ރޮބް ރެއިނާގެ މަރުގެ މައްސަލައިގައި ނިކް ރެއިނާއަށް މަރުގެ އަދަބު ނުދޭން ނިންމައިފި

މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޮބް ރެއިނާގެ ދަރިފުޅު ނިކް ރެއިނާ--ފޮޓޯ/ޕީޕްލް

ހޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޮބް ރެއިނާ އާއި އޭނާގެ އަންހެނުން މިޝެލް ރެއިނާ މަރާލި ކަމަށް ތުހުމަތުކުރެވޭ އެ ދެމަފިރިންގެ ފިރިހެން ދަރިފުޅު ނިކް ރެއިނާގެ މައްޗަށް މަރުގެ އަދަބު ނުހޯދުމަށް ލޮސް އެންޖެލިސްގެ ޑިސްޓްރިކްޓް އެޓާނީ ނިންމަވައިފިއެވެ.

ލޮސް އެންޖެލިސްގެ ޑިސްޓްރިކްޓް އެޓާނީ ނޭތަން ހޮޗްމަން ވިދާޅުވީ، ދައުލަތުން މި ގޮތަށް ނިންމީ މައްސަލަ ފުންކޮށް ދިރާސާކުރުމަށްފަހު، ރެއިނާގެ އާއިލާގެ އެދުމުގެ މަތިން ކަމަށެވެ. ޝަރީއަތުގެ ކުރީގެ އަޑުއެހުމަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހޮޗްމަން ވިދާޅުވީ، ނިކް ރެއިނާގެ އެއްބަނޑުއެއްބަފާ މީހުންނާ މަޝްވަރާކުރެވުނު ކަމަށާއި، އާއިލާގެ ނިންމުން ވަރަށް ސާފުކޮށް ހާމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ކުށް ސާބިތުވެއްޖެނަމަ އޭނާއަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ކުޑަމިނުން ބަންދުން ދޫނުކުރެވޭ ގޮތަށް އުމުރަށް ޖަލަށްލުން ކަމަށް ދައުލަތުން މައުލޫމާތުދެއެވެ.

އުމުރުން 33 އަހަރުގެ ނިކް ރެއިނާގެ މައްޗަށް ކުރެވިފައިވަނީ ފުރަތަމަ ދަރަޖައިގެ ގާތިލުކަމުގެ ދެ ދައުވާއެވެ. ނަމަވެސް އޭނާ ވަނީ މި ދައުވާތަކަށް އިންކާރުކޮށްފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވާ ގޮތުގައި، ނިކް ރެއިނާ ވަނީ އޭނާގެ މައިންބަފައިންގެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އެ ދެމަފިރިން މަރާލުމަށްފަހު ފިލާފައެވެ. އޭނާ ހައްޔަރުކުރެވުނީ ހާއްސަ އޮޕަރޭޝަނެއްގައި އެ ދުވަހުއެވެ.

ރޮބް ރެއިނާ، އަނބިމީހާ މިޝެލް ރެއިނާ އަދި ތިން ކުދިންނާ އެކު--ފޮޓޯ/އިންސްޓަގްރާމް

މި ހާދިސާ ހިނގާފައިވަނީ ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދެމަފިރިން މަރުވެފައި ތިއްބާ ފުރަތަމަ ފެނުނީ އެ މީހުންގެ އަންހެން ދަރިފުޅު ރޯމީއަށެވެ. މެޑިކަލް އެގްޒަމިނަރުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ދެމަފިރިން މަރުވެފައިވަނީ ތޫނު އެއްޗަކުން ލިބުނު ގިނަ އަނިޔާތަކެއްގެ ސަބަބުންނެވެ.

އުމުރުން 78 އަހަރުގެ ރޮބް ރެއިނާއަކީ "ދި ޕްރިންސެސް ބްރައިޑް"، "ވެން ހެރީ މެޓް ސެލީ" އަދި "ސްޓޭންޑް ބައި މީ" ފަދަ މަޝްހޫރު ފިލްމުތައް އުފެއްދި ކާމިޔާބު ޑައިރެކްޓަރެކެވެ. އޭނާގެ އަންހެނުން، އުމުރުން 70 އަހަރުގެ މިޝެލް ސިންގާ ރެއިނާއަކީ ފޮޓޯގްރާފަރެއްގެ އިތުރުން ފިލްމީ ދާއިރާގައި ހަރަކާތްތެރިވި ޕްރޮޑިއުސަރެކެވެ.

މި މައްސަލައިގެ އާންމު ޝަރީއަތުގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކަމަށް ޑިސްޓްރިކްޓް އެޓާނީ ހާމަކުރައްވައެވެ.

comment ކޮމެންޓް