އެޕަލް ވޮޗްގެ ޒަމާންވީ ހަތަރެސްކަން ބައްޓަން ތަފާތު ޑިޒައިންތަކަށް ބަދަލުކުރަނީ

މިހާތަނަށް ނެރެފައިވާ އެޕަލް ވޮޗްގެ ހުރިހާ ގަޑިތަކެއްގެ ޑިސްޕްލޭ ހުރީ އަކަ ބައްޓަމަށް ----

އެޕަލްގެ މަޝްހޫރު ސްމާޓް ގަޑި ކަމަށްވާ އެޕަލް ވޮޗްގެ ޒަމާންވީ އަކަ ބައްޓަން ނުވަތަ ހަތަރެސްކަން ބައްޓަން ކުރިއަށް އޮތްތަނުގައި ތަފާތު އާ ޑިޒައިންތަކަށް ބަދަލުކުރުމަށް އެ ކުންފުނިން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބްލޫމްބާގް މަޝްހޫރު ރިޕޯޓަރު މާކް ގާމަން ހާމަކޮށްފައިވާ ގޮތުގައި، ޒަމާނާ އެއްގޮތަށް ވެއަރަބަލް ޑިވައިސްތަކުގެ މާކެޓަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް އެޕަލް ވޮޗްގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ކުންފުނީގެ އިންޑަސްޓްރިއަލް ޑިޒައިން ޓީމުން ދަނީ މަޝްވަރާކުރަމުންނެވެ.

މިގޮތުން މިހާރު ބޭނުންކުރަމުންދާ އަކަފޯމުގެ ޑިސްޕެލޭގެ ބަދަލުގައި އެކި ސައިޒުތަކުގެ ތަފާތު ބައްޓަން ނުވަތަ ވައްބުރު ބައްޓަމުގެ ޑިސްޕެލޭއަކަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ސްމާޓް ރިންގް ފަދަ, ސްކްރީނެއް ނުލާ ބޭނުންކުރެވޭ ވެއަރަބަލް ޑިވައިސްތަކުގެ މަގުބޫލުކަން އިތުރުވަމުންދާތީ، އެޕަލް ވޮޗުން ސްކްރީނާ ނުލައި ބޭނުންކުރެވޭނެ ގޮތްތަކާމެދު ވެސް ވިސްނަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

https://sun.mv/223597

ނަމަވެސް، މި ފާހަގަކުރާ ބޮޑެތި ބަދަލުތައް މި އަހަރު ނުވަތަ ވަރަށް އަވަހަށް ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި އަހަރު ނުކުންނާނެ ކަމަށް ބެލެވޭ އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ 4 ގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ޕާފޯމަންސްއާއި ސިއްހީ އަދި ފިޓްނަސް ފަންކްޝަންތަކަށް އަންނަ އާދައިގެ އަޕްގްރޭޑްތަކެކެވެ.

މި އަހަރު ނުކުންނަ މޮޑެލްގެ މައިގަނޑު ބައްޓަމަށް ބޮޑު ބަދަލެއް ނައި ނަމަވެސް، ގަޑީގައި ކަމަރު ނުވަތަ ބޭންޑު ހަރުކުރާގޮތަށް އާ ބަދަލެއް ގެނައުން އެކަށީގެންވާ ކަމަށް ވެއެވެ.

މިފަދަ ބަދަލެއް އަތުވެއްޖެނަމަ، ކުރިން ބޭނުންކުރަމުން އައި ބައެއް ބޭންޑުތައް އާ މޮޑެލްތަކާ އެކު ބޭނުން ނުކުރެވިދާނެ ކަމަށް ބެލެވޭއިރު، މިއީ 2022 ވަނަ އަހަރުން ފެށިގެންވެސް ދެކެވެމުން އަންނަ ވާހަކައެކެވެ.

އެޕަލް ވޮޗްގެ ތާރީޚަށް ބަލާއިރު، މިހާތަނަށް ނެރެފައިވާ ހުރިހާ މައިގަނޑު މޮޑެލްތަކެއް (އެޕަލް ވޮޗް ސީރީޒް އަދި އެޕަލް ވޮޗް އަލްޓްރާ) އަކީ ވެސް އެޕަލް ވޮޗް ގެ ޑިސްޕްލޭ ޒަމާންވީ އަކަ ބައްޓަމަށް ފަރުމާކޮށްފައިވާ ގަޑިތަކެކެވެ. މިއިން ކޮންމެ މޮޑެލްއެއްގައި މިހާތަނަށް ބޭނުންކޮށްފައިވަނީ ހަމައެކަނި މި އަކަފޯމުގެ ޑިސްޕެލޭ ކަމަށްވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި ވާދަވެރި މާކެޓަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް މި ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ކުންފުނިން ދަނީ ވިސްމަމުންނެވެ.

comment ކޮމެންޓް