ކޭ-ޑްރާމާތަކުގައި ބޭނުންކުރާ ރީނދޫ ކުޑައިގެ ހަގީގަތް

ކޮރެއާ ޑްރާމާ "ލަވްލީ ރަނާ"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ކޮރެއާ ޑްރާމާތަކުގެ އަސަރުގަދަ ވާހަކަތަކާއި، ހިތްގައިމު މަންޒަރުތަކާއި، އަދި ހިތްތަކާ ކުޅެލާފަދަ ލޯބީގެ މަންޒަރުތަކަށް ޝައުގުވެރިވާ ބޭފުޅެއް ނަމަ، ތަކުރާރުކޮށް ފެންނަ އެއް އެއްޗެއް ފާހަގަކުރެވިދާނެއެވެ. އެއީ ރީނދޫ ކުލައިގެ ކުޑައެވެ.

"ލަވްލީ ރަނާ"އިން ފެށިގެން "ބިޒްނަސް ޕްރޮޕޯސަލް"އާ ހަމައަށް، ކޮރެއާ ޑްރާމާތަކުގައި ރީނދޫ ކުޑައަކުން ލޯތްބާއި، ނަސީބާއި، އަދި އައު ފެށުމެއް ރަމްޒުކޮށްދޭ ވަރަށް ގިނަ ސަބަބުތައްް ވެއެވެ.

ވާރޭގެ ތެރޭގައި ކުޑައެއްގެ ދަށުގައި ހިނގާ ލޯބީގެ މަންޒަރުތަކަކީ އާންމު ކަމެކެވެ. ވާރޭގެ ތެރޭގައި ދެމީހުން ނުތެމި ތިބުމަށް ކުޑައެއް ބޭނުންވެއެވެ. ނަމަވެސް، ކޮރެއާ ޑްރާމާތަކުގައި މި ކުޑައަކީ ހަމައެކަނި ފެނުން ރައްކާތެރިވުމަށް ބޭނުންކުރާ އެއްޗަކަށްވުރެ މާ މާނަފުން އެއްޗެކެވެ.

އެހެންވީމާ، ހަމަ ރީނދޫ ކުލަ ހޮވަންވީ ކީއްވެ ހެއްޔެވެ؟ އަދި ކޮރެއާ ޑްރާމާތަކުގައި މި ކުލަ މިހާ ބޮޑަށް ބޭނުންކުރާ ސަބަބެއް އޮވޭ ހެއްޔެވެ؟

'ޔެލޯ އަމްބްރެއްލާ ތިއަރީ' އަކީ މިފަދަ ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލުވެފައިވާ، ލޯބީގެ ފުން މާނައެއް އެކުލެވޭ ފިކުރެކެވެ.

މި ފިކުރު ބުނާގޮތުން، ވާރޭގެ ތެރޭގައި ދެމީހަކު ރީނދޫ ކުލައިގެ ކުޑައެއްގެ ހިޔާވަހިކަން ހޯދުމަކީ، އެމީހުންގެ ދިރިއުޅުމުގެ އައު ފެށުމަކާއި، ދާއިމީ އޯގާތެރިކަމާއި، އަދި ދުވަހަކުވެސް ވަކިނުވާނެ ވަރުގަދަ ގުޅުމެއްގެ ރަމްޒެކެވެ. އެއީ ހަގީގީ ލޯތްބާއި ނަސީބު ބައްދަލުކުރާ ސީދާ ވަގުތެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބައެއް މަޝްހޫރު ކޮރެއާ ޑްރާމާތަކުގައި މި ސިފަ ބޭނުންކޮށްފައިވެއެވެ. ތިރީގައި މިވަނީ ރީނދޫ ކުލައިގެ ކުޑައިގެ އެހީގައި ލޯބީގެ މާނަ އައު ގޮތަކަށް ސިފަކޮށްދީފައިވާ ބައެއް ފާހަގަކޮށްލެވޭ ޑްރާމާތަކެވެ.

ކޮރެއާ ޑްރާމާ "ބިޒްނަސް ޕްރޮޕޯސަލް"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބިޒްނަސް ޕްރޮޕޯސަލް

މި ޑްރާމާގައި ޝިން ހާ-ރީ އާއި ކަންގް ތޭ-މޫގެ ގުޅުމަށް އައި އެންމެ މުހިންމު ބަދަލު ފެނިގެންދަނީ ވާރޭގެ މަންޒަރަކުންނެވެ. ތޭ-މޫ އަކީ އޭނާގެ މައިންބަފައިން ކުއްލި ހާދިސާއެއްގައި ނިޔާވުމާ ގުޅިގެން، ވާރޭގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. ނަމަވެސް، ހާ-ރީގެ ރީނދޫ ކުޑައިގެ ދަށުން އޭނާއަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ލިބެއެވެ. ފަހުން، ތޭ-މޫ އޭނާގެ ބިރުވެރިކަމުން އަރައިގަނެ، ހާ-ރީ ވާރެއިން ސަލާމަތްކުރުމަށް ދާ މަންޒަރަކީ އެމީހުންގެ ގުޅުން އިތުރަށް ވަރުގަދަވިކަމުގެ ހެއްކެކެވެ.

އަންޑަަރކަވަ ހައި ސްކޫލް

މި ޑްރާމާގައި ޖަންގް ހޭ-ސަންގް އާއި އޯ ސޫ-އާގެ ގުޅުން ބަދަލުވެގެންދަނީ ރީނދޫ ކުޑައެއްގެ އެހީގައެވެ. ކުއްލިއަކަށް ވެހެން ފެށި ވާރޭގެ ތެރޭގައި، އެ ކުޑައިގެ ދަށުގައި ހޭދަކުރި ހިމޭން ވަގުތުކޮޅަކީ، ހޭ-ސަންގް ކުރަމުންދިޔަ ސިއްރު މިޝަނާއި އޭނާގެ ހިތުގައި އުފެދެން ފެށި ލޯބީގެ އިހުސާސްތަކާ ދެމެދު އޮތް ފަރަގު ކުޑަކޮށްލި ވަގުތެކެވެ.

ކޮރެއާ ޑްރާމާ "ޓުމޯރޯ، ވިތް ޔޫ"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ލަވްލީ ރަނާ

މަގުބޫލު ޑްރާމާ "ލަވްލީ ރަނާ"ގައި ފެންނަ ރީނދޫ ކުޑައިގެ މަންޒަރަކީ މުޅި ވާހަކައިގެ އެންމެ މުހިންމު އަސާސެވެ. އެއީ ރިއު ސަން-ޖޭއަށް ފުރަތަމަ ނަޒަރުން އިމް ސޯލް ދެކެ ލޯބިވެވުނު ވަގުތެވެ. ފެށުމުގައި ބެލުންތެރިންނަށް ހީވީ އިމް ސޯލް، ސަން-ޖޭ ވާރެއިން ސަލާމަތްކޮށްދިނީ ކަމަށެވެ. ނަމަވެސް، ފަހުން އެނގިގެންދަނީ ސަން-ޖޭގެ ހިތުގައި އުފެދުނު ލޯބީގެ އަސްލަކީ މާ ކުރިން ފެށިގެން އުފެދުނު އިހުސާސެއްކަމެވެ.

ޓުމޯރޯ، ވިތް ޔޫ

މި ޑްރާމާގައި ވާރެ އާއި ކުޑައަކީ ނަސީބާއި، ރައްކާތެރިކަމާއި، އަދި ވަފާތެރިކަމުގެ ރަމްޒެކެވެ. ޔޫ ސޯ-ޖޫން އާއި ސޮންގް މާ-ރިންގެ ވަގުތުގެ ތެރެއިން ދަތުރުކުރާ ލޯބީގެ ވާހަކަ ނިމިގެންދަނީވެސް ވަރަށް ފުރިހަމަ ގޮތަކަށެވެ. އެ ދެމީހުން ކައިވެނި ކުރަނީ ކުޑައެއްގެ ދަށުގައި ތިބެގެންނެވެ. މިއީ އެމީހުންގެ ލޯބީގެ ވާހަކައަށް ލިބުނު އެންމެ ފުރިހަމަ ނިމުމެވެ.

ދަ ސީކްރެޓް ލައިފް އޮފް މައި ސެކްރެޓަރީ

ކުޑައެއްގެ ސަބަބުން، ހާމަނުކުރެވި އޮތް ލޯތްބެއް އަލުން އާލާވެދާނެ ކަމަށް އެއްވެސް މީހަކު ހީކުރާނެ ހެއްޔެވެ؟ މި ޑްރާމާގައި، ޑޯ މިން-އިކް، ޖަންގް ގަލް-ހީ ދޫކޮށްލާފައިދިޔަ ރީނދޫ ކުޑައެއްގެ ބޭނުން ހިފައިގެން އޭނާއާ އަލުން ބައްދަލުކުރުމަށް މަސައްކަތް ކުރެއެވެ. މިއީ އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވުމަށް މެދުވެރިވި ސަބަބެކެވެ.

comment ކޮމެންޓް