ހުޅުމާލެ ހޮސްޕިޓަލުން ގަވާއިދުން ފަރުވާ ހޯދަމުންދިޔަ އަދި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ގާތް ގުޅުމެއް ބޭއްވި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށާއި މުޅި ހޮސްޕިޓަލަށް ބޮޑު ހިތާމައަކާއި ފަޅުކަމެއް ލިބިއްޖެއެވެ.
ނިޔާވެފައިވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އިބްރާހިމް އަހްމަދު ޞާދިގުއެވެ. އޭނާއަކީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ހުޅުމާލެ ހޮސްޕިޓަލުން ގަވާއިދުން ފަރުވާ ހޯދަމުންދިޔަ ފަރާތެކެވެ.
އިބްރާހިމް ނިޔާވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ސޯޝަލް މީޑިއާގައި އެ މީހުންގެ ހިތާމަ ފާޅުކުރަމުންނެވެ.
ހޮސްޕިޓަލުގެ މުވައްޒަފަކު ފޭސްބުކްގައި ހިއްސާކުރި އަސަރުގަދަ ލިޔުމެއްގައި ބުނެފައިވަނީ، އިބްރާހިމް ނިޔާވުމަކީ ހުޅުމާލެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމަށެވެ.
"ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ކްލިނިކަލް ސްޓާފުން އަދި މެނޭޖްމަންޓުން ވެސް އޭނާއާއެކު ގިނަ ވަގުތުތަކެއް ހޭދަކުރި. އޭނާގެ ބަލި އެނދު ކައިރީގައާއި، ކެންޓީނުގައި އަދި ބައެއް މުވައްޒަފުން އޭނާގެ ހިތްހަމަޖެހުމަށް ޓަކައި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ގޮސް އުޅުނު،" އެ މުވައްޒަފު ލިޔެފައިވެއެވެ.
މީގެ އިތުރުން، އިބްރާހިމަކީ ކުރެހުމަށާއި، ބްރޭކް ޑާންސް ކުރުމަށާއި، ޓިކްޓޮކް ހެދުމަށް ލޯބިކުރި ހުނަރުވެރި ޒުވާނެއްކަން އެ މުވައްޒަފު ފާހަގަކުރެއެވެ.
އޭނާ ކުރަހާފައިވާ އެކި ކުރެހުންތައް ހޮސްޕިޓަލުގެ ބޯޑުތަކުގައި ފަރުވާތެރިކަމާއެކު ހަރުކޮށްފައި ހުރިކަމަށް ވެސް މުވައްޒަފުން ބުނެއެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިބްރާހިމް ނިޔާވެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެއް ނޫނެވެ. އަދި އޭނާ ނިޔާވީ ސިއްހީ ބޮޑު ބައްޔެއްގެ ސަބަބުން ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އިބްރާހިމްގެ މަރާއެކު ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފުން ސިފަކުރަނީ އެ މީހުންގެ ގާތް މީހެއް ނުވަތަ އާއިލީ މެންބަރަކު ވަކިވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވޭ ކަމަށެވެ.