މާލެ ސިޓީ ކައުންސިލްގެ ނިމިދިޔަ ދައުރުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާ ގުޅުންހުރި ހުރިހާ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިވާނެ ކަމަށާއި، އޭގެ ތެރޭގައި މާލޭގެ ކާނިވާ ސަރަހައްދުން 13،000 އަކަފޫޓުގެ ބިމެއް 13،000 ރުފިޔާއަށް ދިން މައްސަލައެއް ހިމެނޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވަނީ، ނިމުނު ހަފުތާގައި ކައުންސިލުން އޭސީސީއަށް އިތުރު މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ސިޓީ ކައުންސިލްގެ ނިމުނު ދައުރުގައި، ކާނިވާ ސަރަހައްދުން 13،000 އަކަފޫޓުގެ ބިމެއް 13،000 ރުފިޔާއަށް ދީފައިވާ މައްސަލައެއް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވީ، ފުރަތަމަ އެ ބިން ބަޔަކަށް ދީފައިވަނީ އުސްފަސްގަނޑުގައި ސުވިމިން ޕޫލެއް އެޅުމުގެ ނަމުގައި ކަމަށެވެ. ނަމަވެސް ސުވިމިން ޕޫލް އެޅޭނެ ގޮތް ނުވުމުން ވެސް އަނެއްކާ ވެސް އެހެން ތަނެއް ހަމަ އެ ފަރާތަށް 13،000 އަށް ދީފައިވާކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
ސުވިމިން ޕޫލް އެޅުމުގެ ނަމުގައި ދީފައިވާ ގޮތަށް އަޅުގަނޑަށް ހީވަނީ އެ ތަނުގައި އެ މަސައްކަތް ކުރާތީ ކުޑަ އަގެއްގައި އެ ވަގުތަށް ދީފަ އެ ވަނީ. އެ ތަފުސީލު އެކީ ފެންނާކަށް ނެތް މިތާގައި މާ ބޮޑަކަށް.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މޭޔަރު ވަނީ އެ ފަރާތުން އެ ސުވިމިން ޕޫލް ނޭޅުމުން ވެސް 13،000 އަކަފޫޓުގެ ބިމެއް 13،000 ރުފިޔާއަށް ދީފައިވާ ކަމަށާއި އޭގެ އެންމެ ފަހު އަހަރު ބޮޑެތި ކުލިތަކެއް ޝެޑިއުލްއަކަށް ލައިފައިވާ ކަމަށެވެ. ނަމަވެސް 2021 ވަނަ އަހަރު އެ ކުލިތައް ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެކަމުގައި ކައުންސިލްގެ ނިންމުމެއް އޮތްކަމަށް ނުފެންނަ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
ނިންމާފައި ވަނީ އަނެއްކާ ވެސް 13،000 ރުފިޔާ ދައްކާ ގޮތަށް. އެހެންވީމަ އެ ގޮތަށް އެކަން ކޮށްފަ އެ ވަނީ އަޅުގަނޑަށް ފެންނަ ގޮތުގައި ނާޖާއިޒު ފައިދާ ބަޔަކަށް ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ދައްކާތީވެ، އަޅުގަނޑުމެން އެ އެއްޗެހިތައް މިހާރު ވާނީ އެންޓި ކޮރަޕްޝަނަށް ފޮނުވާފަ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މޭޔަރު ވަނީ އެ ފައިސާގެ ބަދަލު ހޯދުމަށް ކޯޓަށް ލާން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
މިހާރު މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީއަށް ކަމަށްވާއިރު، ނިމިދިޔަ ދައުރުގައި މޭޔަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެ ދައުރުގައި ކައުންސިލުން ކޮށްފައިވާ ކަންތައްތަކާ ގުޅޭ ގޮތުން މީގެ ކުރިން ވެސް އިދިކޮޅުން ތުހުމަތުތަކެއްކޮށްފައިވެއެވެ.