އެޕަލްގެ ރީޓޭލް ފިހާރަތަކުގެ ތެރޭގައި "ހެލޯ" ލިޔެފައިވާ ވަރަށް ކުދި ނިޝާންތަކެއް ފޮރުވައިގެން އުޅޭތީ، މިއީ ކޮން ކަމެއްތޯ ބަލައި އެތައް ކަސްޓަމަރުންނެއް އަންނަނީ ސުވާލުކުރަމުންނެވެ. މިކަމަށް ގިނަ ބައެއްގެ ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވާއިރު، މިއީ އެ ކުންފުނީގެ އާ އައިފޯން 18 ޕްރޯގެ ކެމެރާގެ ގާބިލުކަން އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމުގެ ގޮތުން ރާވައިގެން ހިންގާ ޚާއްސަ ހަރަކާތެކެވެ.
މި ނިޝާންތަކުގައި ބޭނުންކޮށްފައިވަނީ އެޕަލްގެ މަޝްހޫރު ގުޅުވައިގެން ލިޔާ އަކުރުގެ ސްޓައިލެވެ. މި ބޯޑުތައް އެހާ ކުދިކޮށް ހަދާފައިވަނީ ސަބަބުތަކެއް އޮވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެޕަލްއިން މި ބޯޑުތައް ބަހައްޓާފައިވަނީ އައިފޯން 18 ޕްރޯގެ ޓެލެފޮޓޯ ކެމެރާ ބޭނުންކޮށްގެން ފަސޭހައިން ފެންނާނެ ފަދަ ތަންތަނުގައެވެ.
https://x.com/safaricheung/status/2100821968581009760
އާ އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްގައި ހިމެނޭ 48 މެގާޕިކްސެލްގެ ފިއުޝަން ޓެލެފޮޓޯ ކެމެރާއިން އޮޕްޓިކަލް ކޮލިޓީގައި 8 ގުނައަށް ޒޫމް ކުރެވެއެވެ. އެހެންކަމުން މިއީ ފިހާރަތައް ޒީނަތްތެރިކުރުމުގެ އިތުރުން ކެމެރާގެ ފީޗާ ދައްކުވައިދޭ މޮޅު ޑެމޯއެކެވެ.
މެކްރޫމާސްއިން ފާހަގަކުރި ގޮތުގައި މި ބޯޑުތަކުގެ ކުޑަމިނުގެ ސަބަބުން ލިބޭ ތިންވަނަ ފައިދާއަކީ، ފޯނު ނެރޭ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްލަން މިއީ ވަރަށް ފުރިހަމަ "އީސްޓާ އެގް" އަކަށް ވުމެވެ.
އެކްސް އާއި އެހެނިހެން ސޯޝަލް މީޑިއާ މަންސަތަކަށް ބަލާލުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކަސްޓަމަރުން މި ނިޝާންތައް ހޯދައިގެން ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުންދާ ތަން ފެނެއެވެ.
މިއީ ކަސްޓަމަރުންގެ ކުރިމަތީގައި ހަމައެކަނި ޓެކްނިކަލް މައުލޫމާތު ކަރުދާހެއް ބޭއްވުމުގެ ބަދަލުގައި، ފޯނުގެ ފީޗާތައް ތަޖުރިބާކޮށްލަން ދެވޭ ވަރަށް ވިސްނުންތެރި ގޮތެކެވެ. މީހުންނަށް އަތްނުފޯރާ ހިސާބުތަކުގައި މި ބޯޑުތައް ބެހެއްޓުމުން، ކައިރިން ބަލާލުމަށްޓަކައި ކެމެރާގެ ޒޫމް ބޭނުންކުރުމަށް ކަސްޓަމަރުންނަށް ބާރުއެޅިގެންދެއެވެ.
މީގެ އިތުރުން ފިހާރަތަކަށް ޒިޔާރަތްކުރާ މީހުންނަށް އާ ފޯނުގެ ފީޗާތަކަށް އަހުލުވެރިކުރުވުމަށް "ސޭ ހެލޯ ޓު އައިފޯން 18 ޕްރޯ" ގެ ނަމުގައި ޚާއްޞަ ސެޝަންތަކެއްވެސް އެޕަލް ފިހާރަތަކުގައި ދަނީ ކުރިއަށްގެންދަމުންނެވެ.