އެސްއޯއީތަކަށް ޚާއްސަ ސްޓްރެޓެޖިސްޓެއް ހޯދަން އިއުލާނުކޮށްފި؛ މުސާރައަށް 46،000 ރުފިޔާ

ފިނޭންސް މިނިސްޓްރީ--

އެސްއޯއީތަކަށް ޚާއްސަ ސްޓްރެޓެޖިސްޓެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކޮށް، ސްޓޭޓް ޝެއާ ހޯލްޑިންގް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އޮނިގަނޑު ތެރޭގައި ހިމެނޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް "ޗީފް އެސްއޯއީ ފައިނޭންޝަލް އެންޑް ބިޒްނަސް ސްޓްރެޓަޖިސްޓް" ގެ މަގާމަށް ކޮންޓްރެކްޓް މުވައްޒަފެއް ނެގުމަށް ބޭނުންވާ ކަމަށެވެ.

އަދި މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު އައިޑީ ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ވަޒީފާ އަދާ ކުރިކަމުގެ ލިޔުންތައް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އެ ވަޒީފާގައި، މަހަކު ގާތްގަނޑަކަށް 46،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެއީ ބޭސިކް ސެލަރީގެ ގޮތުގައި 23،825 ރުފިޔާއާއި، އެލަވަންސްގެ ގޮތުގައި 15،690 ރުފިޔާ އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 370 ރުފިޔާއެވެ.

އެ މަގާމުގައި ހުންނަ ފަރާތުން އެސްއޯއީތަކުގެ ހާލަތު މޮނިޓާކުރުމާއި، ގެންނަންޖެހޭ ރިފޯމްތައް ގެނެސް، މާލީ ދެމެހެއްޓެނިވިކަން އިތުރު ކުރުމާއި ގަވަނެންސް ހަރުދަނާ ކުރުމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.

އެސްއޯއީތަކަށް ޚާއްސަ ސްޓްރެޓެޖިސްޓެއް ހޯދަން އިއުލާނުކުރިއިރު، ސަރުކާރުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ. ކޮރަޕްޝަންގެ އެކިއެކި މައްސަލަތަކާއި، ކުންފުނިތަކުގެ މެންޑޭޓްގެ ބޭރުން އެކިއެކި މަޝްރޫއުތައް ވެސް ގިނަ ކުންފުނިތަކަށް މިހާރު ވެސް ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް