ޖަޕާނަށް ވަރުގަދަ ތޫފާން 'ޑޮލްފިން' އަރައިފި، މިސްރާބު ޗައިނާއަށް

ޖަޕާނަށް އެރި ތޫފާން 'ޑޮލްފިން' ގައި އެންމެ ބޮޑަށް އަސަރު ކުރީ އޮކިނާވާއާއި އަމާމީއަށް. ފޮޓޯ/ރޮއިޓާސް

ޖަޕާނުގެ އޮކިނާވާ ޖަޒީރާއަށް ތޫފާން 'ޑޮލްފިން' އިއްޔެގެ ވަގުތެއްގައި އަރައިފިއެވެ.

ތޫފާންގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެފައިވާއިރު، 44،000 ގެއިން ވަނީ ކަރަންޓު ކެނޑިފައެވެ.

އޮކިނާވާގެ މައި އެއާޕޯޓް، ނަހާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައްވެސް ތޫފާންގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ.

ބާރުމިނުގައި ގަޑިއަކު 162 ކިލޯމީޓަރު (101 މޭލަށް) ވައި ޖެހިފައިވާއިރު، ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ މިއީ "ވަރަށް ވަރުގަދަ" ތޫފާނެއްގެ ގޮތުގައި ކެޓަގަރީކޮށްފައެވެ.

ޖަޕާނުގައި ތޫފާނުގެ އަސަރު ކުރި މައިގަނޑު ސަރަހައްދުތަކަކީ އެގައުމުގެ ހުޅަނގު ދެކުނުން އޮންނަ އޮކިނާވާ އާއި އަމާމީ ޖަޒީރާތަކެވެ.

އެ ގައުމުގެ ހުޅަނގުދެކުނުގެ ސަރަހައްދުތަކުން 260،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ކުރިން ވަނީ އަންގާފައެވެ.

އުމުރުން ދުވަސްވީ ފަސް މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮކިނާވާންގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އޭގެތެރެއިން ތިން މީހުން ވެއްޓިފައި ވަނީ ގަދަ ވައިގެ ސަބަބުންނެވެ.

ތޫފާންގެ ސެޓެލައިޓް ފޮޓޯއެއް. ފޮޓޯ/ރޮއިޓާސް

ޖަޕާނުގެ ދައުލަތުގެ މީޑިއާ އެންއެޗްކޭ އިން ރިޕޯޓްކުރާ ގޮތުގައި އޮކިނާވާގެ ނާގޯ ސިޓީގައި ތޫފާންގެ ސަބަބުން ގަސްތައް ވެއްޓިފައިވާއިރު، ޕާކިން ޒޯނެއްގައި ކާރެއް ފުރޮޅާލައިގެން ތެޔޮ ލީކުވެސްވެފައިވެއެވެ.

ތޫފާން 'ޑޮލްފިން' މިހާރު ދަތުރުކުރަމުން ދަނީ ޗައިނާގެ އިރުމަތީ އައްސޭރީއަށެވެ. މިރޭ ނުވަރަ މާދަމާގެ ވަގުތެއްގައި ޗައިނާއަށް ތޫފާން އަރާނެ ކަމަށް ބެލެވޭއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ބަނދަރުތަކާއި ސްކޫލްތައްވެސް ބަންދުކޮށްފައެވެ.

ޗައިނާގައި ޒެޖިއަންގްގެ ނިންގްބޯ ލިޝޭ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ ހޮނިހިރު ދުވަހު 23:30 އިން ފެށިގެން އޮޕަރޭޝަންތައް ހުއްޓާލާނެ ކަމަށާއި މިއަދު ފްލައިޓްތައް ދަތުރުކުރުން މެދުކަނޑާލާނެ ކަމަށެވެ.

ހުޅަނގު ޕެސިފިކް ސަރަހައްދުގައި ތޫފާންތައް އާންމުކޮށް އަރަނީ މެއި މަހާއި އޮކްޓޯބަރު މަހާއި ދެމެދުއެވެ. ނަމަވެސް އެލް ނީނޯގެ ސަބަބުން މިއަހަރު އަރާ ތޫފާންތައް އިތުރުވެ، ވަރުގަދަ ވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެެވެ.

އެ ސަރަހައްދަށް އެވްރެޖްކޮށް އަހަރަކު ގާތްގަޑަކަށް 25 ތޫފާން އަރާއިރު، އާންމުކޮށް ތިން ތޫފާން ޖަޕާނަށް އަރާ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މީގެ ތެރެއިން ބައެއް ތޫފާންތަކުގެ ގޮތުގައި ގިންތިކުރެވޭ ވަރަށް ވަރުގަދަ ވެއެވެ.

comment ކޮމެންޓް