ތައިލެންޑުގެ ފޫކެޓުން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް މޫސުމް ގޯސްވެ ޓާބިއުލެންސްއާ ކުރިމަތިވި ހާދިސާއަށް ފަހު، އެ ފްލައިޓުގެ ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާގައި، 145 މީހުންނާއެކު ދަތުރުކުރި އޭބަސް އޭ320 މަރުކާގެ ބޯޓު އޮޑިޝާ މަތިން ދަތުރުކުރަނިކޮށް ކުއްލިއަކަށް 300 ފޫޓު ތިރިއަށް ވެއްޓުނެވެ. މި ހާދިސާއާ ގުޅިގެން ދިއްލީއަށް ފްލައިޓު ޖެއްސުމަށްފަހު، 13 ފަސިންޖަރުންނާއި ކްރޫންގެ ހަތަރު މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.
ފްލައިޓު ޖެއްސުމަށްފަހު ހެދި ޓެސްޓުތަކުން ކެޕްޓަން ސައިކޯއެކްޓިވް ސަބްސްޓެންސް (މަސްތުވާތަކެތީގެ ބާވަތެއް) އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެއާ އިންޑިއާއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެ ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އުސޫލުތަކާ އެއްގޮތަށް ޕައިލެޓުންގެ ޓެސްޓުތަކެއް ހަދާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެ ޓެސްޓުތަކުގެ ނަތީޖާ އަދި ކުންފުންޏާ ހިއްސާކޮށްފައި ނުވާތީ، އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް ކްރޫންގެ ޑްރަގް ޓެސްޓުތައް ގަވާއިދުން ހަދަމުންދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް އެއާ އިންޑިއާއިން ބުނެފައިވެއެވެ.
އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. މި ތަހުގީގުގައި، ޓާބިއުލެންސްއާ ކުރިމަތިވި ވަގުތު ޕައިލެޓުން އަމަލުކުރި ގޮތާއި، ހާދިސާ ހިނގަން މެދުވެރިވީ މޫސުމުގެ ސަބަބުންތޯ ނުވަތަ އެހެން ސަބަބަކާ ހުރެތޯ ބަލާނެއެވެ. އަދި ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ހައިޑްރޯލިކް ފެއިލިއާއެއް ދިމާވިތޯއާއި، ކައިރީގައިވާ ވާރަނާސީ ނުވަތަ ލަކްނައު ފަދަ އެއާޕޯޓަކަށް ޖެއްސުމުގެ ބަދަލުގައި ދިއްލީއަށް ދަތުރުކުރަން ނިންމި ސަބަބުވެސް ތަހުގީގުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ތަހުގީގު ނިމެންދެން ފްލައިޓުގެ ޕައިލެޓުން ވަނީ ޑިއުޓީން އެކަހެރިކޮށްފައެވެ.
ޑީޖީސީއޭގެ ގަވާއިދުތައް ބުނާ ގޮތުން، ޕައިލެޓަކު ފުރަތަމަ ފަހަރަށް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެނަމަ، އޭނާ ފޮނުވާނީ ރިހެބިލިޓޭޝަނަށެވެ. އަދި އަލުން ޑިއުޓީއަށް ނުކުމެވޭނީ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުންނެވެ. ނަމަވެސް ދެވަނަ ފަހަރަށް ޕޮޒިޓިވްވެއްޖެނަމަ ތިން އަހަރަށް ލައިސަންސް ސަސްޕެންޑްކުރެވޭނެއެވެ. އަދި ތިންވަނަ ފަހަރަށް ޕޮޒިޓިވްވެއްޖެނަމަ ލައިސަންސް އެއްކޮށް ބާތިލުކުރެވޭނެއެވެ.
ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ޖަމިއްޔާ (އައިކާއޯ) އިންވެސް ކަނޑައަޅާފައިވާ ގޮތުގައި، މަސްތުވާތަކެތީގެ ނުފޫޒުގައި ހުރެގެން ލައިސަންސްގެ ބޭނުންކުރުމަކީ މަނާކަމެކެވެ.