ކްރިސްޓޮފަގެ 'ދަ އޮޑިސީ'އަށް ޓޮމް ކްރޫޒްގެ ތައުރީފު

ފިލްމު "ދަ އޮޑިސީ"ގެ އެކްޓަރު މެޓް ޑެމަން އަދި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް--ފޮޓޯ/އިންޑިއާޓުޑޭ

ކްރިސްޓޯފާ ނޯލަންގެ އާ ފިލްމު "ދަ އޮޑިސީ" ބަލާލުމަށްފަހު އެ ފިލްމު އަލުން ބަލާލަން ކެތްމަދުވެފައިވާ ކަމަށް ހޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ޓޮމް ކްރޫޒް ބުނެފިއެވެ.

ސިނަމާތަކަށް ފިލްމު ބަލަންދާ ސަގާފަތް ދިރުވުމަށް ބާރުއަޅާ މަޝްހޫރު އެކްޓަރު، "ދަ އޮޑިސީ" ބަލާލުމަށްފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސިނަމާއެއްގައި ހޭދަކޮށްލެވުނު އާދަޔާޚިލާފު ރޭގަނޑަކަށްޓަކައި "ދަ އޮޑިސީ"ގެ އުފެއްދުންތެރިންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

ގްރީކްގެ ތާރީޚީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ނޯލަން ތައްޔާރުކުރި މި ފިލްމުގެ ހާއްސަ ޝޯއެއް ބަލާލުމަށްފަހު، ކްރޫޒް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފިލްމުގެ ޑައިރެކްޓަރަށާއި، އޭނާގެ އަންހެނުން އަދި ޕްރޮޑިއުސަރު އެމާ ތޯމަސްގެ އިތުރުން ފިލްމުގެ މުޅި ޓީމަށް ޝުކުރު އަދާކޮށްފައެވެ.

"ވާއު! ކްރިސް، އެމާ އަދި ހުރިހާ ހުނަރުވެރި ކާސްޓުންނާއި ކްރޫއިންނަށް: ސިނަމާއެއްގައި ހޭދަކޮށްލެވުނު އާދަޔާޚިލާފު ރޭގަނޑަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ. އަލުން މި ފިލްމު ބަލާލަން އަހަރެން މިހުރީ ކެތްމަދުވެފައި!" ފިލްމުގެ އައިމެކްސް ސިނަމާ ކުރިމަތީގައި ފިލްމު ޓިކެޓެއް ހިފައިގެން ހުރި ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ޓޮމް ލިޔެފައިވެއެވެ.

"ދަ އޮޑިސީ"ގެ މުހިއްމު ރޯލްތައް ކުޅެފައިވާ ތަރިން ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

ހޯމަގެ މަޝްހޫރު ވާހަކައަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ދަ އޮޑިސީ"އިން ދައްކުވައިދެނީ، ޓްރޯޖަން ހަނގުރާމައަށްފަހު ގްރީކްގެ ރަސްގެފާނު އޮޑިސިއަސް، އޭނާގެ އަނބިކަނބަލުން ޕެނެލޮޕީ އާއި ދަރިފުޅު ޓެލެމަކަސްއާ ބައްދަލުކުރުމަށް އިތާކާއަށް ކުރާ ދިގު ދަތުރެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޒެންޑަޔާ، ރޮބަޓް ޕެޓިންސަން، ލުޕިޓާ ނިއޮންގޯ، ޖޯން ބާންތަލް، އެލިއޮޓް ޕޭޖް، ޓްރެވިސް ސްކޮޓް އަދި ޗާލީޒް ތެރަން ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. ފިލްމު ރިލީޒްވުމާ އެކު، 'ރޮޓެން ޓޮމާޓޯސް'ގައި ކްރިޓިކުންގެ 96 އިންސައްތަ މާކްސް މި ފިލްމަށް ވަނީ ލިބިފައެވެ.

ޓޮމް ކްރޫޒް އާއި ނޯލަން އެކުގައި މަސައްކަތް ކޮށްފައި ނުވި ނަމަވެސް، ދެމީހުންނަކީވެސް ފިލްމުތައް ސިނަމާގައި ބެލުމުގެ ސަގާފަތް ދެމެހެއްޓުމަށް ވަކާލާތުކުރާ ދެމީހުންގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިހާތަނަށް 931 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ފިލްމު "ދަ އޮޑިސީ" އަކީ މުޅި ފިލްމު އެއްކޮށް އައިމެކްސް 70އެމްއެމް ކެމެރާ ބޭނުންކޮށްގެން ފިލްމުކުރި ފުރަތަމަ ފީޗަ ފިލްމެވެ. މިއީ ސިނަމާގައި ވަރަށް ތަފާތު ތަޖުރިބާއެއް ބެލުންތެރިން ކުރި ފިލްމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ޓޮމް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަލެހަންދްރޯ ޖީ އިނާރިޓޫ ޑައިރެކްޓްކޮށްފައިވާ، ވޯނަ ބްރަދާސްގެ ފިލްމު "ޑިގަ"އިންނެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

comment ކޮމެންޓް