ސަރުކާރުގެ އެކި އިދާރާތަކަށާއި ކުންފުނިތަކަށް ސެންޓާ އެންޓަޕްރައިޒަސް ކުންފުނިން ފޯރުކޮށްދީފައިވާ ކަމަށް ބުނާ ބައެއް މުދަލާއި ތަކެތީގެ އަގަށްވާ ފައިސާ ދައްކައިފައި ނުވާ ކަމަށް ބުނެ, އެ ކުންފުނިން ހުށަހަޅައިފައިވާ މައްސަލަތަކުގައި ސައްހަ ނޫން ކަމަށް ބެލެވޭ ލިޔެކިޔުން ހުރި ކަމަށް އޮޑިޓް އޮފީހުން ތުހުމަތުކޮށްފިއެވެ.
ސެންޓާ އެންޓަޕްރައިޒަސްއިންވަނީ 2006އާއި 2009އާ ދެމެދު ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ބައެއް މުދަލަށް ލިބެން ޖެހޭ ފައިސާ އާއި، އެ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ފައިސާ ނަގައިދިނުމަށް އެދި ކޯޓަށް މައްސަލަތަކެއް ހުށަހަޅައިފައެވެ.
އެ މައްސަލަތަކުގެ އޮޑިޓްތައް އޮޑިޓް އޮފީހުން އަންނަނީ ހަދަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނެރެނު އޮޑިޓް ރިޕޯޓެއްގައި ވަނީ، ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް)އަށް ސެންޓާ އެންޓަޕްރައިޒަސްއިން 2008ވަނަ އަހަރުގެ ތެރޭ ފޯރުކޮށްދީފައިވާ ކަމަށް ބުނާ ތަކެތީގެ އަގަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ، އެ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި، 5.15 މިލިއަން ޑޮލަރު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ދިރާސާކޮށްފައެވެ.
އެ ރިޕޯޓުގައި ވަނީ، ސެންޓާ އެންޓަޕްރައިޒަސް އަކީ ކުރިން ދައުލަތުގެ ކުންފުންޏަކަށް ފޯރުކޮށްދިން މުދަލަށް ފައިސާ ލިބިފައިވަނިކޮށް ފައިސާ ނުލިބޭ ކަމަށް ބުނެ، ފައިސާ ހޯދުމަށް މައްސަލަ ހުށަހެޅުމުގެ މާޒީއެއް އޮތް ކުންފުންޏެއްކަން ފާހަގަކޮށްފައެވެ. އަދި ސެންޓާ އެންޓަޕްރައިޒަސްއިން ކޯޓުތަކަށް ހުށަހެޅި ލިޔެކިއުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި ލިޔެކިއުންތައް ފޯޖުކުރި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ފުލުހަށް ހުށަހަޅަން ބަންޑާރަނައިބުގެ އޮފީހަށް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ.
އޭގެ ފަހުން، މިދިޔަ އާދިއްތަ ދުވަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ، ސެންޓާ އެންޓަޕްރައިޒަސްއާ ގުޅުން ހުރި އިތުރު ތިން މައްސަލައެއްގެ އޮޑިޓްގެ ނަތީޖާ ހާމަކޮށްފައެވެ.
ފުރަތަމަ މައްސަލައަކީ، އެންވަޔަރަމެންޓް މިނިސްޓްރީއާއި ސެންޓާ އެންޓަޕްރައިޒަސްއާ ދެމެދު 2007އާއި 2008 ވަނަ އަހަރު ސޮއިކޮށްފައިވާ ތިން އެއްބަސްވުމެއްގެ ދަށުން އެ މިނިސްޓްރީއަަށް ބޯފެން ރައްކާކުރާ ކަޅުހަންތަކެއް ފޯރުކޮށްދިނުމުން އޭގެ އަގު ލިބިފައިނުވާ ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލައިގައި ކުންފުނިން ވަނީ އެ ތަކެތީގެ އަގާއި ޖޫރިމަނާގެ ގޮތުގައި 31.99 މިލިއަން ރުފިޔާ ނަގައި ދިނުމަށް އެދިފައެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ މައްސަލައިގައި ސެންޓާ އެންޓަޕްރައިޒަސްއާ 27.06 މިލިއަން ރުފިޔާއަށް މަސައްކަތް ހަވާލުކޮށްފައިވެއެވެ. އެގޮތުން އެ ކުންފުންޏަށް 26.3 މިލިއަން ރުފިޔާ ދިން ކަމަށާއި، ބާކީ ފައިސާއަކީ އެ ކުންފުނިން 336 ކަޅުހަން ފޯރުކޮށްދީފައި ނުވުމުން އެ ކުންފުންޏަށް ނުދިން ފައިސާ ކަމަށް ލިޔެކިޔުމުން ސާފުވާ ކަމަށް އޮޑިޓުގައިވެއެވެ.

ސިވިލް ކޯޓު: ސެންޓާ އެންޓަޕްރައިޒަސްއިން ވަނީ ދައުލަތުން ފައިސާ ނަގައިދިނުމަށް އެދި މައްސަލަތަކެއް ހުށަހަޅައިފައި
އެހެންވެ، ނިމިފައިވާ މުއާމަލާތްތަކެއްގެ ފައިސާ ނުލިބިހުރި ކަމަށް ބުނެ ހަގީގަތް އޮޅުވާލައިގެން ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅައިގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ހޯދަމަށް ސެންޓާ އެންޓަޕްރައިޒަސްއިން މަސައްކަތް ކުރާ ކަމަށް ބެލެވޭ ކަމަށް އޮޑިޓުގައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ހިމެނޭ އަނެއް ދެ މައްސަލައަކީ ޑީއެމްއެސްއާ ގުޅުން ހުރި ދެ މައްސަލައެވެ. އެއީ ޑީއެމްއެސްއަށް ފޯރުކޮށްދިން ކަމަށް ބުނާ ބޯފެން ރައްކާކުރާ ކަޅު ހަމުގެ އަގާއި ޖޫރިމަނާގެ ގޮތުގައި ހޯދުމަށް ހުށަހަޅައިފައިވާ 25.33 މިލިއަން ރުފިޔާގެ މައްސަލައެކެވެ. އަދި ޑީއެމްއެސްއަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމެންޓްގެ އަގާއި ޖޫރީމަނާގެ ގޮތުގައި 83.94 މިލިއަން ރުފިޔާ ހޯދުމަށް ހުށަހަޅައިފައިވާ މައްސަލައެވެ.
އޭގެ ތެރެއިން، 900 ކަޅުހަން ޑީއެމްއެސްއަށާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދީފައިވާކަން އެއްވެސް މިންވަރަކަށް ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އަދި ޑީއެމްއެމްއެސްއިން މެޑިކަލް އިކުއިޕްމެންޓާ ގުޅޭ ގޮތުން ފޮނުވާފައިވާ ސިޓީތަކުގެ ގޮތުގައި ސެންޓާ އެންޓަޕްރައިޒަސްއިން ސިޓީތަކެއް ހުށަހަޅައިފައިވާއިރު، އެ ސިޓީތަކަކީ ޑީއެމްއެސްގެ ނަމުގައި އުފައްދާފައިވާ ސިޓީތަކެއް ކަމަށް ފާހަގަކުރެވޭ ކަމަށް އޮޑިޓުގައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ، ސެންޓާ އެންޓަޕްރައިޒަސްއިން ފައިސާ ލިބިފައިނުވާ ކަމަށް ބުނެ ފައިސާ ހޯދުމަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ގިނަ ލިޔެކިޔުންތަކެއް ހުރިކަން ފާހަގަވާ ކަމަށް ބުނެފައެވެ. އެ އޮފީހުން ލަފާ ދިނީ އެ ކުންފުނިން ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި، އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލަތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިޔުމަށެވެ.
ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި ސެންޓާ އެންޓަޕްރައިޒަސްގެ ހިއްސާދާރުންނަކީ އަހުމަދު ޖާމިޒާއި އަބްދުﷲ އާރިފް ކަމަށްވާއިރު، ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުﷲ އާރިފެވެ.