މޯދީގެ ވީޑިއޯ ނެގި މައްސަލައިގައި ޒަކަބާގް މާފަށް ނުއެދެފިނަމަ މެޓާއަށް އޮތް ޙިމާޔަތް އުވާލާނެކަމުގެ އިންޒާރު ދީފި

މެޓާއިން ބުނީ ވީޑިއޯ ނެގުނީ އޮޅުމަކުން ކަމަށް ----

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސެލްފީ ވީޑިއޯއެއް ފޭސްބުކުން ކުއްލިއަކަށް ނެގި މައްސަލައިގައި، މެޓާގެ ސީއީއޯ މާކް ޒަކަބާގް ތިން ދުވަހުގެ ތެރޭގައި މާފަށް ނުއެދެފިނަމަ އެ ކުންފުންޏަށް ޤާނޫނީގޮތުން ލިބިދޭ "ސޭފް ހާބާ" ހިމާޔަތް އުވާލާނެކަމުގެ އިންޒާރު އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދީފިއެވެ.

ބީޖޭޕީގެ މެންބަރު ނިޝިކާންތު ދުބޭ ރިއާސަތު ބެލެހެއްޓެވި މި ކޮމިޓީން ބުނީ، އިންޑިއާގެ 1.4 ބިލިއަން ރައްޔިތުން ތަމްސީލުކުރާ ބޮޑުވަޒީރުގެ ވީޑިއޯއެއް ނެގުމަކީ ޑިމޮކްރަސީއަށް ދެވުނު ޙަމަލާއެއް ކަމަށާއި، މި ކަމުގައި މެޓާއިން މާފަށް ނުއެދި އަދި އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު ނާޅައިފިނަމަ މެޓާއާ ދެކޮޅަށް ސީދާ ޖިނާއީ މައްސަލަތައް ހުށަހެޅޭގޮތް ހަދާނެ ކަމަށެވެ.

https://sun.mv/190740

މި މައްސަލަ އުފެދެން ދިމާވީ އިމްތިޙާނުގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން ޒުވާނުން ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން، ވަގަށް ކަރުދާސް ލީކުކުރާ މީހުންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމަށް ބުނެ މޯދީ ޢާންމުކުރެއްވި ވީޑިއޯއެއް ފޭސްބުކުން ގާތްގަނޑަކަށް ފަސް ގަޑިއިރަށް ނުފެންނަގޮތް ހެދުމާ ގުޅިގެންނެވެ.

މެޓާއިން ވަނީ އެއީ ފޭސްބުކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އޮޅުމަކުން ވީ ކަމެއްކަމަށާއި އަދި ފަހުން އެ ވީޑިއޯ އިއާދަކޮށްފައިވާ ކަމަށް ބުނެ މާފަށް އެދިފައެވެ. ނަމަވެސް އިންޑިއާގެ އައިޓީ މިނިސްޓްރީއާއި ޤާނޫނުހަދާ މަޖިލީހުގެ ކޮމިޓީން ވަނީ އެ ސަބަބު ޤަބޫލުކުރަން ދެކޮޅުހަދައި، ޓެކްނޮލޮޖީ ކުންފުންޏަކުން މިފަދަ ކަންކަމުގައި މިއަށްވުރެ ޒިންމާދާރުވާންޖެހޭނެ ކަމަށް ބުނެފައެވެ.

މި މައްސަލައިގެ އިތުރުން، އިންސްޓަގްރާމް ފަދަ ވަސީލަތްތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ކޮންޓެންޓާއި އިޝްތިހާރުތައް ދައުރުވާ މައްސަލައިގައިވެސް އިންޑިއާ ސަރުކާރުން ވަނީ މެޓާއަށާއި، ގޫގުލް، އެކްސް، އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކަށް ވަރުގަދަ އިންޒާރުތަކެއް ދީފައެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރްބީ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ކުޑަކުދިންނާ ގުޅޭގޮތުން ހުށަހެޅުނު ސައިބާ ކުށްތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ގުޅިފައިވަނީ ކުޑަކުދިންގެ ޖިންސީ ނާޖާއިޒު މަންޒަރުތައް އާންމުކުރުމާއި ހިއްސާކުރުމާއެވެ.

މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަންހެނުންގެ ފޭކު ވީޑިއޯތަކާއި ހަޑިމުޑުދާރު ކޮންޓެންޓް އުފެއްދުމަކީވެސް ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައި، ގޫގުލް، ޔޫޓިއުބް، އެކްސް އަދި ވަޓްސްއަޕް ފަދަ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އިންޑިއާގެ ޤާނޫނުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ވަނީ އަންގައިފައެވެ.

comment ކޮމެންޓް