ ލިޔެކިޔުން ހުރި ކަމަށް ތުހުމަތުކޮށްފައެވެ. އެ އޮފީހުން ވަނީ އެ ކުންފުނިން ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި، އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލަތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިޔުމަށް ލަފާދީފައެވެ.

ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި ސެންޓާ އެންޓަޕްރައިޒަސްގެ ހިއްސާދާރުންނަކީ އަހުމަދު ޖާމިޒާއި އަބްދުﷲ އާރިފް ކަމަށްވާއިރު، ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުﷲ އާރިފެވެ.

comment ކޮމެންޓް