ސިންގަޕޫރުގައި އުފަންވާ ކޮންމެ ކުއްޖަކަށް "ބޭބީ ގިފްޓް" އަކަށް 25،000 ޑޮލަރު ދެނީ

ސިންގަޕޫރުގައި އާއިލާތަކުން ގިނަ ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން، ގިނަ ދަރިން ތިބޭ މިންވަރަކަށް ބެލެނިވެރިންނަށް ލިބޭ ޗުއްޓީ އިތުރުކުރުމާއި މާލީ ބޮޑެތި އިނާޔަތްތަކެއް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ދެއްވި ރަސްމީ ތަގުރީރުގައެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި އަލަށް ގެންނަ ބަދަލުތަކުގެ ދަށުން، ވަޒީފާ އަދާކުރާ ބެލެނިވެރިންނަށް 12 އަހަރުން ދަށުގެ އެއް ކުއްޖަކު ހުންނަނަމަ އަށް ދުވަހުގެ ޗުއްޓީ ލިބޭނެއެވެ. ދެ ކުދިން ތިބޭނަމަ 10 ދުވަހުގެ ޗުއްޓީ އަދި ތިން ކުދިން ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބޭނަމަ 12 ދުވަހުގެ ޗުއްޓީ ލިބޭނެއެވެ.

މިސާލެއްގެ ގޮތުން، ޕްރައިމަރީ ސްކޫލް އުމުރުގެ ތިން ކުދިން ތިބޭ ދެމަފިރިންނަށް ކުރިން ލިބެމުން އައީ އެންމެ ހަތަރު ދުވަހުގެ ޗައިލްޑްކެއާ ޗުއްޓީ ނަމަވެސް، އައު އުސޫލާއެކު ދެމަފިރިންނަށް ޖުމްލަ 24 ދުވަހުގެ ޗުއްޓީ ލިބިގެންދާނެއެވެ.

ދަރިން ހޯދާ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް "ބޭބީ ގިފްޓް" އެއްގެ ގޮތުގައި 10،000 ޑޮލަރު، މެޑިސޭވް ގްރާންޓުގެ ގޮތުގައި 5،000 ޑޮލަރު އަދި ޗައިލްޑް ޑިވެލޮޕްމަންޓް އެކައުންޓަށް 5،000 ޑޮލަރާއެކު އިތުރު 5،000 ޑޮލަރާ ހަމައަށް މެޗިން ގްރާންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އުމުރުން އެއް އަހަރުން ފެށިގެން 16 އަހަރާ ހަމައަށް ކޮންމެ އަހަރަކު 2،000 ޑޮލަރުގެ ޗައިލްޑް ކްރެޑިޓް ލިބޭއިރު، ޕްރައިމަރީ އަދި ސެކަންޑަރީ ތައުލީމީ މަރުހަލާގައި އެޑިއުސޭވް ޓޮޕް-އަޕްސް އަދި އުމުރުން 17 އަހަރު ފުރުމުން ޕޯސްޓް-ސެކަންޑަރީ އެކައުންޓަށް 10،000 ޑޮލަރު ޖަމާކޮށްދެވޭނެއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، އަލަށް ފްލެޓަށް އެދޭ އާއިލާތަކަށް ކޮންމެ ދަރިއަކަށް އިތުރު ބެލޮޓް ޗާންސެއް ދެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ގިނަ ދަރިން ތިބޭ އާއިލާތަކަށް ފްލެޓް ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

އަދި މިޒަމާނުގައި މީހުން ކައިވެނިކުރާ އުމުރު ފަސްވެ، އާމްދަނީ އިތުރުވަމުންދާތީ، ބީޓީއޯ ފްލެޓްތަކަށް ކުރިމަތިލެވޭ އާމްދަނީގެ ޝަރުތު 14،000 އިން 16،000 ޑޮލަރަށް އަދި އެގްޒެކެޓިވް ކޮންޑޯތަކަށް 16،000 އިން 18،000 ޑޮލަރަށް މަތިކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން، ގައުމުގެ ބިން އިތުރުކޮށް ތަރައްގީކުރުމުގެ ބޮޑު ޕްލޭނެއް ވެސް ބޮޑުވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ޖުރޮންގް އައިލެންޑްގެ ދެކުނުގައިވާ ސެމަކާއު، ބުކޮމް އަދި ޕުލާއު ސުދޮންގް ފަދަ ކުދި ރަށްތައް ހިއްކައިގެން ބޮޑު އެއް ރަށަކަށް ބަދަލުކުރުމުގެ ދިގު ރާސްތާ ޕްލޭނަކާއި، ސެންތޯސާ ކައިރީގައި އޮންނަ ޕުލާއު ބްރާނީގެ ބަނދަރުގެ މަސައްކަތްތައް ބަދަލުކުރުމަށްފަހު، އެ ރަށުގައި ފަތުރުވެރިކަމާއި މުނިފޫހިފިލުވުމުގެ އައު ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

comment ކޮމެންޓް