މާލޭގެ މަސް މާރުކޭޓު ތަރައްގީކޮށް ފިޝަރީޒް މިނިސްޓްރީން ނިންމައި އެ ތަން މާލޭ ސިޓީ ކައުންސިލާ އަލުން ހަވާލުކުރާ ގޮތަށް ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފިއެވެ.
ކައުންސިލުން މި ގަރާރު ފާސްކުރީ މިއަދު ބޭއްވި ކުއްލި ޖަލްސާއެއްގައެވެ.
މި ގަރާރު ފާސްވީ ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރުންގެ ވޯޓުންނެވެ. ފަސް ކައުންސިލަރަކު މި ގަރާރަށް ވޯޓު ދެއްވައިފައި ނުވެއެވެ.
މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މިހާރު ބޭނުންކުރާ މަސް މާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އެ ތަނުގެ ރައްކައުތެރިކަމާ މެދު ވެސް ޢާޒިމް ވަނީ ސުވާލު އުފައްދަވައިފައެވެ.
ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައިވަނީ، މަސް މާރުކޭޓުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ނިންމާތާ 30 ދުވަހުގެ ތެރޭ އެ ތަން ކައުންސިލާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް އެ ގަރާރުގައި ޝަރުތުކޮށްފައިވެއެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަންވާނީ އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށް ފަހު ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
ކައުންސިލުން ވަނީ، ހައުސިން މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީގައިވާ މައުލޫމާތު ނުދީފިނަމަ މަސް މާރުކޭޓު ތަރައްގީކުރުމަށް ބިން ހަވާލުކުރަން އެ މިނިސްޓްރީއަށް ނުދޭން ވެސް ނިންމައިފައެވެ.
އެގޮތުން މިދިޔަ ޖޫން މަހުގެ 17ވަނަ ދުވަހު އޮތް ކައުންސިލުގެ ޖަލްސާގައި ޢާޒިމް ވިދާޅުވީ، މަސް މާރުކޭޓު އަޅަން ބިން ހަވާލުކުރުމުގެ ކުރިން ގާނޫނީ ގޮތުން ސިޓީ ކައުންސިލުން ކަންކަން ކުރަން އެބަހުރި ކަމަށާއި ބިން ހަވާލުކުރުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެއް ކޮށްދިނުމަށް އެދި ކައުންސިލުން ސިޓީއެއް ވެސް ފޮނުވި ކަމަށެވެ.
އެ މާރުކޭޓު އަވަހަށް އަޅަން ބޭނުންވި ނަމަވެސް، އެ ކަމަށް ލަސްތަކެއް ކުރިމަތިވަނީ ކަންތައްތައް "އޮޅުން ބޮޅުންވެފައި" އޮތް ވަރުން ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ކޮމިޝަންކޮށް, ކައުންސިލުން ބިޑަށް އިއުލާނުކޮށް، އިވެލުއޭޓުކޮށް، ވަކި ބަޔަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން އޭރު އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނަމަވެސް ނޮވެމްބަރު 17، 2023ގައި މޭޔަރުކަމުގެ ގޮނޑި ހުސްވެ، އެ މަގާމާ ޢާޒިމް ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ ދެމެދުގައި އެ އެއްބަސްވުން އުވައިލައި، މުޅިން އެހެން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި 3.5 މިލިއަން ޑޮލަރު އިތުރުކޮށް، އެ މަސައްކަތް 9.5 މިލިއަން ޑޮލަރަށް އަގު ބޮޑުކޮށް އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ ޢަލީ ނަސީރު ޤާސިމެވެ.
އެ ކަން ބަލަން ލީގަލް ސެކްޝަންގެ ވެރިޔާ ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނެވެ. ނަމަވެސް އޭރު ޕީއެންސީ މެޖޯރިޓީ އޮތް ކައުންސިލުގެ ކޯރަމް ހަމައެއް ނުވިއެވެ.