ކައުންސިލުތަކުގެ ބިން ނަގާ ބިލަކީ ގޯތިގެދޮރު އަތުލުން ކަމަށް ނަޝީދު ވިދާޅުވެއްޖެ

މަޖިލިސް ދޮށުގައި މާލޭ ސިޓީ ކައުންސިލަރުންނާއި، ނަޝީދު އިހުތިޖާޖުކުރައްވަނީ ---

މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލުތަކުގެ އިހްތިޞާސްގައިވާ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ދިނުމަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވާ ކަމަށާއި، އެއީ ސީދާ މީސްމީހުންގެ ގޯތިގެދޮރު ނާޖާއިޒު ގޮތުގައި އަތުލުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ.

މި ބިލުގައިވާ ގޮތުން، ކައުންސިލުތަކުގެ އިހުތިސާސްގައިވާ ތަންތަން ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލުތަކަށް އެންގުމުން، އެ ތަންތަން ކައުންސިލުތަކުގެ މިލްކިއްޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަންތަނަށް ބަދަލުވާނެއެވެ.

އަދި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކައުންސިލުން އެލްޖީއޭއާ ހަވާލުކުރަން ޖެހޭނެ ކަމަށާއި، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވެއެވެ.

މި އިސްލާހާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ، “ފޭރޭ ބިލު ބޭރުކުރޭ” ޝިއާރުގެ ދަށުން އިހުތިޖާޖުކޮށްފައެވެ.

އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވީ، އެ ބިލަކީ ސީދާ މީސްމީހުންގެ ގޯތިގެދޮރު ނާޖާއިޒު ގޮތުގައި އަތުލުން ކަމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ބިލެއް ނޫން ކަމަށާއި، މަޖިލީހުން ވަގުތުން ބޭރުކުރަންޖެހޭ ބިލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ އެއްގޮތަކަށް ވެސް ވިސްނާނުލާ ހުށަހެޅިފަ އޮތް ބިލެއް، އެންމެ ރަނގަޅު ގޮތަކީ މި ބިލު އަނބުރާ ގެންދިއުން،" ރަށްރަށުގެ ރައްޔިތުންގެ މިލްކިއްޔާތެއް ގަދަކަމުން ފޭރިގަތުން ކަމަށް ސިފަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބިލު މަޖިލީހުން ފާސްކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީގުކުރައްވައިގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ، "ފޭރޭ ބިލު ބޭރުކުރޭ" ޝިއާރުގެ ދަށުން އިހުތިޖާޖުކޮށްފައި--

މަޖިލީހުގެ ތަޅުމުގައި މި ބިލަށް ކުރެވުނު ބަހުސްގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ މިއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އަމިއްލަ މެންބަރަކު ލައްވައި މުޅި ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ސަރުކާރުން ގަސްދުގައި ހުށަހެޅި ބިލެކެވެ. އަދި މި ބަދަލުގެ ސަބަބުން ކައުންސިލުތަކަށް ލިބިފައިވާ ހުރިހާ ބާރެއް ނިމުމަކަށް އަންނާނެ ކަމަށް ވެސް މަޢުރޫފް ވިދާޅުވިއެވެ.

ނަމަވެސް، އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާޙް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، މިއީ ސަރުކާރުން ފޮނުވި ބިލެއް ނޫން ކަމަށާއި، ކޮންމެ މެންބަރަކަށް ވެސް ބިލު ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށެވެ. ބިލު ހުށަހެޅުއްވި މެންބަރު ޢަބްދުލްޙަންނާނަކީ މީގެ ކުރިން މީޑިއާ ކޮންޓްރޯލް ބިލު ވެސް މަޖިލީހަށް ހުށަހެޅުއްވި މެންބަރެވެ.

މި ބިލާ ދެކޮޅަށް އެކި ފަރާތްތަކުން އަޑުއުފުލަމުންދާއިރު، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި އާންމުންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނެއްގައި މިހާތަނަށް 678 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް