އެޕަލްގެ ފުރަތަމަ ފަށްޖެހޭ ފޯނު ކަމަށްވާ 1,999 ޑޮލަރުގެ އައިފޯން ޑުއޯ އަށް ބަދަލުތަކެއް ގެނެސް، ސްޓީވް ޖޮބްސްއަށް ޚާއްސަކޮށްގެން 15,990 ޑޮލަރުގެ ލަގުޒަރީ އެޑިޝަނެއް، ލަގްޒަރީ އަދި އަގުބޮޑު ސްމާޓްފޯނާއި އެކްސެސަރީޒް އުފައްދައި ވިއްކާ މަޝްހޫރު ކުންފުނި "ކެވިއާ" އިން ތައާރަފުކޮށްފިއެވެ.
އެންމެ ނުވަ ޔުނިޓަށް ލިމިޓްކޮށްފައިވާ މި "ޖޮބްސް" އެޑިޝަނުގައި އެޕަލްގެ އާދައިގެ ފިނިޝިންގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ޕޮލިޝް ކޮށްފައިވާ ޓައިޓޭނިއަމާއި، ގިލޮޗޭ އެންގްރޭވިންގެ އިތުރުން ސްޓީވް ޖޮބްސް އެންމެ ގިނައިން ލައިއުޅުނު މަޝްހޫރު ކަޅު ކުލައިގެ ޓާޓްލްނެކް އަސްލު ފޮތިކޮޅެކެވެ.
މި ފޯނު ފަރުމާކޮށްފައިވަނީ ތަފާތު ކުލަތަކާއި ލޭޔަރުތަކުގެ އެހީގައެވެ. ޕީވީޑީ ކޯޓިން ލާފައިވާ ޓައިޓޭނިއަމް ބޭނުންކޮށްގެން ހަދާފައިވާ ކަޅު ކުލައިގެ މައިގަނޑު ބަޔަކީ ޓާޓްލްނެކް ސިފަކޮށްދޭ އަދި އެޕަލްގެ ތަފާތު ތްރީޑީ ލޯގޯއަށް ފަހަތު ބެކްޑްރޮޕެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔެކެވެ. ފޮތިކޮޅު ހަރުކޮށްފައިވަނީ ސީދާ ލޯގޯގެ ތެރޭގައެވެ. މިއާއެކު ބްރޭންޑިންގް ކުޑަ ޑިސްޕްލޭ ކޭހަކަށް ބަދަލުވެގެންދެއެވެ. މީގެ އިތުރުން މީގެ ދަށުގައި "50 އެނިވާސަރީ އެޑިޝަން" ގެ ސުރުޚީއާއި ސްޓީވް ޖޮބްސް ސޮއި ވެސް ކަނޑައި ނަގާފައިވެއެވެ.
1976 ވަނައަހަރު އުފެއްދި އެޕަލް ކުންފުންޏަށް މިއަހަރު 50 އަހަރު ފުރޭނެ --- ފޮޓޯ: ކެރިއާމި ކަޅު ބައިގެ މަތީގައި ޕޮލިޝް ކޮށްފައިވާ ޓައިޓޭނިއަމް ކެމެރާ ބާއެއް ހުރެއެވެ. ޖަވާހިރެއްގެ ސިފަ ގެނުވާ ގޮތަށް ގިލޮޗޭ ޕެޓޭތަކަކުން ފަރުމާކޮށްފައިވާ މި ބައިން ދެ ލެންސާއި ސެންސަރުތައް ރައްކާތެރިކޮށްދޭއިރު، އޭގެ ވަށައިގެން އަލި ގަދަ މެޓަލް ހުރެއެވެ. މި ޑިޒައިންގެ ސަބަބުން ފޯނު ކުރިއަށްވުރެ ބަރުވެފައި ސްޓައިލް ބޮޑުކަމަށް ދައްކައެވެ. އަދި ހިންގް ވެސް ހިމެނޭ ގޮތަށް އެކި ބޯޑަރުތައް އެކުލެވިގެންވުމުން ފޯނުގެ މެކޭނިކަލް އޮނިގަނޑު އިތުރަށް ފާހަގަވެގެންދެއެވެ.
މި ފޯނުގެ އެތެރޭގެ ހާޑްވެއާ އަށް ކެވިއާއިން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން އާދައިގެ އައިފޯން ޑުއޯ ގައި ހިމެނޭ 5.4 އިންޗީގެ ބޭރު ސުޕަ ރެޓީނާ އެކްސްޑީއާރު ޑިސްޕްލޭ އާއި 7.6 އިންޗީގެ ފޯލްޑަބަލް ސްކްރީން މި އެޑިޝަނުންވެސް ލިބޭނެއެވެ. މި ފޯނުގެ އެންމެ ޚާއްސަ އެއް ކަމަކީ 24 ކެރެޓްގެ ރަން ހާރު ކޮޅެއް ލާފައިވާ ތަޅުލެވޭ ކޭހަކާއި، ލެދަރު އަދި ވުޑް ޕްރެޒެންޓޭޝަން ބޮކްސްއަކާއި، ރަން ޕްލޭޓްކޮށްފައިވާ ކެވިއާ ކޮއިންއެއްގެ އިތުރުން ވެރިފަރާތުގެ ނަން ޖަހާފައިވާ އޮތެންޓިސިޓީ ސެޓްފިކެޓެއް ފޯނާއެކު ލިބުމެވެ.
މިފޯނުގެ އެތެރޭގެ ހާޑްވެއާއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ --- ފޮޓޯ: ކެރިއާއާދައިގެ އައިފޯން ޑުއޯގެ އަގަށްވުރެ ގާތގަނޑަކަށް އަށްގުނަ ބޮޑު މި ލަގުޒަރީ އެޑިޝަނަކީ އާންމު ކޮންސިއުމާ އިލެކްޓްރޯނިކްސްއެއްގެ ގޮތުގައި ބަލާއިރު މާ ބޮޑު މާނައެއް ހުރި ފޯނެއް ނޫނެވެ. ނަމަވެސް މިއީ އެޕަލްގެ ތާރީޚު ލަގުޒަރީ ހަނދާނެއްގެ ގޮތުގައި ބަލައިގަންނަ ފަރާތްތަކަށް ޚާއްސަ އެއްޗެކެވެ.
ސްޓީވް ޖޮބްސްގެ ސާދާ ފަލްސަފާއާ ފުށުއެރިއަސް، މި ޚާއްސަ ފޯނަކީ ތަފާތު އަދި އެހާމެ އަގުބޮޑު އުފެއްދުމެކެވެ. މި ޚަބަރު އެންމެ ފުރަތަމަ ގެނެސްދީފައިވަނީ ޔަންކޯ ޑިޒައިން ވެބްސައިޓުންނެވެ.