ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދިވެހި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ލ. ކަލައިދޫ، ހިޔާވަހި، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާއިފެވެ.
މި އޮޕަރޭޝަނަކީ މިދިޔަ މެއި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެ އައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް އިތުރު 13 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ.
އެ މައްސަލައިގައި ރާއިފްގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 43 އަހަރުގެ އެމް ޑީ ޖޯޝިމް އުއްޑިންއާއި 32 އަހަރުގެ މަމުން ދަލިއެވެ. މި އެންމެންގެ މައްޗަށް ވެސް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރުމުގެ ތުހުމަތެވެ.
އިއްޔެ ނެރެފައިވާ ކޯޓު އަމުރުގައިވާ ގޮތުން ރާއިފް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އޭނާ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް މީގެ ކުރިން އެކި ފަހަރު ބަންދުގެ މުއްދަތު ޖަހައިފައިވާއިރު، އެންމެ ފަހުން އެ މީހުން ބަންދު މަޖިލީހަށް ހާޒިރުކުރީ މިދިޔަ މަހުގެ 30ގައެވެ. އެ ފަހަރު އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައިވާއިރު އެ މުއްދަތު ހަމަވާނީ އަންނަ ހުކުރު ދުވަހަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އެފަދަ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.