ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ވަރުގަދަ ރަޙުމަތްތެރި ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އިތުބާރާއި އިޙްތިރާމާއި، ސަރަޙައްދުގެ ސުލްހަ މަސަލަސްކަމާއި ކުރިއެރުމަށް އުއްމީދު ކުރާ އެކުވެރި ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ އެ ގައުމުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް މިއަދު ތަހުނިޔާގެ މެސެޖެއް ފޮނުވަވާފައިއެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރަކީ 10 ފެބްރުއަރީ 1975 އިން ފެށިގެން ޚާރިޖީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ވަރަށް ބަދަހި ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. އިގްތިސާދީ ގޮތުން ބަލާއިރު، ސިންގަޕޫރަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމެވެ.
މީގެ ތެރޭގައި ކާބޯތަކެއްޗާއި، ބޭހާއި، ކަރަންޓު ސާމާނުގެ އިތުރުން ތެޔޮ ހިމެނެއެވެ. އަދި ސިންގަޕޫރުގެ ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ސިއްހީ އަދި ތަޢުލީމީ ދާއިރާއިން ވެސް ދެ ގައުމުގެ މެދުގައި އޮތީ ގާތް ގުޅުމެކެވެ. މީގެ އިތުރުން، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތަކާއި ސިވިލް ސާވިސް މުވައްޒަފުން ތަމްރީނުކުރުމުގައި ސިންގަޕޫރުގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. ދަތުރުފަތުރާއި ވިސާގެ ކަންކަމުގައި ވެސް ދެގައުމުގެ ދެމެދުގައި ލުއިފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ރައީސް މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަތީ ފަންތީގެ މަޝްވަރާތަކެއް ކުރައްވައި، ގާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ އަދި ތިމާވެށީގެ ދާއިރާއިން މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.
އަދި އެ ދަތުރުފުޅުގައި ބޭއްވި 'ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމް' ގައި 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވެ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
ސިންގަޕޫރުގެ ގައުމީ ދުވަހަކީ 1965 ވަނަ އަހަރުގެ އޯގަސްޓް ނުވައެއްގައި އެ ގައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ގައުމަކަށްވި ދުވަހެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ސިންގަޕޫރުގެ ތަރައްގީއަށާއި، އެއްބައިވަންތަކަމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.