މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން ހައްޔަރުކުރި ހަތަރު މީހުން -- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީގައި ހިންގި ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީގައި ހިންގި މި ދެ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު، ދޫޑިގަން، ކަރަންފޫގެ އުމުރުން 19 އަހަރުގެ މުޙައްމަދު އުމީނާއި ހދ. ކުމުންދޫ، ފަހިވާ އުމުރުން 30 އަހަަރުގެ ޢާއިޝަތު ޢަލީ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 27 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 7.59 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ، އުރަހަ އުމުތުން 40 އަހަރުގެ ޙުސައިން ނަޢީމްއާއި ހދ.ކުޅުދުއްފުށި، ބަންޑާރަހިޔާ 002ޕީ އުމުރުން 45 އަހަރުގެ ޢަބްދުއްރަޙްމާން މުޙައްމަދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 9.71 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް