ހުއިފިލަނޑާގެ ބާވަތެއް ބޭރުކުރެވޭ މިންވަރު ކަނޑައަޅައި، ޕްރޮސެސްކުރާ މީހުންނަށް ކޯޓާއެއް ދެނީ

ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ: މި ބާވަތުގެ ހުއިފިލަނޑާ ބޭރުކުރެވޭ ވަކި މިންވަރެއް ކަނޑައަޅަން ވަނީ ނިންމައިފައި --- ފޮޓޯ/ ތެލެނޯޓާ ވިކިޕީޑިއާ

ރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ "ކައްޗަލަ" ގައުމުން ބޭރުކުރެވޭ މިންވަރު ކަނޑައަޅައި، ހުއިފިލަނޑާ ޕްރޮސެސްކުރާ މީހުންނަށް ކޯޓާއެއް ކަނޑައެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ފިޝަރީސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، "ކައްޗަލަ" އަކީ 2022 ވަނަ އަހަރު ބޭއްވި "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) ބައްދަލުވުމުގައި، އޭގެ އާބާދީ ދަށްވަމުންދާކަމުގެ ހެކިތަކަށް ބުރަވެ، އެ މުއާހަދާގެ ދެވަނަ ޖަދުވަލުގައި ހިމަނާފައިވާ ބާވަތެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ސައިޓީސް މުއާހަދާގެ ދެވަނަ ޖަދުވަލުގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓް ކުރެވޭނީ އެ ގައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ޚާއްސަ ހުއްދައަކާ އެކުގައި ކަމަށެވެ. އަދި މި ހުއްދަ ދޫކުރެވޭނީ ސައިންޓިފިކް އޮތޯރިޓީން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިން" (އެންޑީއެފް) ރިޕޯޓަށް ބަލައި، އެ ބާވަތެއް މާހައުލުން ނަގައިގެން އެކްސްޕޯޓްކުރުމަކީ އޭގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްކަން ކަނޑައެޅުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިހާރު ވަނީ ކައްޗަލަ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށް، އެކްސްޕޯޓް ކުރެވޭނެ މިންވަރު ކަނޑައަޅާފައެވެ.

މިނިސްޓްރީން ބުނީ، ވޭތުވެދިޔަ ތިން އަހަރު ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީން ދޫކުރާ ހުއިފިލަނޑާ ޕްރޮސެސިން ލައިސަންސް އޮތް ފަރާތްތަކުގެ މެދުގައި މި ކޯޓާ ބަހާލާނެ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިން ލައިސަންސް ނަގާފައިނުވާ ފަރާތްތަކުން މިމަހުގެ 20ގެ ކުރިން މިނިސްޓްރީގެ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް ލައިސަންސް ނެގުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ފޯނު ނަންބަރު 3322625 އަށް ގުޅުއްވުމަށް ނުވަތަ މިނިސްޓްރީއަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.

comment ކޮމެންޓް