ދެވަނަ ވައިޑްބޮޑީ މަތިންދާބޯޓެއް ނުހޯދި، ލަސްވަނީ ދުނިޔޭގެ އިގުތިޞާދަށް މިހާރު ދިމާވެފައި އޮތް ދަތިތަކާއި ވައިގެ ދަތުރުފަތުގެ ދާއިރާގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފިއެވެ.
ވައިޑްބޮޑީ މަތިންދާބޯޓު ގެނެސް، ދުރު މަންޒިލުތަކަށް ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ފުރަތަމަ ވައިޑްބޯޑީ ރާއްޖެ ގެނެސް، ސީދާ ދަތުރުތައް ޗައިނާއަށް ފެށީ މިދިޔަ އަހަރުގެ ޖަނަވަރީ 21ގައެވެ. އެއީ، އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ.
މީގެ ދެވަނަ ބޯޓު ރާއްޖެ ގެނެސް، މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ތެރޭ އުދުހުންތައް ފެށޭނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެކަމަކު، އެ ތާރީޚަށް އިތުރު ވައިޑްބޮޑީއެއް ގެނެވިފައެއް ނުވެއެވެ.
'ސަން'އިން މިދިޔަ ހަފުތާގައި ކުރި ސުވާލަކަށް ޖަވާބުދެމުން މޯލްޑިވިއަންއިން ބުނީ، މި ވަގުތު ބާޒާރުގައި ހުރި އެކަށީގެންވާ ވައިޑްބޮޑީ މަތިންދާބޯޓުތަކުގެ މައުލޫމާތު ހޯދައި، އެ ފަދަ ބޯޓެއް ލިބެން ހުރިތޯ ބަލަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަން އިން ގެނައި އޭ330ގެ ފުރަތަމަ މަތިންދާބޯޓު: އެ ކުންފުނިން އަންނަނީ އޭގެ އިތުރު ބޯޓެއް ހޯދަމުން -- ފޮޓޯ/ މޯލްޑިވިއަންނަމަވެސް، ދުނިޔޭގެ މިހާރުގެ ހާލަތާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކުގެ ސަބަބުން ވައިޑްބޮޑީއެއް ލިބުމުގައި ދަތިތައް އެބަހުރި ކަމަށް އެ އެއާލައިނުން ބުންޏެވެ.
އެ ދަތިތަކާއެކު ވެސް، ކުންފުނީގެ އޮޕަރޭޝަންތަކަށް އެންމެ އެކަށީގެންވާ ދެވަނަ ވައިޑްބޮޑީއެއް ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަކަން މޯލްޑިވިއަންއިން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އިތުރު ވައިޑްބޮޑީއެއް ހޯދަން ވެސް އެ ކުންފުނިން އިއުލާނު ވެސް ކުރިއެވެ. އެކަމަކު، މިހާތަނަށް އެކަން އަދި ކާމިޔާބުވެފައެއް ނުވެއެވެ.
މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާއާއި ސައުތު އެފްރިކާއަށް ދަތުރުކުރިއެވެ. ނަމަވެސް، އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.