ސައުދީ އަރަބިއްޔާގެ މާލީ އެހީތެރިކަމާއެކު އުފައްދާފައިވާ އެކްޝަން-ކޮމެޑީ ފިލްމު "7 ޑޯގްސް" މި މަހުގެ 21 ވަނަ ދުވަހު އިންޑިއާގައި ރިލީޒްކުރާގޮތަށް ހަމަޖެހިއްޖެއެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސަލްމާން ޚާން އާއި ސަންޖޭ ދަތުގެ އިތުރުން މަޝްހޫރު ބަތަލާ މޮނިކާ ބެލޫޗީ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ ބެލްޖިއަމްގެ ޑައިރެކްޓަރު އާދިލް އެލް އަރްބީ އާއި ބެލްޖިއަމް-މޮރޮކޯގެ ޑައިރެކްޓަރު ބިލާލް ފަލާހް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މިދިޔަ މެއި މަހު މެދުއިރުމަތީގައި ޕްރިމިއާކުރި މި ފިލްމުގައި މިޞްރުގެ ދެ ތަރިން ކަމަށްވާ އަޙްމަދު އޭޒް އާއި ކަރީމް އަބްދުލް އަޒީޒް ވެސް މުހިއްމު ރޯލްތައް ކުޅެފައިވެއެވެ. ފިލްމުގެ ޑައިރެކްޓަރުންނަކީ ހޮލީވުޑްގެ މަޝްހޫރު "ބޭޑް ބޯއިސް ފޯ ލައިފް" އަދި "ބޭޑް ބޯއިސް: ރައިޑް އޯ ޑައި" ފަދަ ފިލްމުތައް އުފައްދާފައިވާ ކާމިޔާބު ދެ ފަންނާނުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 40 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމު ވަނީ ދުނިޔޭގެ ދެ ރެކޯޑެއް ގާއިމުކޮށްފައެވެ. އެއީ ސިނަމާގެ ތާރީހުގައި މިހާތަނަށް ދެއްކި އެންމެ ވަރުގަދަ ގޮއްވުމުގެ ރެކޯޑާއި، އެއް މަންޒަރެއްގައި އެންމެ ގިނަ ގޮވާތަކެތި ބޭނުންކޮށްގެން ގޮއްވުމުގެ ރެކޯޑެވެ. މީގެ ކުރިން މި ރެކޯޑްތައް އޮންނަނީ ޖޭމްސް ބޮންޑްގެ ފިލްމުތައް ކަމަށްވާ "ސްޕެކްޓަ" އަދި "ނޯ ޓައިމް ޓޫ ޑައި" އަތުގައެވެ.

ސަލްމާން އާއި ސަންޖޭ އެންމެފަހުން އެކީގައި މަސައްކަތްކުރި ފިލްމު "ޗަލް މެރޭ ބާއީ"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންޓަޕޯލް އެޖެންޓެއް ކަމަށްވާ ޚާލިދު އަލް-އައްޒާޒީ، "7 ޑޯގްސް" ކްރައިމް ސިންޑިކޭޓްގެ ގާލީ އަބޫ ދާއޫދާ ގުޅިގެން މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތަކެއްގެ މައްޗަށެވެ.
މި ފިލްމަކީ ސަލްމާން އާއި ސަންޖޭ އެކީގައި 1991 ވަނަ އަހަރު ގެނެސްދިން ފިލްމު "ސާޖަން" އަދި 2000 ވަނަ އަހަރު ކުޅުނު ފިލްމު "ޗަލް މެރެ ބާއީ"އަށްފަހު ދެ ތަރިން އެކީގައި ފެންނަ ތިން ވަނަ ފިލްމެވެ.