މާލޭ ސިޓީ ކައުންސިލާ ހެދި ބައެއް މަޝްރޫއުތައް ނުފެށި އެބަހުރި ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ވަކި ތާރީޚަކަށް ނިންމަން ވައުދުވެފައި އޮއްވައި އެއްވެސް ފަރާތަކާ ހެދި އެކަންކަން ލަސްވާން ބޭނުންނުވާ ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމިކަން ހައުސިން މިނިސްޓްރީން ހާމަކޮށް އިއުލާނެއް ނެރުނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ނިންމުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ހުކުރު ދުވަހުގެ ރޭ ކުއްލި ޖަލްސާއެއް ބާއްވައި، ހާޒިރުވި ކައުންސިލަރުންގެ އިއްތިފާގުން ކޯޓަށް ދާން ނިންމައިފައެވެ.
އެ ޖަލްސާގައި މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ ދައުލަތަށް ނަގާފައިވާ ބިންތަަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
ކައުންސިލުން ކޯޓަށް ދާން ނިންމުމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ތަރުޖަމާނު ވިދާޅުވީ ކައުންސިލުގެ ދަށުން ބިންތައް ނަގަން ނިންމީ އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ ކަމަށެވެ.
"އަޅުގަނޑުމެން ތަރައްގީގެ މަޝްރޫއުތައް ވަކި ތާރީޚަކަށް ރައްޔިތުންނަށް މުހިއްމު އަދި ކަންތައްތައް ނިންމަން ވައުދުވެފައި އޮއްވައި އެއްވެސް ފަރާތަކާ ހެދި ލަސްވާކަށް [ބޭނުމެއް ނުވޭ]. މިސާލަކަށް މިނިސްޓްރީއެއް ނޫނިއްޔާ އެސްއޯއީއެއްގެ މަސައްކަތެއް ވެސް އަވަސްކުރަން މަސައްކަތް މި ކުރަނީ ހުރިހާ ދިމާލަކުން ވެސް،" ތަރުޖަމާނު ވިދާޅުވިއެވެ.
އިތުރަށް ތަރުޖަމާނު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމާ ގުޅުންހުރި އެއްވެސް ކަމެއްގައި ސަރުކާރުން ކޮމްޕްރޮމައިޒް ނުކުރާނެ ކަމަށެވެ.
"މަސައްކަތްތައް ފަށަން ނުފެށި އެ ބޭފުޅުންނާ ހެދި އެބަހުރި، ބައެއް ކަންތައްތައް އެ ބޭފުޅުންނާ ހެދި ލަސްވެފަ އެބަހުރި. މިސާލަކަށް މާރުކޭޓު ކަންތައްތަކުގައި ރައީސް ބޭނުނުްފުޅުވި އެންމެ ފުރަތަމަ ރޭވި ތާރީޚަކަށް ނުވެސް ނިންމޭ އެ ބޭފުޅުންނާ ހެދި،" އޭނާ ވިދާޅުވިއެވެ.
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެންނެވެ.